އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރި ރަސްމިއްޔާތަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެންނެވުމަކީ ވަރަށް ދެރަވަރު ހުތުރު އަމަލެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ޑިމޮކްރަސީގެ ރީތި ހަމަތައް ގަބޫލުކުރާ ކޮންމެ މީހަކު ވެސް އިންތިޚާބަކުން ބަލިވެއްޖެނަމަ އެ ބަލިގަބޫލުކުރަންޖެހޭނޭ ކަމަށެވެ. "އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތަށް ރައީސް މުހައްމަދު ނަޝީދު ވަޑައިނުގަތުމަކީ ވަރަށްދެރަވަރު ހުތުރު އަމަލެއް،" ޝަރީފް ވިދާޅުވެފައިއެވެ.

ޝަރީފް ވިދާޅުވެފައިވަނީ އެމްޑީޕީ ވިޔަސް އަދި އެހެން ޕާޓީއެއް ވިޔަސް ޕާޓީގެ ރައީސާއި ޕާޓީގެ އެހެން އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެޕާޓިއެއް ކުރިއެރުވުމަށާއި ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް ކުރަންވާނޭ ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރުމަށް އެއްވެސް ޕާޓީއެއްގެ އަސާސީ ގަވާއިދު ތަނެއް ނުދޭ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިމަހު 17 ވަނަދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެޕާޓީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ވެސް ވަޑައެއް ނުގަންނަވައެވެ.