ތަަފާތު އެކި ރަަހަަތައް އެކި ކައްކާއިންގެ އަތުގެ ރަހަތަކުން ރަހަ ބެލުމަކީ ހަމަ ހިތަށް ހަމަޖެހުމެއް ގެނެސްދޭ ކަމެކެެވެ. ދިވެހިންގެ ވެސް މިހާރު އެންމެ އާންމު ކެއުންތައް ހިމެނެނީ ޕިއްޒާ، ސަބްމެރިން، ލަޒާނިއާ ކަހަލަ ބޭރު ރަހަތަކުންނެވެ. އެހެންނަމަވެސް ދިވެހި ކަނޑުމަހުގެ ގަރުދިޔައާއި ދިވެހި ކަނޑުކުކުޅާއި ކަނޑުމަހުގެ ބާވަތްތަކުގައި އެހުންނަ ރަހަ އަކީ މުޅިން ތަފާތު ހިތްހަމަޖެހުމެއް ގެނެސްދޭ ރަހަތަކެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އިންސްޓަގްރާމްގައި އެތައް ފުޑްބްލޮގާ އިން ތިބި އިރުވެސް ސާ-ސަމާހަތުގެ ފުޑްބްލޮގް ގައި އެހުންނަ ކާތަކެތި ފެނުމުން ލިބިގެންދާ ތަފާތު ހިތްހަމަޖެހުމާއި އެރަހަތަކުގެ ހަނދާނަށް ކުޅުދިޔާވާ ވަރެވެ. ހަމަ ފިސާރި ތެދެކެވެ. މުޅި އިންސްޓަގްރާމްގައި އެވަރެއް ނެތެވެ.

މާލެސިޓީއަށް އުފަން ސަމާހަތު އަބްދުއްސައްތާރުގެ ބްލޮގްގައި ހުންނަ އޭނާގެ އަތުގެ ރަހަ ފެންނަ ކާތަކެއްޗާއި އޭނާގެ ހެވިފައި ހުންނަ ރައްޓެހި މިޒާޖުގައި ފުރެންދެން އޮތީ ހިތްހެޔޮކަމާއި ލޯތްބެވެ. "ހަލި" ނޫހުގެ ފަރާތުން ސަމާހަތާ ވާހަކަ ދައްކާލިވަގުތު އެއީ އަލަށް ދިމާވި ފަރާތެކޭ ހީވާނެ އެއްވެސް ތަނެއް ނެތެވެ. ހެވިދިއްލިފައި ހުރެ ސަމާހަތު އޭނާގެ ވާހަކަތައް ކިޔައިދިނީ ހުޅުވިފައި އޮތް ފޮތަކުން ފަރިތަކޮށް ކިޔަންފެށި ވާހަކައެއް ހެނެވެ.

ސަމާހަތު ބަދިގެތެރޭގައި ނޫޅޭ ހަނދާނެއް އޭނާގެ ނުވެއެވެ. އެޒަމާނަކީ ވަރަށް ކެއްކުމާއި ޖާފަތުގެ ބޮޑު ޒަމާނަކަށްވީއިރު ސަމާހަތުގެ ގެ ހިމެނިފައި ވަނީ އޭގެ ތެރެއިން އެންމެ ކުރީގައި އެމަސައްކަތް ކުރާ އާއިލާ އެއް އުޅޭ ގެއަކަށެވެ. އެހެންކަމުން އަބަދުވެސް ގޭގައި އޮންނަ ކެއްކުންތަކުގައި ބައިވެރިވާ ހިތުން ބަދިގެއަށް ވަދެއެވެ. އެހެން ވަދެ އުޅުމުގެ ތެރޭގައި ދިމާވެފައި ހުރި ބައެއްކަހަލަ ކަންތައްތަކަކީ މިހާރުވެސް ހުނުން ހުއްޓާނުލެވޭ ކަހަލަ މަޖާ ކަންތައްތަކެއް ކަމަށް ސަމާހަތު ބުންޏެވެ.

ސަމާހަތުގެ އުފެއްދުންތަކެއް....ސާސަމާހަތު އިންސްޓާފުޑްބްލޮގުން ނެގިފައި

އާއިލާއެއްގެ ދެވަނަ އަންހެން ދަރިފުޅަށް ވީއިރު ސަމާހަތާ އެންމެ ގާތްމީހަކީ އަބަދުވެސް އޭނާގެ މަންމައެވެ. ސަމާހަތުގެ ކެއްކުންތަކާއި ކެއުންތަކަށް މިހާ ބޮޑު ތަރުހީބެއް ލިބެނީ އޭނާ މާމޮޅު ކެއްކުންތަކެއް ނޫނީ މާ ފެންވަރު މޮޅު ގޮތްތަކެއް ހަދާތީ ނޫނެވެ. އެކަމަކު ދިވެހިންނަށް ކަމުދާނެހެން ބޭރުގެ ރަހަތައް މޮޑިފައި ކުރާ ގޮތުންނެވެ. ސަމާހަތު އޭނާގެ ފީޑުގައި ކާނާ ތަށިތައް ހިއްސާކުރަން ފެށީ ކޮންމެހެން "ފުޑް ބްލޮގާ" އަކަށް ވާން ހިތުލައިގެނެއްވެސް ނޫނެވެ.

ސަމާހަތުގެ އުފެއްދުންތަކެއް....ސާސަމާހަތު އިންސްޓާފުޑްބްލޮގުން ނެގިފައި

އެކަމަކު 2018އިގަ saa-samaahath ގެ ނަމުގައި ސަމާހަތު ހުޅުވާލި ފުޑްބްލޮގުގައި މިއަދު 22.4k ފޮލޯވަރސް އެބަތިއްބެވެ. ޕޯސްޓްކުރަމުންދިޔަ ކާއެއްޗިއްސަށް މީހުންގެ ފަރާތުން ލިބޭ ލޯތްބާއި ތަރުހީބާ އެކު ސަމާހަތު މިކުރާ މަސައްކަތުގައި އޭނާގެ ހުރިހާ ވެސް މީހަކީ އޭނާގެ މަންމައެކެވެ. މަންމަގެ އަތުގެ ރަހަތައް ގެންނަން ނޭނގުނުނަމެސް މަންމަގެ އިރުޝާދަށް ސަމާހަތު ކަމޭހިތައެވެ. މަންމައަކީ ސަމާހަތުގެ އެންމެ ގާތް އެކުވެރިޔާއެވެ.

ސަމާހަތުގެ އުފެއްދުންތަކެއް....ސާސަމާހަތު އިންސްޓާފުޑްބްލޮގުން ނެގިފައި

"އަޅުގަނޑުގެ ފޮލޯވަރސް ފޮނުވާ މެސެޖް ތަކުން ވަރަށް ހިތްހަމަޖެހޭ." ސަމާހަތު އޭނާއަށް މިކަމުގެ ތެރޭގައި އުޅުމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބައިކަން ހިއްސާކުރަމުން ބުންޏެވެ.

އެމީހުންނަށް އެކިކަހަލަ ޑިޝް ތައްޔާރު ކުރާގޮތް ބްލޮގުން ފެންނަގޮތުން ފަސޭހަވުމާއި އަލަށް ކާތަކެތި ތައްޔާރު ކުރާ އާ ކުދިންނަށް އެހީތެރިވެވޭތީ ވަރަށް އުފާވާ ކަމަށް ސަމާހަތު ބުންޏެވެ. ހަމަ އެހެންމެ ވޭތުވެދިޔަ ދެ އަހަރު ދުވަސްތެރޭގައި ގާތްގަނޑަކަށް 20 ހާހަށްވުރެ ގިނަ ފޮލޯވާސް ލިބުން ސަމާހަތު ފާހަގަ ކުރަނީ މީހުން އޭނާގެ ފުޑްބްލޮގް ބަލައިގަތް ކަމުގެ ޔަގީންކަމެއްގެ ގޮތުގައެވެ. އެކަމުން އޭނާއަށް ލިބޭ ހިތްހަމަޖެހުން ބޮޑެވެ.

"ޕެއިޑް ޕާޓްނާސް، ނުވަތަ ކޮލަބްރޭޓް ވާ ފަރާތްތަކުން އެބޭފުޅުންގެ ވިޔަފާރި އަށް އަޅުގަނޑުގެ ސަބަބުން ކުރިއެރުންލިބޭ ވާހަކަ ހިއްސާ ކުރުމުން ވަރަށް އުފާވޭ." ސަމާހަތު އޭނާގެ ހިތްހަމަޖެހުމާއި އުފާވެރިކަން "ހަލި" ނޫހަށް ހިއްސާ ކުރަމުން ބުނެފައިވެއެވެ.

"އެންމެ އުފާވަނީ ވަރަށް ގިނައިން އަންނަ ކޮމެންޓެއް، ބޭރުގައުމުގެ މީހުންްނަށް ދިވެހި ކެއުންތައް އަޅުގަނޑުގެ ބްލޮގުން ފެންނަކަމަށް ބުނާތީ." ސަމާހަތު ބުންޏެވެ.

މިއީ ހަގީގަތުގައިވެސް ސަމާހަތު ކުރާހިތުން ކުރާ ކަމެކެވެ. އޭނާގެ ފަރާތުން ބަޔަކަށް އެއްޗެއް އުނގަންނައިދެވޭ ކޮންމެ ކަމަކީވެސް އޭނާ ކުރާ ހިތުން ކުރާ ކަމެކެވެ. މިދާއިރާއިން ނުފެނުނުނަމަ ފެނުނީހީ މާސްޓާސް ޑިގްރީއަކާއެެކު ބައިނަލްއަގުވމީ ވިޔަފާރިއަކުން ކަމަށް ބުނެފައި ސަމާހަތު ބުނީ އޭނާގެ ހަގީގީ ޕްރޮފެޝަންއަކީ ބިޒްނަސް މެނޭޖްމަންޓު ކަމަށެވެ. މީގެ ކުރިންވެސް ވަޒީފާ އަދާ ކުރީ ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއްގެ ޑިރެކްޓަރ ޖެނެރަލް ކޯޕަރޭޓް އެފެއާސްގެ މަގާމުކަމުން އަދިވެސް ފެނުނިއްޔާ ފެންނާނީ ވިޔަފާރި ދާއިރާއެއްގެ ކޮންމެވެސް ދިމާއަކުން ކަމަށް ސަމާހަތު ބުންޏެވެ.

މިއީ ނަފާވެރި ކަމެކެވެ. ސަމާހަތު މިކަން ކުރަނީ މާބޮޑަށް ވިޔަފާރިއަކަށް ވިސްނައިގެން ނޫންނަމަވެސް އޭނާގެ ބްލޮގަށް ލާ މަދު ތަކެއްޗަށް އެލިބޭ ތަރުހީބުން މިކަމުގައި ހުރި މަންފާ ހާމަވެގެންދެއެވެ.

"ވަރަށް ހާސްވޭ ޕެއިޑް ޕްރޮމޯޝަން ނޫނީ ކޮލަބްރޭޓް ވާ ފަރާތްތަކުގެ ކޮންޓެންޓް އެފަރާތް ހިތްހަމަޖެހޭ ވަރަށް ނުހެދިދާނެތީ. އެކަމަކު މާޝާﷲ ވަރަށް ތަރުހީބު ލިބޭ ހުރިހާ ޕާޓްނަރުންގެ ފަރާތުންވެސް." މިކަމުގައި އެންމެ އުނދަގޫ ވަނީ ކޮންކަމެއްގައިތޯ އަހާލުމުން ސަމާހަތު ބުނެފައިވެއެވެ.

ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ކަމަށް ހޭދަ ކުރަން ޖެހޭ ވަގުތު ގިނަކަމާއި ކުޑަ އެެއްޗެއް އުފައްދަންވެސް ކުރާ މަސައްކަތްތައް ކަމަށް ސަމާހަތު ބުނެފައިވެއެވެ. ތެދެކެވެ ބަލާލޮލަށް ފެންނާނީ ހިތްގައިމު ތަށްޓެއްގައި އެތުރިގެންދާ ކާނާގެ ވައްތަރެކެވެ. އެންމެ 30 ސިކުންތުގެ އެވީޑިޔޯކޮޅު ހެދުމަށް ކޮންޓެންޓާ ކުރާ މަސައްކަތް ހިތަކަށްވެސް ނުގެނެވޭނެއެވެ.

ސަމާސާ މިޒާޖެއްގެ އަބަދުވެސް ހެވިލާފައި އުފާވެރިކަމާއެެކު މީހުންނާ ބައްދަލުވެ ވާހަކަ ދެއްކުމުގައި ނުހަނު ރައްޓެހި ސަމާހަތުގެ ކާމިޔާބީގެ އެންމެ ބޮޑު އެހީތެރިންނަކީ އޭނާގެ މަންމައާއި އާއިލާއެވެ. އާއިލާގެ ތެރޭގައި އެގޭގައި ދިރިއުޅޭ ބަންގްލަދޭޝް ބިދޭސީއެއްވެސް ހިމެނެއެވެ. ދެން އިތުރަށް ރައްޓެހި ރަހުމަތްތެރިންނާއި އޭނާގެ ފުޑްބްލޮގްގެ ފޮލޯވާސް އެވެ. މިއެންމެނަށްވެސް ސަމާހަތު ފަށްފަށުން ޝުކުރު އަދާކުރެއެވެ.

ކާމިޔާބީއަކީ ހެއްދެވި ފަރާތުގެ ވާގިއާއެކީ ކޮންމެކަމެއްގައިވެސް އިހުލާސްތެރިވުމުން ލިބެން ފަސޭހަ އެއްޗެއްކަން ފާހަގަ ކުރި ސަމާހަތުގެ ދުވަސްތަކާއި ރޭތައް ހޭދަވަމުން ދަނީ އާއިލާއާއެކު އޭނާ ކުރަމުން މިދާ ކަންތައް ކުރިއެރުވުމުގައި ހިތްވަރާއެކު މަސައްކަތް ކުރުމުގައެވެ. ކުރިއަށް އޮތް ރޯދަމަހުގައި ސަމާހަތުގެ އަތުގެ މީރުރަހަތައް ގިނައިން ލިބޭނެކަމުގެ އުންމީދުގައި އެތައް ބަޔަކު އެބަތިއްބެވެ. އަދި އޭނާގެ އިރުޝާދުތަކަށް ބަލަބަލައިވެސް ބަޔަކު އެބަތިއްބެވެ. "ހަލި"ނޫހުގެ ފަރާތުން އެދެނީ ސަމާހަތުގެ ފުޑްބްލޮގަށާއި ސަމާހަތަށް ފާގަތި ކާމިޔާބީތަކާއި ފަހި މުސްތަގުބަލެއް ލިބުމެވެ.