ލ. އަތޮޅު މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ފެނަކައާ ހަވާލުކުރެއްވީ މާބައިދޫ ކައުންސިލުންނެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވައިފިއެވެ.
ފެނަކައިން ވިދާޅުވެފައިވަނީ މިއީ މާބައިދޫ ހިމެނޭ ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނޭގޮތް މެދުވެރި ކޮށްދިނުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ. މި އައިސްޕްލާންޓުގެ ސްޓޯރޭޖު ކެޕޭސިޓީއަކީ 50 މެޓްރިކް ޓަނެކެވެ.
މި އައިސް ޕްލާންޓު ގާއިމްކޮށް ހިންގުމަށް ދީފައިވަނީ 10 އަހަރެވެ. މި މަޝްރޫއަށް ހަތަރު މިލިއަން އަށްލައްކަ ރުފިޔާ ޚަރަދުވާނޭ ކަމަށް ފެނަކައިން ލަފާކުރައްވައެވެ.
މި އައިސް ޕްލާންޓު ތަރައްގީ ކުރުމާއެކު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު އައިސް ލިބުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ލުއިފަސޭހައެއް ލިބިގެންދާނޭ ކަމަށް ފެނަކައިން އުންމީދު ކުރައްވައެވެ. މީގެ އިތުރުން އެ ރަށުގެ އުމްރާނީ ތަރައްގީއަށް ވެސް ކުރިއެރުން ލިބިގެންދާނޭ ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިޕްލާންޓުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ލިބޭ ނަފާ އިތުރުވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މިއީ މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގްތިސާދަށް ކޮށްދެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.