މިއަހަރު ސެޕްޓެމްބަރ ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓް އުމަރު ނަސީރުގެ ކެންޕޭން ރިލޭއެއް މާރިޗުމަހު 10 ވަނަ ދުވަހު އޮންނާނޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ މިހަރަކާތް އޮންނާނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކަމަށެވެ. އޭނާއަށް ތާއިދުކުރާ ވީހާވެސް ގިނަ މީހުން އެހަރަކާތުގައި ބައިވެރިވުމަށް އުމަރު ވަނީ އެދިވަޑައިގެންފައެވެ.

އުމަރުގެ ރިޔާސީ ކެންޕޭން ހަރަކާތްތައް ރަސްމީކޮށް ފަށައިފައިވަނީ ފެބުރުވަރީ ފަހެއްގައެވެ. އެއަށްފަހު އޭނާ ގެންދަނީ ތާއީދު އިތުރު ކުރުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މަސައްކަތް ކުރައްވަމުންނެވެ.

ކެންޕޭން ފެށި ރަސްމިއްޔާތުގައި އުމަރު ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމުގައި ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށްދެއްވާނޭ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލައިގެ އިތުރުން މާރާމާރީގެ މައްސަލަތައް ވެސް ކޮންޓްރޯލް ކުރައްވާނޭ ކަމުގެ ޔަގީންކަން އުމަރު ދެއްވިއެވެ. އޭގެ އިތުރުން އިސްލާމީ ޝަރާއަތާގާތަށް ރާއްޖެ ގެންދިއުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންތިޚާބުގައި ނާކާމިޔާބު ވިޔަސް އެއްވެސް އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އަރައި މަސައްކަތް ނުކުރައްވާނޭ ކަމަށެވެ. "ބަލިވެއްޖެއްޔާ އަޅުގަނޑު ދެންވެސް ހުންނާނީ ގޭގައި،" އުމަރު ވިދާޅުވިއެވެ.