މާދަރީ ބަހުގެ ދުވަހެއް ފާހަގަ ކުރާއިރު އަދު އަހަރެމެން ވިސްނަންވީ އަހަރެމެންގެ މިލޮބުވެތި ރީތި ބަސް ކުރިއަރުވައި އާލާ ކުރަން އަހަރެމެންނަށް ކުރެވޭނީ ކީއްތޯއެވެ. އަހަރެމެންގެ ދަރިންނަކަށް ކަމަކު ނުދެއޭ މިއީ ވާވަރުގެ ކަމެއް ނޫނޭ ކިޔާފައިވެސް ވާހަކަ މިދައްކަނީ ހަމަ މިދިވެހިބަހުން ނޫންހެއްޔެވެ. އެހެންވީއިރު މިބަސް އާލާކޮށް ތަރައްގީ ކުރުމަކީ އަހަރެމެންގެ ޒިންމާއަކަށް ނުވޭތޯއެވެ.

ބަހަކީ އަދިވެސް އަހަރެމެންގެ އަތްމަތީގައި އޮތް އަހަރެމެންގެ އަމިއްލަ މިލްކިއްޔާތެކެވެ. އެހެންކަމަށްވާނަމަ އަދިވެސް އަހަރެމެންނަށް މިކަން ރަނގަޅު ކުރެވިދާނެއެވެ. މިހިސާބަށް ކަންތައް އައިސްފައި އޮތް ސަބަބުތައް ދެނެގަނެ އެސަބަބުތައް ރަނގަޅު ކުރެވޭތޯ ހިތްވަރު ކުރެވިދާނެއެވެ. ބަހުގެ ތެރެއަށް އެހެން ބަސްތައް ހިމަނައި މަސްހުނި ކޮށްގެން ވާހަކަ ދެއްކުމަކީ އަހަރެމެން އެހާ ބޮޑަށް ހާސްވާންވީ ކަމަކަށް ނުވިޔަސް އެކަމުން ދެން ނުކުންނަ ގޯސްނަތީޖާއާ ހަމައަށް ދިޔުން ހުއްޓުވުމަކީ ކުރެވޭނެ ކަމެކެވެ. ބައެއް ފަހަރު ދިވެހި ބަހުން ބުނަން ބޭނުންވާ އެތި، ދިވެހި ބަހުން ބުނަން ފަސޭހަ ނުވުން، ދިވެހިން ބުނެފިއްޔާ އަނެކުންނަށް ކުރާ އިހުސާސާއި ދެކެވޭ ގޮތް މާ ކަމުނުދިއުން ފަދަ ކަންތައްތަކުގެ ސަބަބުން އެހެންބަހަކުން އެ ބުނަންބޭނުންވާ އެތި ބުނެވޭ ގޮތްވެއެވެ. އެއްކަލަ ދިވެހިން ބުނި އެތި އިނގިރޭސިން ނުވަތަ އެހެން ބަހަކުން ބުނުމުން އެއިހުސާސްވާ އުނދަގޫ އިހުސާސްކުރަން ނުޖެހެއެވެ. މިފަދަ ކަންތައްތަކާ ހެދި ދިވެހިބަހަށް އިސްކަން ނުދިނުމަކީ އަދި އަހަރެމެން މާޔޫސްވެ އަތް ފޮޅާލައި ދާންވީ ސަބަބެއްވެސް ނޫންތާއެވެ.

މާދަރީދުވަހެއް ފާހަގަ ކުރަމުން ދާ އިރު މިއަދު ސުކޫލުތަކުގައި ދަރިވަރުންނަށް މިދުވަހާ ބެހޭ ގޮތުން ކިޔައިދީ އުނގަންނައިދޭނެއެވެ. މިދުވަސް މުހިންމުވާންވީ ސަބަބާއި މާދަރީބަހަށް އަހުލުވެރިވުން ލޮބުވެތިވާން ޖެހޭކަމާއި ލިބިފައި އޮތް ފަހުރެއްކަމަށްވާ އަމިއްލަ ބަހެއްކަމަށް ވުމަކީ ފަހުރެއްކަން ކިޔައިދޭނެއެވެ. އެކަމަކު އެތައް ކުދިންނެއްގެ ތެރެއިން މުދައްރިސު ކިޔައިދިން އެވާހަކަތައް ފަހުމުވާނީ ކިތައް ކުދިންނަށް ކަމެއް ނޭނގެއެވެ.

މިއީ މިހާރު ދިވެހިބަހުގެ މަގާމެއް ނެތްވަރު ހާމަވާ ކަމަކަށް ނުވޭތޯއެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް ހޭވެރިކަން ވެގެން ބަސްކިޔޭވަރު ވެގެން އަންނަ އިރު އުނގަންނައިދޭ ފުރަތަމަ ދެބަހަކީ "މަމީ" އާއި "ޑެޑީ، ޑެޑާ" އެވެ. ދިވެހި ބަހުގައި އޮންނަ "މަންމަ، ބައްޕަ" ކިޔަންވީމަ ކުދިން ލަދުގަނެ، ކަޓު އިހުސާސްވުމަކީ މައްސަލައަކަށް ވެގެން އެވާހަކަ އެއްވެސް ހާލެއްގައި ދައްކާނެ ކަމެއް ނެތެއް ނޫންހެއްޔެވެ. މާމާ، ކާފާ އޭ ކިޔާ ގޮވުމުގެ ބަދަލުގައި ގްރޭނީ، ގްރޭންޑްޕާ، ނުކިޔަންޏާ މިއީ ތަހުޒީބުވެފައި ހުރި، ޒަމާނަށް ފެތޭ ކުއްޖަކަށް ނުވެއެވެ. އާއިލީ ނަންތަކަށް މިހެން ވެފައި އޮތް އިރު އައްސަލާމްއަލައިކުމް ކިޔާ ގޮވައިފިއްޔާ ސަލާން ޖަހާ މީހަކު ކަމަށް ހީވުމަކީ ހަމަ އެއްވެސް ކަމެއް ނޫނެވެ. ސަބަބަކީ އަދުގެ ޖީލަށް އެނގެނީ ހައި، ހެލޯ، ހައު އާ ޔޫ ކަމަށްވާތީއެވެ.

ބަހުގެ މާހިރުން ވިދާޅުވާ ގޮތުގައި އެމީހެއްގެ މާދަރީ ބަހަށް އަހުލުވެރިވެ ކުރިއަރައިފި މީހާ އެހެން ހުރިހާ ބަހެއްގެ އަހުލުވެރިއަކަށް ވާނެއެވެ. ދިރާސާތަކާއި ހޯދުންތައް ދައްކާ ގޮތުގައި އެމީހެއްގެ އަމިއްލަ މާދަރީ ބަހަށް ފަރިތަވެ މޮޅުވެއްޖެ މީހަކު އެހެން ބަސްތައް ދަސްކުރުން މާބޮޑަށްވެސް ފަސޭހައެވެ.

ކަންއޮތީ މިހެން ކަމުގައި ވިޔަސް މިއަދު ހެދިބޮޑުވަމުން އަންނަކުދިންނަށް އެންމެ ފޫހި، ނިދި އަންނަ، ނަފުރަތުވާ މާއްދާއަކީ ދިވެއްސެވެ. އެހެންކަން ވުމުގެ ނަތީޖާއަކީ މުސްލިމުގައުމެއްގައި ހެދިބޮޑުވަމުން އަންނަ ކުދިން އިސްލާމް މާއްދާއަށް ފޫހިވުމެވެ. ދިވެއްސާއި އިސްލާމް ކިޔަވައިދޭ މުދައްރިސުންނަށް މިއީ ކިހާބޮޑު ތެދެއްކަން އިހުސާސް ވާނެއެވެ. އުނގަންނައިދިނުމުގެ ތެރޭ އެތަކެއް އަހަރުވެފައިވާ އިނގިރޭސި ޓީޗަރެއްކަމަކު ދިވެހިބަހަށް އޭނަ ލޯބިކުރާވަރަކީ އޭނާގެ އިތުރު ހުސްގަޑިތަކުގައި ހިލޭސާބަހަށް ކުދިންނަށް ދިވެހި އުނގަންނައިދިނުމަށް ހޭދަކުރުމެވެ. މިތަޖުރިބާކާރު މުދައްރިސާ މިއަދު ކޮށްލި ސުވާލަކަށް ޖަވާބުދެމުން ބުނީ ދިވެހިބަސް ނެތި ނިމިދަނީ ކަމަށެވެ.

"ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުތެރޭ ވަރަށް ރަނގަޅަށް މިމަންޒަރު ފެނިއްޖެ. ދިވެހިބަހުން ވާހަކަ ދައްކަން ނޭނގޭ ކުދިން މަޑުމަޑުން ގިނަވަމުން އައިސް އަދު މަދު ބަސްތައް ނޫނީ އެއްވެސް ބަހެއް ނޭނގޭ ކުދިންވެސް މަދެއް ނޫން. މީގެ ޒިންމާ ނަގަންޖެހެނީ ހަމަ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ދަރިން ދިވެހި ބަހާ ދުރު ކުރުވީ އަޅުގަނޑުމެން. ދެން މިއަދު ސުކޫލަށް ފޮނުވާ އިސްލާމަކީ ހާއްސަ މުހިންމު މާއްދާއެކޭ ބުންޏަސް ކުއްޖާއަކަށް އެމާއްދާ މުހިންމުނުވާނެ. އެއީ އޭނާއަށް ނޭނގޭ ބަހަކުން ކިޔަވައިދޭ މާއްދާއެއްވީމަ."

އިސްލާމާއި ދިވެހި އުނގަންނައިދޭ މުދައްރިސަކު ބުނި ގޮތުގައި ކުލާހުގައި ފިލާވަޅު ނަގައިދޭން ފެށުމުން "މިސް އިނގިރޭސިން ކިޔަވައިދީބަލަ އިސްލާމްވެސް ދިވެހިވެސް އޭރަށް އެނގޭނެ." މިހެން ކިޔާ ކުދިން ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. ބެލެނިވެރިން ކުދިން މިދެމާއްދާއާ އަހުލުވެރި ނުވާތީ މުދައްރިސުންނަށް އާދޭސް ދަންނަވައިގެން އެކުދިންނަށް ދިވެހި އިސްލާމް ކިޔަވައިދޭން އަންނަ މުދައްރިސުން ކިތަންމެ މޮޅަސް އުނގެނެން ހުރި ކުއްޖާ ބޭނުންނުވާނަމަ ވަކި މުދައްރިސަށް ކުރެވޭނެ ކަމެއް އޮންނާނެބާވައެވެ.

ދިވެހިބަހުން ވާހަކަ ދައްކަން ލަދުގަންނަ ކުދިން ގިނަވަމުންދަނީ ސަބަބެއް ނެތިއެއް ނޫނެވެ. މޮޅަށް އިނގިރޭސިން ވާހަކަ ނުދައްކާނަމަ އެކުއްޖަކަށް މަލާމާތާއި ފުރައްސާރަ ކުރިމަތިވެއެވެ. ވަޒީފާތަކަށް ނުކުންނަ އިރު އިނގިރޭސިން ވާހަކަ ދެއްކުމާއި މޮޅަށް އިނގިރޭސި އެނގުން އައުލާކަން ބޮޑެވެ. ގިނަ ކުދިން ބުނާ ގޮތުގައި ދިވެހިން ކިތަންމެ މޮޅުވިޔަސް ލިބޭނެ ވަޒީފާއެއް ލިބޭނެ ކުރިއެރުމެއްވެސް ނެތެވެ. މުސްތަގުބަލު އުޖާލާ ކުރަންޏާ އިނގިރޭސިބަހަށް އަހުލުވެރިވުން މާބޮޑަށްވެސް މުހިންމެވެ.

ކޮންމެއަކަސް މިއަދު މާދަރީބަހުގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު މިއީ މުހިންމު ކަމެއްކަން ދެނެގަނެ ކުދިން ދިވެހިބަހަށް އަހުލުވެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފެށެން އޮތީ ކޮން ހިސާބަކުންތޯ ބެލުން މުހިންމެވެ. ހުދު އަޅުގަނޑުމެން އަމިއްލަ އަތުން އަމިއްލަ ބަހާއި އަމިއްލަ ސަގާފަތް ނަގައި އެއްލާލުމަށްފަހު އެހެންބައެއްގެ ކުލައިން ކުލަ ޖެހުމުގެ ނަތީޖާ މިއަދު ފެންނަވަރަށްވުރެން މާދަމާ މާބޮޑަށްވެސް ދެރަވާވަރުގެ އަދި އަނބުރާ ރަނގަޅު ނުކުރެވޭވަރުގެ ކަމެއްވެސް ހިނގާފާނެއެވެ. އަދުގެ މުނާސަބާގައި ދިވެހި ބަހަށް އަހުލުވެރިވުމަށް އަޒުމު ކަނޑައަޅައި އެއަށް އަމަލުކުރުން މާބޮޑަށްވެސް މުހިންމެވެ.

ދިވެހިބަހުގެ ފުންނާބުއުސް ފަރާތަކުން ވިދާޅުވެފައިވާ ގޮތަށް،

"މާދަރީ ބަސް ދިރުވުމަށް އެންމެން ނުއުޅެ ވާކަށް ނެތޭ

މާދަމާއަށް ފަހި ވެދާހެން އިސް ނުކޮށް ވާކަށް ނެތޭ."