މިދިޔަ ހުކުރު ދުވަހުގެރޭ މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރެއަށް ވަދެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާ މަރުވެއްޖެއެވެ.

ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ވެފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަތާ ގިނަ އިރުތަކެއް ނުވަނީވެސް ފަރުވާދޭން ފަށާފައިވަނީ ވެންޓިލޭޓަރުގައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 6:45 ގައި ނިޔާވެފައިވާކަމަށެވެ. މި މާރާމާރީގައި މަރުވެފައި މި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

ވަޅިން އޭނާއަށް ހަމަލާދިން މައްސަލާގައި 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

މި މާރާމާރީގެ ކުރިން ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް ނަމަކަށް ކިޔާ ފިހާރައަކަށް ވެސް މޫނު ނިވާކޮށްގެން ތިބި ދެ މީހަކުވަނީ ގެއްލުން ދީފައެވެ. އެ ހާދިސާއާ ގުޅިގެން 20 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަނަރ ދުވަސް ޖަހާފައެވެ.

މާލޭގައި ފަހަކަށް އައިސް ހިނގާފައިވާ މާރާމާރިތަކަކީ ގޭންގުތަކެއްގެ މެދުގައި ހިނގަމުން އަންނަ މާރާމާރިތަކެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.