ރޭ މާލޭގައި ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން ހަމަލަ ދީ ޒަހަމްކޮށް، ލޭ އޮހޮރުވާލާފައި ވަނީ މާފަންނު ބީޖީ ކައިރީގައި ހުންނަ "ކްރާސާ" ކިޔާ ފިހާރައެއްގެ ތެރޭގައެެވެ.

މުރަނގަ މަގުގައި ހުންނަ "ކްރާސާ" ނަމަކަށް ކިޔާ މިފިހާރައަށް ވަން މީހާގެ ފަހަތުން ފިހާރައިގެ ތެރެއަށް ސައިކަލެއްގައި އައި ދެމީހަކު ވަދެ އެތެރޭގައި ހުރި މީހަކަށް ހަމަލަ ދީފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި އެމީހާ އެ ފިހާރައަށް ވަނީ ސައިކަލުގައި އައި ދެމީހުންނަށް އަތު ނުޖެހި ސަލާމަތްވުމަށެވެ.

ފިހާރައިގެ ތެރޭގައި ލެޔާ ތަތްތެޅިފައި އޮތް މީހާއަށް ވަގުތީ ފަރުވާ ދިނުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިޔޯއާއި މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް ގެންދެވޭ ފޮޓޯގައި، ޒަހަމުވެފައި އޮތް މިމީހާގެ އުނަގަނޑުން ވަޅިއެއް ވަރަށް ސާފުކޮށް ފެނެއެވެ. އެހެންކަމުން މިއީ އެވަގުތު ފެންމަތިވެގެން ނުވަތަ ނޭނގުމަކުން ނޫނީ އިއްތިފާގަކުން ވީ ކަމެއް ނޫންކަން ހާމަވެއެވެ. މިއީ ދެގޭންގް ދެމެދުގެ މާރާމާރީއެއްތޯ އޮޅުން ފިލުވުމަށް ކުރި މަސައްކަތުން އަދި ވަކި ޖަވާބެއް ލިބިފައެއް ނުވެއެވެ.

ފުލުހުން މިކަމާ ގުޅިގެން ދީފައިވާ ހަމައެކަނި ޖަވާބަކީ އެއީ 30 އަހަރުގެ ދިވެއްސެއްކަމާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެވެމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

ފަހަކަށް އައިސް މާރާމާރީތައް މިވަނީ އަނެއްކާވެސް އާންމުވާން ފަށާފައެވެ. މިއީ މާލޭ ތެރޭގައި މީހުން ހިނގާބިނގާވެ، ދުއްވާތަކެތި ހޭލަމޭލަވަމުން ދިޔަ މަގެއްގައި ހިންގާފައިވާ މާރާމާރީއެކެވެ. މަންޒަރު ސާފުކޮށް ދުށް އެތައް ބަޔަކު އެބަތިއްބެވެ.