ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެމައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފިއެވެ.

ކާނަލްގެ މި އަޑުއެހުމަކީ މާލޭގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ކުރިއަށް ގެންދާ އަޑުއެހުމެކެވެ..

މި މައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

މިދިޔަ އަހަރު އެއްޖިންސުން އަލަމްގީރާ އެކު ބަޔަކު ޖިންސީ ގުޅުން ހިންގި ވީޑިއޯތަކެއް ލީކު ވުމާ ގުޅިގެން އެ މައްސަލައިގެ ފުލުހުން ތަހުގީގަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ބޭނުންވާ ވަރަށް ހެކި ނެތިގެން ދައުވާނުކުރެވި ގިނަ ބަޔަކު ދޫކޮށްލިއެވެ.

ކާނަލްގެ އިތުރުން އެ މައްސަލައިގައި ދެން އެމީހުންގެ ތެރޭގައި ހިމެނެނީ، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއުއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ދައުވާކޮށް އޭނާގެ މައްޗަށް، ތިން މަހާއި 26 ދުވަހުގެ ގޭބަންދު ކުރުމުގެ ހުކުމުގެ މުއްދަތު ހަމަކޮށް، އޭނާ ވަނީ މިނިވަން ވެފައެވެ.