ބޭންކު އޮފް މޯލްޑިވްސްގައި އާންމުން ހުޅުވާފައިވާ އެކައުންޓް ތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލު ކޮށްދެއްވިމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލައިފިއެވެ.

އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރަމަޟާން މަސް ބޯމަތިވެފައިވަނިކޮށް ރައްޔިތުންގެ ގިނަ ބައެއްގެ އެކައުންޓުތަކުން ވީނުވީއެއް ނޭނގޭ ގޮތަށް ފައިސާ ގެއްލުމަކީ އެމީހުން ކަންބޮޑުވެ ހިތާމާކުރާނޭ ކަމެއްކަމަށެވެ. "މިހެންވެ، މި ޕާޓީއިން ބޭންކު އޮފް މޯލްޑިވްސް އަށާއި މޯލްޑިވްސް މަނިޓަރީ އޮތީރިޓީ އާއި މިފަދަ މައްސަލަ ބެލުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތްތަކަށް ގޮވާލަނީ ޝައްކުވާ އެމުއާމަލާތް ހިނގާފައިވާ ގޮތް އަވަހަށް ބައްލަވާ، ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް އެފައިސާ އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. އެކައުންޓެއްގައި ޖަމާކޮށްފައި ހުންނަ ފައިސާގެ ޓްރާންސެކްޝަން މަޢުލޫމާތަކީ ބޭންކަށް އެނގޭނެ މަޢުލޫމާތު ކަމަށްވާތީ، އެ ޝަކުވާތަކުގެ އަސްލަށް ވާސިލްވުމަކީ މާއުނދަގޫ ކަމަކަށްވާނެ ކަމަށް ގަބޫލު ނުކުރެވެއެވެ." އެ ބަޔާނުގައިވެއެވެ.

ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުތަކުން ގިނަ ޢަދަދަކަށް ފައިސާ މަދުވަމުންދާ ކަމަށް ބުނެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް، ބޭންކު އޮފް މޯލްޑިވްސް އާއި ޤާނޫނޫ ތަންފީޒު ކުރާ އިދާރާއާއި ބޭންކިންގގެ ދާއިރާގެ ބެލެނިވެރި ފަރާތް ކަމުގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ވެސް އެޝަކުވާތަކަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާތީ އެކަމާ ކަންބޮޑުވެ ހިތާމަ ކުރާ ކަމަށްވެސް އެމްއެންޕީން ބުނެފައިވެއެވެ.

ސަރުކާރުންވެސް އެ މައްސަލަތަކަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން އެކަން ބެއްލެވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކައުންޓުން ފައިސާ ގެއްލުނު މީހުންނަށް ޙައްގު ބަދަލު ސަރުކާރުން ދެއްވުމަކީ އެމްއެންޕީގެ އެދުމެއް ކަމަށް ބުނެފައިވެއެވެ.

"މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް މިޕާޓީއިން ނިންމާފައިވާތީ އެކަންވެސް މިފުރުޞަތުގައި، އެކައުންޓުން ފައިސާ ގެއްލުނު ފަރާތްތަކާއި ދިވެހި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެމްއެންޕީން ބުނެފައިވެއެވެ.