ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު ވީތަނެއް ހޯއްދަވައިދެއްވާ، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާ އަދި ޢާއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ޕީޕީއެމުން ނޫސް ބަޔާނެއް ނެރެފިއެވެ.
ޕީޕީއެމްގެ މި ބަޔާނުގައި ވާގޮތުން އެޕާޓީގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު ބޭސް ފަރުވާއަށް ޢާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ދަތުރު ކުރައްވާ، ބެންގަލޫރުގައި ހުންނަވަނިކޮށް އިއްޔެގެ ވަގުތެއްގައި ވީނުވީއެއް ނޭނގި އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި އޭގެ ފަހުން ޢަބްދުއްޞަމަދުގެ އެއްވެސް ޚަބަރެއް ވީނުވީއެއް ޢާއިލާއަށްވެސް އަދި އެޕާޓީއަށްވެސް ލިބިފައެއްނުވާ ކަމަށާއި އިއްޔެގެ ވަގުތެއްގައި ޢަބްދުއްޞަމަދު ފޭސްބުކް އަށް ދޫކޮށްލައްވާފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އެބައޮތް ކަމަށެވެ. އަދި އިންޑިއާއިން މިއަދުގެ މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވާލާކަމަށް ޢަބްދުއްޞަމަދުގެ ގާތް ރަޙުމަތްތެރިންގެ ފަރާތުން މަޢުލޫމާތު ލިބުނުނަމަވެސް، މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ގެނެވިފައެއް ނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ޢަބްދުއްޞަމަދު ވީނުވީއެއް ނޭނގި ގެއްލުމާގުޅިގެން ޕީޕީއެމްގެ ކޯލިޝަންގެ ފަރާތުން ވާނޫ ފޮރިން މިނިސްޓްރީއަށާއި، ޖެންޑަރ މިނިސްޓްރީއަށާއި ހިއުމަން ރައިޓްސްކޮމިޝަނަށް ސިޓީ ފޮނުވާފައި ކަމަށާއި އެގޮތުން ޢަބްދުއްޞަމަދު އާއި ބެހޭ މަޢުލޫމާތު އިންޑިއާ ސަރުކާރާއި ގުޅިގެން ހޯއްދަވައިދެއްވައި ޞަމަދާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް އެޕާޓީއާ ޙިއްސާކޮށް ދެއްވުމަށް އެދިފައިވާނެ ކަމަށްވެސް ޕީޕީއެމްގެ މި ބަޔާނުގައި ބުނެފައިވެއެވެ.
ޢަބްދުއްޞަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް ޢާއިލާއިން ބުނެއެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގިފައިވާއިރު، އަނބިކަބަލުންނާއި ދަރިފުޅަށްވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައި ކަމަށްވެއެވެ. ޕީޕީއެމްގެ ބަޔާނުގައި އެޕާޓީގެކޯލިޝަނުން ދެކޭގޮތުގައި އެއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލާ އެކޯލިޝަނުން ކުރިއަށް ގެންދާ އިޖްތިޖާޖުގައި އަޑު އުފުލަމުންދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޢަމަލެކެވެ.
ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުން މިއަދު މިތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާކަމެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ. އެހެންކަމުން މިކަން އެކޯލިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި މިހާރުން މިހާރަށް ޢަބްދުއްޞަމަދު ދޫކޮށްލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ވެއެވެ. ހަމަ އެއާއެކު ޢަބްދުއްސަމަދު ވީތަނެއް ހޯއްދަވައިދެއްވުމަށާއި، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އޭނާއާއި ބެހޭ މައުލޫމާތު ޢާއިލާއަށް ޙިއްސާ ކޮށްދިނުމަށާއި، މިވަގުތު އިންޑިއާގައި މަގުމަތިވެފައިވާ އޭނާގެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޕީޕީއެމްގެ ކޯލިޝަނުން ދިވެހި ސަރުކާރަށް ގޮވާލާކަމަށް ޕީޕީއެމްގެ ބަޔާނުގައި ތަކުރާރުކޮށް ވަނީ ބުނެފައެވެ.