އުތުރު ކޮރެއާއިން ދިގު ރާސްތާ ބެލިސްޓިކް މިސައިލެއް މިއަދު ހަވީރު ޓެސްޓް ކޮށްފިކަމަށް ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ވިދާޅުވެއްޖެއެވެ.

އުތުރު ކޮރެއާއިން ދިގު ރާސްތާ ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފައި މިވަނީ، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ފެށުމަށް ތައްޔާރު ވަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެކަން އިއުލާން ކުރުމަށްފަހުއެވެ.

ޖަޕާނުގެ ޕްރައިމް މިނިސްޓަރ ފުމިއޯ ކިޝިޑާ ވިދާޅުވީ މިސައިލް ވެއްޓުނީ ޖަޕާނުގެ އިކްނޮމިކް ޒޯންގައި ހިމެނޭ، ޖަޕާނުގެ އުތުރުގެ މައި ރަށް ކަމުގައިވާ ހޮއްކައިޑާ ކަނޑުގެ ސަރަހައްދަށް ކަމަށެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީއިން ބުނީ މިސައިލް ވެއްޓުނީ މިސައިލް އުދުއްސާލި ވަގުތުން ފެށިގެން އެއްގަޑިއިރު ދަތުރު ކުރުމަށް ފަހު 900 ކިލޯ މީޓަރު ދުރަށް ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން އަސްކަރީ ތަމްރީންތައް ހެދުމަށް ތައްޔާރުވާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް އުތުރު ކޮރެއާއިން މިސައިލް ޓެސްޓްތައް ކުރެއެވެ. އަދި އިތުރު ކޮރެއާއަށް ބިރު ދެއްކުމަށް އެމެރިކާއިން ހިންގާ އެއްވެސް ހަރަކާތަކަށް ނުސިހޭނެކަމަށްވެސް އުތުރު ކޮރެއާއިން ބުނެއެވެ.