ބަނޑުގައި އެތައް ދުވަހެއް ވަން ދެން ގެންގުޅެ އަމާނާތްތެރިކަމާއެކު ދުނިޔެއަށް އަންނަންދެން ދަރިފުޅަކަށްޓަކައި މަންމަ ހަމައެކަނި މިދުވަސްކޮޅު ވާ ގުރުބާނީ އަކީވެސް އޭގެ އަގު ވަޒަން ނުކުރެވޭނެ ކަމެކެވެ. އެހެން ކަމުން މިހާލުގައި ހަށިގަނޑުން ބައެއް ކަމަށް ދެކިގެން ގެންގުޅެ އުފަންވާ ދަރިފުޅު އަބަދުގެ އަބަދަށް ވަކިވެގެން ދިޔުމަކީ ޔަގީނުންވެސް ހަމަ ހިތްދަތިކަމުގެ ކޮޅެއްވެސް ނެތް ހިތާމައެކެވެ.
ދެލޮލުގެ ކޮޔަށްވުރެ ލޮބުވެތި ދަރިފުޅު ތިމާގެ އަތުގެ ތެރޭގައި ވަކިވެގެންދާ ވަގުތުކޮޅުގެ ނާޒުކުކަމާއި ހިތާއި މުޅި ނަފުސު ވީދިކުޑިވެގެންދާ ދިއުން ދުލަކުން، ގަލަމަކުން ބަޔާން ކުރާކަށް ފަސޭހައެއް ނުވާނެއެވެ. އެވަގުތުކޮޅު އެއަޅާ ވޭނާއި އެރިހޭ ރިހުމަށް ދޭނެ އިތުރު އެއްވެސް ޝިފާއެއް ނޯންނާނެއެވެ. މިއީ އެފަދަ މަންމައެއްގެ ވާހަކައެެކެވެ. ތުއްތު މިކްޔަލް ޝަހީދު އަލީ އަބަދުގެ އަބަދަށް މިދުނިޔެއާ އަލްވަދާއު ކީ އެދުވަހުގެ ހަނދާންވެސް އަދި އެ ލޮބުވެތި ދަރިފުޅުގެ އެހެން ހަނދާނެއްވެސް ދަރިފުޅުގެ މަންމަ، ޝައުނާގެ ހިތަކުން ނުފިލައެވެ.
އޮކްޓޯބަރ 12، 2022 ވެެގެން ދިޔައީ އެ މަންމަގެ މުޅި ދުނިޔެ އަނދިރިވެގެން ދިޔަ ދުވަހެއްގެ ހާދިސާއެއް ހިނގި ދުވަހަކަށެވެ. މިކްޔަލްގެ މަންމަގެ އަބަދުގެ ދުއާއަކީ އޭނާގެ އެދަރިފުޅާއެކު ސުވަރުގޭގައި ލެއްވުމެވެ. ހިތަށް ކުރަމުންދާ އަސަރު ކެތްތެރިކަމާއެކު ހިފަހައްޓަމުން މިކްޔަލްގެ މަންމަ ހިއްސާކޮށްފައިވާ މިވާހަކައަކީ، ބަލި ކުދިން ގޮވައިގެން އުޅޭ ކޮންމެ މަންްމަައަކަށްވެސް އެހީއަކަށްވާނެއެވެ. ހަމައެހެންމެ އެހެން އެއްވެސް ކުއްޖަކައް މިފަދަ ކަމެއް ދިމާވެދާނެތީ މީހުންނަށް މަޢުލޫމާތު ޙިއްސާކުރުމުގެ ނިޔަތުގައެވެ
"އަހަރެމެން ކައިވެނި ކުރީ 2013 ވަނަ އަހަރު ޖުލައި 25 ގަ. އޭގެ ފަހުން ދިރިއުޅެމުން ދިޔައީ ހުޅުމާލޭގަ. މެރީ ކުރިތާ 3 މަސް ފަހުން ފުރަތަމަ ބަލިވެއިންކަން އެނގުނީ. އެފަހަރު ކަންތައް ދިމާވީ ވަރަށް ދެރަކޮށް. 2 މަސްވެގެން ސްކޭން ކުރަން ގޮސް ހޮސްޕިޓަލްގައި ހުއްޓާ އެބޯރޓް (ބައިގެން) ދިޔައީ. އިންޝާﷲ އަނެއްކާވެސް އުފާވެރި ޚަބަރެއް ލިބުނީ 2015 ވަނަ އަހަރު ބަލިވެ އިންކަން އެނގުމުން. 2015 ގައި އަހަރެމެންގެ ޢާއިލާއަށް ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބުނު. ފުރަތަމަ ދަރިފުޅަށް 6 އަހަރު ވީ ފަހުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ދިގު އިންތިޒާރަކަށްފަހު އަނެއްކާވެސް އުފާވެރި ޚަބަރެއް ލިބުނު މާޝާﷲ." މިކްޔަލްގެ މަންމަ ކިޔައިދީފައި ވެއެވެ.
ކތްތެރިކަމާއެކު އުފާވެރިކަން ހިއްސާ ކުރާނެ ވަގުތަށް އެދިއެދި ތިބި ދެމަފިރިން ދިޔައީ އަލުން އާއިލާއަށް އަންނަން އުޅޭ ލޯބިލޯބި ފުރާނައިގެ އިންތިޒާރުގައި ވަގުތު ގުނަމުންނެވެ. އެއީ އެކުޑަކުޑަ އާއިލާއަށާއި އެމީހުންގެ ދިރިއުޅުމަށް އައި އެންމެ އުފާވެރި އެއް ދުވަހެވެ. ދޮށީ ދަރިފުޅުވެސް އަބަދުވެސް ކޮއްކޮއަކަށް ކުރަމުން ދިޔަ އިންތިޒާރަށްވެސް ނިމުމެއް އަންނަން އުޅޭތީވެ އެކަމާ އެ ދަރިފުޅުވެސް ހުރީ ވަރަށް އުފަލުންނެވެ. އެކުގަ ކުޅެލާނެ ކޮއްކޮއެއް ލިބެން އުޅޭކަމާއި އަދި ޚާއްސަކޮށް ފިރިހެން ކޮއްކޮއެއްކަން އެނގުމުން އިންތިހާއަށް އުފާ ކުރިއެވެ.
ބަލިވެ އިންތާ 3 މަސް ވޭތުވީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ޝައު އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ވާހަކަ ހިއްސާ ކުރަމުން ބުނެފައިވެއެވެ. ނަމަވެސް ފަހުން ޕްރެޝަރ އާއި ހަކުރުވެސް މަތިވިކަމަށާއި މީހާ އެއްކޮށް ދުޅަވެފަ އަބަދު ވަރުބަލިވެފައި ހުންނަން ފެށިކަމަށްވެސް ބުންޏެވެ.
"ރޭގަނޑު ރަނގަޅަށް ނުނިދޭ! އެކިހަކަލަ އިންފެކްޝަންސް ތަކާއިވެސް ކުރިމަތިލާންޖެހި ވިހަންވަންދެން ވެސް އުޅެން ޖެހުނީ ވަރަށް ބަލިވެ."
އެދުވަހަކީވެސް ހަމަ އާދައިގެ ޗެކަޕަށް ދާން ޖެހޭދުވަސް ވީމަ ފިރިމީހާއާއެކު ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށް ޝަައު ކިޔައިދިނެވެ. އެއީ ވަރަށް ބަލިވެ ވަރުދެރަވެފައި ހުރި ދުވަހެއްކަމަށް ވެފައި ޕްރެޝަރ މާ މަތިވީމަ ޑޮކްޓަރ ނަސޭޙަތްތެރިވީ އޮބްސަރވޭޝަންގައި ބޭއްވުމަށެވެ. ކޮވިޑް ޓެސްޓް ހަދަން ވޯރޑްގައި އޮއްވައި ފެންދުލި ފަޅައިގެން ދިޔައީއެވެ. އޭރު ބަނޑަށް 35 ހަފްތާއެވެ.
"އޭގެ ކުރިންވެސް ޑޮކްޓަރ ބުނުއްވާފަ އޮތީ 37 ވަނަ ހަފްތާގަ ޑޮކްޓަރ އޮޕްރޭޝަންކޮށް ބޭބީ ވިއްސަން ބޭނުންވާ ވާހަކަ. އެކަމަކު ކަންދިމާވިގޮތުން އިމަރޖެންސީގަ ބޭބީ ނަގަންޖެހުނީ 35 ހަފްތާގައި. ވިހައިގެން 5 ދުވަސް ވަންދެން ދަރިފުޅު އޮތީ އޮކްސިޖަން މެޝިނާ ގުޅާފަ. އޮކްސިޖަން ބެލެންސްވުމުން ރޫމްއަށް ދޫކޮށްލީ. އޭގެ ފަހުން 2 ދުވަސް ތެރޭގައި ގެއަށްވެސް ދެވިއްޖެ. ދަރިފުޅު ރީނދޫ (ޔެލޯ) ކަން ފާހަގަވީ ގެޔަށް ދިޔަ ފަހުން. ފުރަތަމަ ހަމަ ހީކުރީ އާދައިގެގޮތަކަށް ރީނދޫ ވަނީ ކަމަށް. ވަރަށް ގިނަ ކުދިންނަށް ދިމާވާ ކަމަކަށް ވާތީ. އެހެން ހީކޮށް ފަތިހު އަރާ އިރުގެ އަލިކަމަށް ދަރިފުޅު ލައިވެސް ހެދިން." ހަޔާތުގެ އެންމެ ދަތިވަގުތުތަކުގެ ވާހަކައާއި ލޯބިވާ ދަރިފުޅުގެ ވާހަަކަ ކިޔައިދުނުމުގައި ޝައު ހިތްވަރު ކުރަމުން އިތުރަށް ބުނީ 2 ހަފްތާވަރު ވީއިރުވެސް ދަރިފުޅު ރީނދޫ ކޮށް އޮންނާތީ ޑޮކްޓަރއަށް ދައްކާލި ކަމަށެވެ.
އުފަންވީއިރުވެސް ކުއްޖާގެ ލޮލާއި މުޅި ހަށިގަނޑުވަނީ ރީނދޫވެފައެވެ. ހޮސްޕިޓަލުން ބުނެފައިވަނީ ކުއްޖާ ރީނދޫވުން އެއީ މައްސަލައެއް ނޫންކަމަށާއި އެކަން ރަނގަޅު ވެދާނެ ކަމަށެވެ. ކުއްޖާ ހޮސްޕިޓަލުން ދޫކުރި އިރުވެސް ހަށިގަނޑާއި ލޮލުގައިވާ ރީނދޫ ކުލައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ އޭގެ 2 ދުވަސް ފަހުން ކްލިނިކަކުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަކަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވެފައިވަނީ ކުއްޖާ އަށް ފީޑްކުރާ އަދަދު އިތުރު ކުރުމުން ރަނގަޅު ވެދާނެ ކަމަށެވެ. ނަމަވެސް ކުއްޖާގެ އުމުރުން 2 މަސްވެގެން ދިޔައިރުވެސް ލޮލާއި ހަށިގަނޑުގައިވާ ރީނދޫ ކުލައަށް ބަދަލެއް އައިސްފައިނުވާތީ އަނެއްކާވެސް ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދަން ބޭނުންވާކަމަށް ބުނުމުން ޓެސްޓްތަކެއް ހަދަން ދިނެވެ.
ޓެސްޓްގެ ނަތީޖާ ބެއްލެވުމަށްފަހު ޑޮކްޓަރ ވިދާޅުވީ ކުއްޖާގެ ލިވަރގައި ސީރިއަސް މައްސަލަތަކެއް ހުރިކަމަށާއި (biliary atresia) ވީހާވެސް އަވަހަށް އިންޑިޔާއަށް ދިޔުމަށެވެ. އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން 28 ޖުލައި 2022 ވަނަ ދުވަހު ކުއްޖާ ވަނީ ސަރޖަރީ ހަދާފައެވެ. “Portoenterostomy Kasai’ސާރޖަރީއަށް ފަހު އިންޑިޔާގައި 1 މަސް ދުވަސް މަޑުކުރުމަށްފަހު ރާއްޖެ އައިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ.
ކުއްޖާގެ ހާލަތު ގޯސްވެ ފަރުވާ ދެމުންދިޔައީ އައި.ޖީ.އެމް.އެޗް އައި.ސީ.ޔޫގައެވެ. އައި.ޖީ.އެމް.އެޗުން އިރުޝާދު ދެއްވީ ވީހާވެސް އަވަހަށް ކުއްޖާގެ ލިވަރ ޓްރާންސްޕްލާންޓް ކުރުމަށް އިންޑިޔާއަށް ދިޔުމަށެވެ.
"ލިވަރ ޓްރާންސްޕްލާންޓްއަށް އިންޑިއާއަށް ދިޔައީ 6 އޮކްޓޯބަރ 2022 ގައި. އިންޑިޔާއަށް ގެންދިޔަ ގޮތަށް ލީ އައި.ސީ.ޔޫއަށް. އޭރު އަބަދު އިނދެވެނީ ހޮސްޕިޓަލް އިން ގުޅާފާނެކަމުގެ ފޯނުގެ އިންތިޒާރުގަ. ނުނިދޭ! ނުކެވޭ! ވަރަށް ދެރަވެފަ. އެންމެ ގާތުގައި ތިބީ ލޯތްބާއި އަޅާލުން އެންމެންގެ ފަރާތުންވެސް ލިބުނު، ތިމާގެ މީހުން، ރަޙުމަތްތެރިން. އަދި އެންމެ ގާތުގައި ތިބީ ފިރިމީހާއާއި ދައްތަގެ ފިރިމީހާ. ލޯބި ލޯބި ދަރިފުޅުގެ އަތުގަ އެންމެ ފަހުން ހިފާލައިގެންވެސް ކައިރީގައި ފިރުމާލަ ފިރުމާލަ އިނިން."
" އަހަރުމެންގެ ކުޑަ ކުޑަ ލޯބި ދަރިފުޅު މި ދުނިޔެއާއި ވަކިވީ 12 އޮކްޓޯބަރ 2022 ގެ ހަވީރު 16:45 ގައި. އެންމެ ފަހު ވަގުތާއި ހަމައަށްވެސް ދުޢާކޮށް އިންތިޒާރުކުރީ ޙާލަތު ބަދަލުކޮށްދެއްވުމަށް އެދި. ދަރިފުޅަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވައި ދުޅަޙެޔޮ ސިތްޙަތެއްގައި ލެއްވުމަށް. މާތްﷲ ގެ ނިންމެވުމާއި މެދު ޝަކުވާއެއް ނެތް. މިކްޔަލް ދުނިޔޭގައި އެހާލުގައި ނެތި ގެންދެވި ކަމީ އެދަރިފުޅުގެ ނަސީބުކަމަށް ހިތުގެ އަޑިން ގަބޫލު ކުރަނީ."
އެހިތްދަތި އަދި އުނދަގޫ ދެނިވި ވަގުތުތައް މާޒީއާ އެކުވެ ހިނގައްޖެއެވެ. އެހެނަސް އަދިވެސް އެވަރުތެ ތުއްތު ކުއްޖަކު ތަނަކުން ފެނުނަސް ޝައުގެ ހިރަށް އަސަރު ކުރެއެވެ. ދެރަވެ ލޮލުން ކަރުނަ އައިސް ހިތް މަރުވެއެވެ. މިއީ ހިތްދަތި ހިތާމައެކެވެ. އެހެނަސް އެދަަރިފުޅުގެ ހަނދާނުގައި ވިސްނާ ފިކުރުކޮށް އޮޔާވަޔާ ހިނގައްޖެނަމަ މިވަގުތު ދުނިޔޭގައި ހުރި ދަރިފުޅަށް ބޭއިންސާފުވެރި އަނިޔާއަކަށް ވެދާނެކަމަށް ޝައު ޤަބޫލުކުރެއެވެ. އެއީ މުޅި އެޢާއިލާއަށް އައި ބޮޑު ހިތްދަތިކަމެކެވެ.
"އެންމެ ހިތްހަމަ ޖެހެނީ ދަރިފުޅަށްޓަކައި ދުޢާ ކުރުމުން. މިއަދު މިކްޔަލް އަށް މަންމީމެންނަށް ކޮށްދެވެން އޮތީ ދުޢާ! ލައްވާށިއޭ ޖަންނަތުގައި އެކުގައި، މަންމަ، ބައްޕަ އަދި ބޭބެގެ ލޯބި ލޯބި މިކްޔަލް އާއެކު! އާމީން!" ޝައު ބުނި ގޮތުގައި ލޮބުވެތި ފިރިމީހާއާއި ޢާއިލާގެ އަދި އެކުވެރިންގެ އެހީތެރިކަމާއި ލޯތްބާއި ލިބޭ އަޅާލުމަކީ މިކްޔަލާ ވަކިން ދުނިޔެ ތެރެއަށް ނުކުމެ އުޅުމުގެ އެންމެ ބޮޑު އެއް ހިތްވަރެވެ.
ވާހަކަ ހިއްސާކޮށްލުމުގެ އެންމެބޮޑު ބޭނުމަކީ ދަރިންދެކެ ނިހާޔަތަށް ލޯބިވާ ދަރިންނާ ވަކިވާން ޖެހުމުން މައިންބަފައިންއާއި ބެލެނިވެރިންނަށް ހިތްވަރު ދިނުމުގެ މިސާލެއް އަދި އެހީއެއްގެ ނިޔަތް އޮތުމެވެ. މަރަކީ ދެކޮޅު ނުހެދޭނެ ހަގީގަތެއްކަން ގަބޫލު ކުރަން ޖެހޭނެއެވެ. ދުނިޔެމަތީގައި ދިރިއުޅުމުގެ އެންމެ ބޮޑު ހަގީގަތަކީވެސް މަރެވެ. އެކަމަށް ކެތްތެރިވެ ވަކީލު ކުރުމުގައި އޮތީ ދެދުނިޔޭގެ އަމާންކަމާއި ކާމިޔާބެވެ.
(ނޯޓް: މިއީ ފޭސްބުކްގައި "ވިދާ" VIDAޕޭޖުގައި ގެނެސްދީފައިވާ ލިޔުމެކެވެ. ލިޔުން ފެނިގެން ދަރިފުޅުގެ މަންމަގެ ހުއްދައާއެކު، ދަރިފުޅުގެ މަންމައާ ވާހަކަ ދެއްކުމަށްފަހު ރިޕޯޓު ގެނެސްދިނީއެވެ. VIDAމިއީ ޔުމްނާގެ ލިޔުންތައް ގެނެސްދެއްވާ ޔުމްނާގެ ބްލޮގްޕޭޖެކެވެ.)
ގުދުރަތީގޮތުން ބައިގެން ދިޔުމަށް އިނގިރޭސިން ކިޔަނީ “މިސްކެރިއެޖް”. “އެބޯޓް” ކިޔަނީ އަމިއްލައަށް ބޭސް/މެޑިކަލީ ދަރިފުޅު ވައްޓާލުމަށް