މިއަހަރު ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ރިޔާސީ ޓިކެޓް މިރޭ ހަވާލުކޮށްފިއެވެ.
ޓިކެޓު ހަވާލު ކުރުމަށް ކާނިވާސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހާ ޓީކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
ރައީސް ސާލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިގެންނެވެ. އެހެންނަމަވެސް އެ އިންތިޚާބު އަލު ބާއްވައި ދިނުމަށާއި ރިޔާސީ ޓިކެޓު ހަވާލުކުރުން ލަސް ކޮށްދިނުމަށް ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.
މިރޭގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މިރެއަކީ ވެސް ކަމެއްގެ ފެށުން ކަމަށެވެ. އެއީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ ގާތަށް ފިޔަވަޅެއް އެޅުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ.