އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޢަބްދުއްސަމަދަށް ޖޯކު ޖައްސަވާފައި ކަމަށާއި އެކަމަށްޓަކައި އަބްދުއްސަމަދު ގާތުން މައާފަށް އެދުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޮލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ވަޒީރަކު ޖޯކު ޖެއްސެވުން ބަލައި ނުގަންނަ ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެބަޔާނުގައި ބުނެފައިވަނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި (އިންޑިއާ) އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާޢީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން މާރިއާ އަޙްމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތްކުރެއްވުން ބަލައެއް ނުގަނެވޭ ކަމަށެވެ.
"އިންޑިއާގެ ބީޖޭޕީ ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ކިޔާ، އިންޑިއާ ރުއްސުމަށްޓަކައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އިންޑިއާއިން ބޭރުކޮށްލި ދިވެހި ދަރިއަކަށް (ޢަބްދުއްޞަމަދަށް) ޖޯކު ޖައްސަވާ މާރިއާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޢާފަށް އެދުމަށްވެސް މާރިއާ އަޙްމަދު ދީދިއަށް ގޮވާލަމެވެ." އެބަޔާނުގައި ވެއެވެ.
ދިވެހި ސިފައިންނާއި ފުލުހުންނަކީ ގައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް ގައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާ ކުރިމަތިލާން ތައްޔާރަށް ތިބި ބައެއް ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން "އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މިގައުމަށް ހަރާންކޯރު ނުވާނެ ކަމާއި ކޮންމެ ވަގުތަކުވެސް ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ނުކުންނަވާނެކަމީ މިކޯލިޝަނުން ޔަޤީން ކުރާކަމެކެވެ."
އެ ކޯލިޝަނުން ބުނެފައިވަނީ ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވައި، ޖޯކު ޖައްސަވާ ޢާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވާ ބޭފުޅަކު ދިފާޢީ ވަޒީރުކަމުގައި ހުންނެވުން އެއީ މިސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ކުރާ މިންވަރު ކަމަށެވެ.
"ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތައް ދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި، އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މިސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެކެވެ. މިކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް މިފުރުޞަތުގައި ގޮވާލަމެވެ."