މިހާރު ފުރުއްވަމުން ގެންދަވާ ވެރިކަމުގެ ދައުރު 2024 ގައި ހަމަވުމަށްފަހު، އިތުރު ދައުރަކަށް ކުރިމަތި ލެއްވުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ، ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލެއްވުމުގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ. މިހާރު ފުރުއްވަމުން ގެންދަވާ ދައުރުގައިވެސް އަދި ދިގު މުއްދަތެއް ބާކީ އެބައޮތް ކަމަށް ވިދާޅުވިއެވެ.

އެކަމަކު، ރަޝިޔާގެ ގާނޫނުއަސާސީއަށް އެންމެފަހުން ގެނައި ބޮޑެތި ބަދަލުތަކުގެ އިސް މޭސްތިރިއަކީ ރައީސް ޕޫޓިންއެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހްތަކުގެ ދަށުން، ޕޫޓިންއަށް ވެރިކަމުގެ 6 އަހަރުގެ އިތުރު ދެދައުރަށް އަދި ކުރިމަތި ލެއްވޭނެއެވެ.

ޕޫޓިން އެގޮތަށް ކަން ކުރައްވައިފި ނަމަ އޭނާ 2036 އާ ހަމައަށް ރަޝިޔާގެ ރައީސްކަން ކުރައްވާނެއެވެ. ޕޫޓިންގެ މިހާރުގެ އުމުރުފުޅަކީ 68 އަހަރެވެ.

ޕްރެސް ކޮންފަރެންސްގައި ޕޫޓިންވަނީ، އޭނާގެ އެންމެބޮޑު ސިޔާސީ ވާދަވެރިޔާ އަދި ރަޝިޔާގެ ހަމައެކަނި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ވިހަދިނުމުގެ އަޑީގައި އޮތީ ރަޝިޔާ ސަރުކާރު ކަމަށް ކުރެވޭ ތުހުމަތުތަކާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ.

އެ ތުހުމަތުތަކަކީ، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ރާވައި ހަދައިގެންއުޅޭ ތުހުމަތުތަކެއް ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ، އިދިކޮޅު ލީޑަރަށް ވިހަދިން ކަމަށް ކުރާ ތުހުމަތަކީ ރަޝިޔާގެ ވެރިންނަށް ހަމަލާދޭން ދައްކާ ބަހަނާތަކެއް ކަމަށާއި، ރަޝިޔާ ސަރުކާރުން ނަވަލްނީއަށް ވިހަ ނުވަތަ ޒަހަރު ދިން ނަމަ އޭނާގެ ދުވަސް ދިޔައީސްކަމަށެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު، އުމުރުފުޅުން 44 އަހަރުގެ އެލެކްސީ ނަވަލްނީގެ ހާލުކޮޅު ވަރަށް ބޮޑުވީ، އޮގަސްޓްމަހުގެ ތެރޭގައި މަތިންދާ ބޯޓުގައި ސައިބީރިއާއިން ވެރިރަށް މޮސްކޯއަށް ވަޑައިގެންނެވި ދަތުރުމަތީގައެވެ.

މޮސްކޯގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރުމަށްފަހު ނަވަލްނީ މެޑިކަލް މަތިންދާ ބޯޓެއްގައި ފަހުން ގެންދެވުނީ ޖަރުމަނުގެ ބާރލިންއަށެވެ. ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ ކިރިޔާކަމަށް ވެއެވެ.

ގިނަ ތަޖުރިބާކާރުން އެއްބަސްވެފައިވަނީ، ނަވަލްނީއަށް ވިހައެއް ދީފައިވާ ކަމަށެވެ. އެއީ ސޯވިއެޓް އިއްތިހާދުގެ ދުވަސްވަރުގެ ވިހަ މާއްދާއެއް ކަމަށްވެސް އެއްބަސްވެއެވެ.

ތަހްގީގު ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި، ރަޝިޔާގެ އެތެރޭގެ ޖާސޫސީ އޭޖެންޓުން 2017 ވަނަ އަހަރުން ފެށިގެން އުޅެނީ ނަވަލްނީއަށް ފާރަލުމުގައެވެ. އަދި އޭނާ ވަޑައިގެންނެވި ކޮންމެ ތާކަށް އެމީހުން ދެއެވެ.

ނަވަލްނީ ވިދާޅުވީ، ޖާސޫސީ އޭޖެންޓުން އޭނާ އަވަހާރަކޮށްލަން އުޅުނީ ސީދާ ރައީސް ޕޫޓިން އަމުރު ކުރައްވައިގެންކަން އަމިއްލަ ތަހްގީގު ގްރޫޕުން ކުރި ތަހްގީގުން ހާމަވާ ކަމަށެވެ.