ތ. އަތޮޅު ބުރުނީގައި ރުކެއް ވައްޓާލުމަށްފަހު އެ ރުއް ފުރޮޅާލަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެއްޖެއެވެ. އެ މީހުންގެ ތެރެއިން އެކަކު މިހާރުވަނީ ނިޔާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައުލޫމާތު ފުލުހަށް ލިބިފައިވަނީ މިއަދު ހަވީރު 4:44 އެހައިކަންހާއިރު ކަމަށެވެ.

މިހާދިސާއަށްފަހު އެ މީހުންނަށް ބުރުނީ ސިއްހީމަރުކަޒުގައި ފަރުވާދީފައިވެއެވެ. އެފަހުން އިތުރުފަރުވާއަށް ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މީހުންގެ ތެރެއިން ނިޔާވި މީހާ ނިޔާވެފައިވަނީ ކުޑަހުވަދޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައިވެއެވެ.

ފަރުވާ ދެމުންގެންދާ 3 މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް އެވެ. ނިޔާވި މީހާގެ ހަށިގަނޑާއި އަނިޔާވި 3 މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި 4 މީހުންނަކީ ވެސް ބިދޭސީންނެވެ. މި ހާދިސާ ހިނގީ އެކްސްކަވޭޓަރަކުން ރުއްތައް ނަގައި އެއްކައިރު ކުރަން އުޅުމުގެ ތެރޭގައެވެ.