މި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އއ މަތިވެރިމީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ. މަތިވެރިން ގެއްލިފައިވާ، އެރަށު ރިހިވެލި، 73 އަހަރުގެ ހަސަން އަލީ (ހަސަންފުޅުބެ) އާ ބެހޭ ގޮތުން ފުލުހުން މިރޭ ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބުނާ ގޮތުން ހަސަންފުޅު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށެވެ. ހަސަންބެ ފެނޭތޯ މަސައްކތް ކުރަމުންދާއިރު ހަސަންބެ ގެއްލިގެން އުޅޭ މައްސަލަ ފުލުހުންގެ ހުރިހާ ސްޓޭޝަނަކަށާއި އިންޓެލިޖެންސަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އެކި ޑިޕާޓުމެންޓުތަކުން ހަސަންފުޅު ހޯދުމަށް މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުންވެސް އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މި ހޯދުމުގައި މަތިވެރީގެ ފަޅު ގެތަކާއި ގެވަޅު އަދި ހުސް ބިންތަކާއި އެ ރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓު އަދި އެ ރަށުގެ ހޭޅިފަށާއި ގޮނޑުދޮށާއި ވަލުތެރެވެސް ބަލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އާންމުކޮށް ގޮސް އުޅޭ ރަށްރަށާއި އެ ރަށްރަށަށް ގޮސް އޭނާ އާންމުކޮށް ގޮސްއުޅޭ ގޭގޭގެ މީހުންނާ ސުވާލުކޮށް އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލާފައިވާނެ ކަމަށްވެސް ފުލުހުން ހާމަޮށްފައިވެއެވެ.

ތަހުގީގަށް މަތިވެރިން ލިބެންހުރި ސީސީޓީވީ ފޫޓޭޖުތައް ހޯދައި، 157 ގަޑިއިރުގެ ފުޓޭޖު ދިރާސާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ފުޓޭޖުތަކުން އެނގޭ ގޮތުގައި ހަސަންފުޅު އެންމެފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު 9:30 ހާއިރު ފިހާރައަކަށް ވަދެ ނުކުމުގެންދާ މަންޒަރުކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޯދުމަށް ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާތައްވެސް ބަލާފައިވާނެ ކަމަށާއި އަދި ތަހުގީގަށް މިހާތަނަށް 199 މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށް 29 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަސަންފުޅު ހޯދުމަށް ކުރަމުންދާ މަސައްކަތް ގަވާއިދުން އޭނާގެ އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށް ފުލުހުން ބުންޟެވެ.

ހަސަންފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރު 9994875 ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.