މި އަހަރުގެ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އާ މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހުގެ ކެމްޕެއިން ޓީމްއިން އެމްޑީއޭގެ ލީޑާޝިޕާ މިއަދު މެންދުރު ފަހު ސަން ސިޔާމް ބިލްޑިންގައި އޮތް ބައްދަލުވުމެކެވެ.
އެމްޑީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމާއި މެދު މަޝްވަރާތަށް ކުރެވިފައިވާ ކަމަށާ، އެ ބައްދަލުވުމުގެ ތެރެއިން އެ ޕާޓީން ހުށަހަޅާ ހުށަހެޅުންތަކާއި، އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.
އަދި އެމްޑީއޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ އަލީ މައުރޫފާއި ޑރ. އައިޝަތު ރަފިއްޔާ އާއި، ކައުންސިލް މެންބަރުންގެ ތެރޭ ހިމެނޭ މުހައްމަދު އައްބާސާއި ޝުއައިބު އަލީ އެވެ.
އޭނާ ވިދާޅުވީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ފަހު ނިންމުމެއް ނިންމާނީ މާދަމާ ހަވީރު ބާއްވާ ބައްދަލުވުމުގައި ކަމަށެވެ. އަދި ކޯލިޝަން ހެދުމަށް ރައީސް ސޯލިހުގެ އިތުރަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުވަތު އޮތް ކަން ފާހަގަ ކުރެއްވި އެވެ.
އެކަމާއި ގުޅިގެން ލީޑަރުން، އެމްޑީއޭއާއި އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ހަވީރު 5:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ކޯލިޝަން ހެދުމަށް ޝައުގުވެރިވާ ހުރިހާ ޕާޓީތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އޮތް ކަމަށް އެމްޑީއޭއިން ވަނީ ބުނެފައެވެ.
އެމްޑީޕީން އެމްޑީއޭ އާއި ބައްދަލު ކޮށްފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވެސް ވަނީ އެމްޑީއޭ އާއި އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.