ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި ޕީޕީއެމް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ޙައްޤުތައް ނިގުޅައިގަނެފައިވާ ކަމަށް އެ ކޯލީޝަނުން ބުނެފިއެވެ.

ކޯލީޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް، ދައުވާ އުފުލާ އަވަސްއަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތްބާނައި ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމީ ދިވެހި ރައްޔިތުންގެ ތެރެއިން ރައީސް ޔާމީނަށް ތާއިދު ކުރާ މީހުން ޤަބޫލުކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރެވުނު ފުރަތަމަ ހުކުމަކީވެސް ޙައްޤު ނޫން ޙުކުމެއްކަން އިސްތިޢުނާފް މަރުޙަލާގައި ކަން ހިނގައިދިޔަ ގޮތުން އެނގެން އޮވެއެވެ. ހަމައެއާއެކު މިހާރު ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވާ މައްސަލައަކީވެސް ސިޔާސީ ނުފޫޒުން ކޮށްފައިވާ ޙަރާން ޙުކުމެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ވިސްނޭނެއެވެ. އެންމެ ފަހުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުން އިސްތިޢުނާފީ މަރުޙަލާއިން ބާޠިލު ވެގެން ދާނެކަމަށް ސަރުކާރަށްވެސް ޤަބޫލުކުރެވެން ފެށުމާއެކު، އިތުރު ދަޢުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ މިޕާޓިގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެ، އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމަށް އޮތް ފުރުޞަތު ބަންދު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކުން ވިސްނާއިރު ޤަބޫލު ކުރެވެއެވެ." އެބަޔާނުގައިވެއެވެ.

މި ސަބަބުތަކާހެދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތާއި، އުފުލާފައިވާ ދައުވާތަކަށް އަވަސް އަރުވާލައިގެން ޙުކުމް ކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށް ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން ހައިކޯޓުގައި އިސްތީޢުނާފް ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށްވެސް ކޯލީޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.