އަބޫބަކުރު ސުކޫލުގެ ގުރޭޑު ސީގެ ދަރިވަރުންތަކެއްގެ މިތަފާތު އިސްނެގުން އަޑުއިވުމުން ގައިން ހީބިހި ނަގައިގެން ދިޔައީ މި ތަރައްގީވެފައިވާ ތަހުޒީބުގެ ކުލަ މުޅިން ބަދަލުވަމުންދާ ޒަމާނުގައި މިފަދަ މަންޒަރެއް އަދުގެ ޖީލުތަކުގެ ތެރެއިން ފެނުމުންނެވެ. ހިތަށް ވެރިވީ ގައުމީ ރޫހާއި ވަތަނުގެ ލޯބިން ފުރިފައިވާ އެ ބަސްތައް ލިޔުނު ދަރިވަރުންގެ ބެލެނިވެރިންގެ ނަސީބާމެދު އުފާވެރިކަމުގެ އިހުސާސެކެވެ. ޔަގީނުންވެސ އެފަދަ އަހުލާގަކާއި ސުލޫކެއް ގެނެސްދެވޭނީ އަހުލާގު ހުރި ބުނެދިނުންތަކަކާއެކު އެފަދަ މާހައުލެއްްގައި ބޮޑުވަމުން އަންނާތީއެވެ.
މި ޒަމާނުގައި އަމިއްލަ ގޭތެރޭގެ ސާފުތާހިރުކަމާމެދުވެސް މާބޮޑު ސަމާލުކަމެއްދޭ ތަން ނުފެންނާނެއެވެ. އަދި ގުދުރަތީ މަންޒަރުތަކާއި ގޮނޑުދޮށްފަދަ ތަންތަނަށް ކުދިންގެ މާބޮޑު ޝައުގެއް ނުފެންނަ މިފަދަ ދުވަސްވަރެއްގައި މިހާ އުމުރުން ހަގު ކުދިންގެ ވިސްނުން ހުރި ގޮތް އެނގިހާމަ ވުމުން ފަހުރުވެރިވެވޭ ފަދަ އުފަލެއް ކޮންމެ މީހަަކަށްވެސް އިހުސާސް ވާނެއެވެ.
އެންމެ ބޮޑު އުފަލެއް ލިބުނު ފަރާތަކީ އަބޫބަކުރު ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު އަޖީބެވެ. ސޯޝަލް މީޑިޔާގައި އަޖީބުގެ ފޭސްބުކްގައި ހިއްސާ ކުރައްވާފައިވާ ކުޑަ ކުއްޖެއްގެ އަތުލިޔުމުން އާދައިގެ ލިޔުން ފޮތެއްގެ ގަނޑެއްގައި ލިޔެ ފޮނުވާފައިވާ ސިޓީއެކެވެ. އެސިޓީގައި އަބޫބަކުރު ސުކޫލުގެ ގުރޭޑު 4ސީގެ ދަރިވަރުންތަކެއް ލިޔެފައިވަނީ އިނގިރޭސި ބަހުން ވަރަށް ސީދާސާދާ އިބާރާތްތަކަކުންނެވެ. ހަމަޖެހޭ ބަސްމަގަކުން އޮޅުމެއް ނާރާ އިމްލާ ކުށާއި ގަވާއިދުގެ ކުށެއް ނެތިއެވެ. އެއްވެސް ފުށުއެރުމެއް ނެތް ގޮތަށް ސާފު ބަހުން އެކުދިން ބޭނުންވާ ކަންތައް ހާމަކޮށް ހުށަހަޅާފައެވެ. ގދ ތިނަދޫ ގޮނޑޮދޮށްތައް ހަޑިވާތީ އެކަމާ ކަންބޮޑުވެ ދަރިވަރުންތަކެއް ފޮނުވާފައިވާ މިސިޓީއަކީ އަޖީބުގެ ހިތަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރުވި ބަަސްތައް ހުރި ލިޔުމެކެވެ. އަޖީބަށް މިއީ ހަގީގަތުގައި ވެސް އާދަޔާ ހިލާފު ސިހުމެއް ގެނެސްދިން އުފާވެރި މެސެޖެކެވެ.
Dear Principal
We want to clean the beaches of thinadhoo since the beaches are really dirty. If you want or not its your opinion. if you want you can schedule the day we can go clean the beach
thank you
27-2-2023
To Principal Ajeeb sir
(4c students)
ބަސްތައް ވަރަށް ސާފެވެ. ޕްރިންސިޕަލަށް ސަލާމަށްފަހު، "އަޅުގަނޑުމެން ތިނަދޫގެ ގޮނޑުދޮށްތައް ސާފުކުރަން ބޭނުމެވެ. ގޮނޑުދޮށްތައް ހަޑިކަމުންނެވެ. ޕަރިންސިޕަލް ބޭނުންނަމަ ދުރުވުން އެއީ ޕްރިންސިޕަލްގެ އަމިއްލަ ކަމެކެވެ. މި ގޮތަށް ބޭނުން ވެލައްވާނަމަ އަޅުގަނޑުމެން ގޮވައިގެން ދުރުވާނެ ދުވަހެއް ކަނޑައަޅައިދެއްވުން އެދެމެވެ. ޝުކުރިއްޔާ. 27-2-2023 ޕްރިންސިޕަލް އަޖީބުސަރ އަށް. ގުރޭޑުސީގެ ދަރިވަރުން."މިއީ އެކުރުކުރު ސިޓީގައި ވާ އިބާރާތްތަކުގެ ތަރުޖަމާއެވެ.ބަސްތައް ދޭހަކޮށްދެނީ އަޖީބު ސުކޫލުގެ ދަރިވަރުންނާއި ބަހައްޓަވާ ގާތްކަމާއި އޮންނަ ގުޅުމުގެ ރަނގަޅު ކަމެވެ. އިހުތިރާމާއި ގަދަރާއި ލޮބުވެތިކަން ހާމަކޮށްދޭ މި އިބާރާތްތަކުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ކުދިންނަށާއި ބޮޑެތި މީހުންނަށްވެސް މިއީ ލާމަސީލު މިސާލެއްކަން ޔަގީނެވެ.
"އަޅުގަނޑަށް ނޭނގުނު ބުނާނެ އެއްޗެއް ވެސް. ފުރަތަމަ ހީކުރީވެސް ކުލާހުގެ ކޮންމެވެސް ކަހަލަ ޝަކުވާއެއް ހުށަހަޅަން އެސިޓީގައި އޮތީ އެކަހަލަ ވާހަކައެއް ކަމަށް." "ހަލި"ނޫހަށް އެ ހިނދުކޮޅުގެ އިހުސާސްތައް ކިޔައިދެމުން އަޖީބު ވިދާޅުވިއެވެ. އަޖީބު ވިދާޅުވި ގޮތުގައި އެ ދަރިވަރުންތައް ގެނައި ސިޓީ އޮތީވެސް ކަރުދާހެއްގައި ވަރަށް ނަލަކޮށް ބަންދުކޮށްފައެވެ. އެގޮތަށް އާންމުކޮށް ކުލާހުގެ ފަންކާ ނޫނީ އެހެންވެސް ކަންތައްތަކުގެ ޝަކުވާ ހިފައިގެން އަންނާތީވެ ކުދިން އެފަދަ ތަފާތު ކަމެއް ހުށަހަޅާނެ ކަމަކަށް އަޖީބު ފަހަރެއްގައިވެސް ހިއެއް ނުކުރައްވައެވެ.
"ކުއްލިއަކަށް ވިސްނުމެއް، ހިޔާލެއް ފިކުރެއް ނެތި ހުއްޓާ އައިސް ދިއްކޮށްލި ގަނޑެއް. ވަރަށް ރީތިިކޮށް ބޭރުގައި ވެސް ކަރުދާހެއް ލާފަ ހުރީ. މިއީ ޕްރިންސިޕަލް އަށޭ ބުނެފައި. އަޅުގަނޑަކަށް ނޭނގުނު ކުރެވުނު އިހުސާސެއް ވެސް. ވަރަށްވެސް ބޮޑު ކަމެއް އެހެންނޫންތޯ. އަޅުގނޑުމެން ކުރާ މަސައްކަތުން އެންމެ ކުއްޖަކަށް އެފަދަ ބަދަލެއް އައި ކަމަށްވިޔަސް އެއީ ހާދަހާ ބޮޑު ކަމެކޭ. އެހެންވީމަ މިގޮތަށް ކުދިންކޮޅެއް އައިސް މިފަދަ ކަމަކަށް އެދުމުން އަޅުގަނޑަށް ކުރެވުނު އިހުސާސް ވަރަށް ތަފާތު. މިއީ ވަރަށްވެސް އުފާވެރިކަމެއް. އަޅުގަނޑު ޓީޗަރުން ކައިރީވެސް ބުނެލިން ފޭސްބުކްގައި ޕޯސްޓެއް ހިއްސާކޮށްފައިވާނެއޭ." ދަރިވަރުންތަކެއްގެ ތަފާތު މޮޅު ކަމެއްގެ ގޮތުގަައި އަޖީބު ފޭސްބުކްގައި މި ސިޓީގެ ފޮޓޯއަކާއެކު ޕޯސްޓުކޮށްފައިވާ ލިޔުންކޮޅުގައިވެއެވެ.
An inspirational letter from our lovely students of Aboobakuru School
This is what we need from 21st century education
"އަޅުގަނޑުގެ އަބޫބަކުރު ސުކޫލުގެ ލޮބުވެތި ދަރިވަރުންކޮޅެއްގެ ފަރާތުން ލިބުނު (ރޫހާނީދިރުމެއް)ގެނެސްދޭ ސިޠީއެއް. މިއީ 21 ވަނަ ޤަރުނުގައި އަޅުގަނޑުމެން އެދޭ ގޮތަކީ" އާދެ! އަބޫބަކުރު ސުކޫލުގެ ދަރިވަރުންގެ ކިބައިން އެފެނުނުފަދަ ކަންތައްތަކަކީ 21 ވަނަ ގަރުނުގައި ދަރިވަރުންގެ ފަރާތުން ފެންނަން ބޭނުންވާފަދަ ކަމެއްކަމުގައެވެ.
އަޖީބު ވިދާޅުވި ގޮތުގައި ހަމަ އެވަގުތު އެކަމަށް އަމަލީ ފިޔަވަޅެއް އެޅުމަށް އަޖީބު ވަނީ ނިންމަވާފައި ކަމަށެވެ.
"އެކުދިން ގޮވައިގެން ދެން އެންމެ އަވަހަށް ގޮނޑުދޮށްތަކަށް ދެވެން އޮތް ދުވަހެއްގައި އެހިސާބަށް ދާނަން. އެކުދިންގެ ލީޑަރަކަށް ހުންނާނީވެސް އަޅުގަނޑު. އެކުދިން ގޮވައިގެން އެންމެ އިސްފަރާތަކަށް ހުންނާނީވެސް ހަމަ އަޅުގަނޑު."
އަޖީބު ވިދާޅުވީ އެސިޓީގައިވާ އިބާރާތްތައް ވިދާޅުވުމާއެކު އެކަމަށް ތައްޔާރުވެ އެކުދިން ގޮވައިގެން ދާން ގަސްތުކުރައްވާފައިވާ ކަމަށެވެ. ކޮންމެއަކަސް މިއީ ހަތަރުވަނަ ކުލާހުގައި ތިބި ކުޑަކުދިންތަކެއްގެ ހިތުގައި އަމިއްލަ އުފަންގައުމާއި އުފަން ރަށާއި އެރަށުގެ ތިމާވެށްޓާއި ގުދުރަތީ މަންޒިލްތަކަށް އޮތް ލޯތްބާއި ކުލުނާއި ގަދަރު ހާމަވެގެން ދިޔަ ސިޓީއެކެވެ. ޔަގީނުންވެސް އަޖީބުގެ ނާޒިރު ކަމުގައި އަބޫބަކުރު ސުކޫލުގެ ގުރޭޑު 4ސީގެ ދަރިވަރުންގެ މި އިސްނެގުމަކީ ތާރީހުގައި ލިޔެވިގެންދާނެ ފަދަ ތަފާތު އަދި ކޮންމެ ދަރިވަރަކު ވެސް ނަމޫނާއަކަށް ބަލައިގަންނަ ފަދަ ކަމެކެވެ.