2015 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގެ ޝަރީއަތުގެ ނިންމުން ބާއްވައި މައްސަލައިގަ ކުށް ސާބިތުވެފައިވާ ދެމީހުންނަށް ހުކުމް އިއްވައިފިއެވެ.

އިއްވި ހުކުމުގައި ޒިޔަދަމް މަރާލި ކަމަށް ލ.މުންޑޫ/ހީނާވިލާ 24 އަހަރުގެ މުހައްމަދު ޝަނޫންގެ މައްޗަށްވަނީ ސާބިތުވެފައިވާތީ، މުހައްމަދު ޝަނޫނަށް މަރަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ. މިމަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޒިޔަދަމްގެ އާއިލާގެ ހުރިހާ ވާރިސުން ވަނީ ޝަނޫނުގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުންވާ ކަމަށް ބުނެ އެމީހުންގެ ބަސްދީފައެވެ. މިދެމީހުންގެ މައްޗަށް މިކުށް ސާބިތުވާކަމަށް ކުރިންވެސް ވަނީ ކަނޑައަޅާފައެެވެ. ލ.މުންޑޫ ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ޒިޔަދަމް މެރުމުގެ ކުށް ސާބިތުވެފައިވާތީ ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އުމުރަށް ޖަލަށް ލުމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި ޝަރީއަތުގެ އަޑުއެހުމުގައި ޒިޔަދަމްގެ ވާރިސުން ޝަނޫނުގެ ކިބައިން ގިސޯސް ހިފަން ބޭނުންވާތީ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައި، ސިފާމަށް އުމުރަށް ޖަލަށް ލުމަށް ހުކުމް އިއްވައި ޤަޟިއްޔާ ނިންމީ ކްރިމިނަލް ކޯޓުގެ ގާޟީ އިސްމާއިލް ޝަފީއު އެވެ.