އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހަށް ފަސްވެއްޖެ އެވެ. ކުރިން މި ޝަރީއަތް ފެށްޓުމަށް ހަމަޖެހިފައި އޮތީ މިއަދެވެ.
ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ ތިން ފަރާތަކުންނެވެ. ހުށަހަޅާފައިވާ ތިން މައްސަލައިގައި ވެސް އެދިފައި ވަނީ އެއް ކަމަކަށެވެ. އެހެންކަމުން ސިވިލް ކޯޓުން ބަލައިގަތީ އޭގެ ތެރެއިން އެއް މައްސަލަ އެވެ. އެގޮތުން ސިވިލް ކޯޓުން ބަލައިގެންފައިވާ މައްސަލަ ހުށަހަޅާފައި ވަނީ އަލީ އަމްޖަދު ކިޔާ މީހެކެވެ.
ސިވިލް ކޯޓުން އަލީ އަމްޖަދަށް ފުރަތަމަ ފޮނުވި ސިޓީގައި މިއަދު ހެނދުނު 10:00 ޖަހާއިރު ފުރަތަމަ އަޑުއެހުން ބާއްވާނެ ކަމަށް ބުނެފައި ވަނިކޮށް މިދިޔަ އާދީއްތަ ދުވަހު ފޮނުވި ނޯޓިސްގައިވާ ގޮތުން، ޝަރީއަތް ފެށުމުގެ އަޑުއެހުން ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:15 ގައެވެ.
އެ މައްސަލައިގައި، ޕާޓީން މެންބަރުން ވަކިކުރާ މެންބަރާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އަސާސީ ގަވާއިދުތަކުން އެނގެން އޮންނަ އިޖުރާއަތުތަކާ ހިލާފަށް، ޕާޓީން 39،000 މެމްބަރުން ވަކިކުރުމަށް ފަހު، ޕްރައިމަރީ ބާއްވާފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް ވަނީ އެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުން ރައީސް ނަޝީދަށް 39 އިން ސައްތަ ލިބިފައިވާއިރު ވޯޓުލީ މީހުންގެ 61 އިންސައްތަ ލިބިގެންނެވެ.
ރައީސް އިބްރާހީމް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ރައީސް އިބްރާހިމް ސޯލިހުގެ ފެކްޝަން ވަނީ ނަޝީދުގެ ފެކްޝަނުގެ މައްޗަށް ކުރި ހޯދާފައެވެ.
ކިހާ ބޮޑުކަމެއް، ނާޗަރަންގީ ކުޅުނަސް ކޮންމެވެސް ވަރެއްގެ މިނެއް އޮންނަން ވާނެ ދޯ