މިއީ ހިތަކަށް ކެތް ވާވަރުގެ ވާހަކައަކަށް ނުވާނެއެވެ. އެހެންނަމަވެސް މިވަގުތު ކޮންމެ ދިމާއަކަށް ދިޔަޔަސް މިނޫން އަޑެއް ނީވެއެވެ. ދެ އަންހެނަކު ޖެހިއްޖެ ނަމަ އެހެންޏާ ދައްކާނީ ތިންވަނަ އަންހެނެއްގެ ވާހަކައެވެ. އެކަމަކު މިހާރުގެ ހާލަތުގައި ކަން މި އޮތީ މުޅިން ތަފާތުކޮށެވެ. ތަކެތީގެ އަގުބޮޑުވީއެވެ.
ދެ ޕަސަންޓް ބޮޑުކުރި ޖީއެސްޓީ އެ ބަދަލުވީ 8 ޕަސެންޓަށެވެ. ނާޖާއިޒު ފައިދާ ނެގި ބައެއް ނޭނގެއެވެ. ހަ ރުފިޔާއަށް 6 ޕަސަންޓު ޖީއެސްޓީ ހިމަނައިގެން ލިބުނު މަސްފިޔާ ޕެކެޓު އެންމެ ދެ ޕަސަންޓު ޖީއެސްޓީއިތުރާއެކު އޮތީ 12 ރުފިޔާއަށް ބަދަލުވެފައެވެ. ދެގުނަ ބޮޑު ވީތާއެވެ. ފަސްސަތޭކަ ރުފިޔާ ހިފައިގެން ފިހާރައަކަށް ވަދެ ގެއަށް ބޭނުން ވާ ސާމާނު ގަންނަން ތަކެތި ނަގާ ލާރި ދެއްކީމާ ބާކީ މި ލިބެނީ ފަންސާހަކަށް ރުފިޔާއެވެ.
މިއީ މީގެ ދުވަސްކޮޅެއް ކުރިން 200 ރުފިޔާ ދީފައި ކުރި ވިޔަފާރި ހަމަ އެތަކެތީގެ އަގު އަރާފައި ހުރި ވަރެވެ.ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. ރޯދަމަހާ ރޯއްޖާ ވާ ބަޔަކަށް ނުވިތާއެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަށް އެއްޗެހީގެ އަގު އަރައިގެންދާ ވާހަކައަކީ އާންމު ވާހަކައެެކެވެ. އެކަމަކު މިފަހަރު މިރޯދައާ ދިމާކޮށް ހަމަ ދުވަސްކޮޅެއް ކުރިން އިތުުކޮށްލި މި ބުނާ ޖީ އެސްޓީގެ ދެ ޕަސެންޓުގެ ފުރިހަމަ ފައިދާ ނަގާ ބަޔަކަށް ހަމަ ސާބަސް ދޭހާ ވެއެވެ. ކޮންމެ އެއްޗެއްވެސް އެހާ އަގުބޮޑެވެ.ކާތަކެއްޗާއި އަންނައުނާއި ހިފާ ގެންގުޅޭ ސާމާނުގައި ރޯދަ ސޭލް އަޅުވާ ނަގަނީއެވެ. އެއިންސޭލްއަކުން އަގުހެޔޮވި އެއްޗެއްނަމަ ގެއަށް ގެނެސް ބޭނުން ކުރެވޭނީ އެންމެ ފަހަަރަކުއެވެ. ދެންވާނީ ހަލާކެވެ.
ކާބޯތަކެތީގެ ގެރެންޓީ އޮންނަނީ ހަމަވާ ހިސާބަށް ގާތުގައެވެ. ދެން ބުނެލަން އޮންނަ ހަމައެކަނި ޖަވާބަކީ ރޯދައަށް މީހުން ތަކެތި އަގު ބޮޑު ކުރަނީއެވެ. އޭގައި ކުރާނެކަމެސް ނެތޭ ބުނީމަ ހުރިހާ ކަމައް ނިމުނީހެއްޔެވެ.ތަރުކާރީ އާއި މޭވާ ގަންނަން ފިހާރައަކަށްވަދެ ހާހެއްހާ ރުފިޔާއަށް ގަނެވުނު ތަކެތީގެ ތެރޭގައި ކޮންމެ ބާވަތަކުން އެކަތި ނެގުމުންވެސް ބާކީ ލިބުނީ ކާރިކޮޅެކެވެ. އާފަލަކާއި އޮރެންޖަކާއި އަންނާރެއް، އަނބެއް އަދި 50ހަކަށް ގްރާމް ދޮންކޭލާއި އަދިވެސް ދެތިން ވައްތަރެއްގެ ތަރުކާރީއެވެ. ހިތަށް އެއްޗެއް ނާރާނެ ހެއްޔެވެ.
އެންމެ ރުފިޔާއެއްވެސް ހޯދަން ކުރާ މާސައްކަތް ކުޑައެއް ނޫނެވެ. މާލޭގައި ގޭގެ ކުލި ދައްކައިގެން ދަރިންގެ ސުކޫލު ހަރަދު ބަލަހައްޓަމުން މިތަނުގައި އުލެމުންދާ މެދުފަންތީގެ މީހުންގެ ހާލާމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތި ކާބޯތަކެތި އެހާ އަގުބޮޑު ކޮށްލަނީ ކީއްވެބާވައެވެ. އަމުދުން ރޯދަމަހަކާ ދިމާކޮށް މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ބާވައެވެ. ތަކެތީގެ ބާޒާރުގައި މިހާ އަގުމަތިވާއިރު މުސާރަ މަތިނުވެއެވެ.
މުސާރަ ބޮޑު ކުރީތީވެ، އަނެއްކާވެސް އެބައިވެސް ހަމަ ރައްޔިތުންގެ އަތުން ދަމާ ނަގަނީއެވެ. މޯލްޑިވިއަނުންވެސް ކޮށްލީ ކިހާ ރީތި މޮޅު ކަމެއްތޯއެވެ. ރޯދަމަހާ ދިމާކޮށް އެމީހުންގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރި ވާހަކައަށްފަހު ހަމަނޭވާ ނުލެވެނީސް ދެން މިއިވުނީ މޯލްޑިވިއަން ޓިކެޓް އަގުބޮޑު ކުރި ވާހަކައެވެ. ފުރިހަމަ ރޭވުންތެރިކަމެކެވެ. ނަމުގައި ބޮޑު ކުރި މުސާރައާއެކު ރައްޔިތުންގެ ޖީބަށް ބާރުބޮޑު ކޮށްލީއެވެ. މިކަހަލަ ކިތަންމެ ކަމެކެވެ.
ގައުމުގެ ހާލަތު ބަދަލުކުރުމަށް މަތިން ފެށިގެން ތިރިއަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަން ޔަގީނެވެ. ކޮންމެ ފަރާތަކުންވެސް އެފަރާތެއްގެ ފަރުދީ ޒިންމާ އެންމެ އެކަށީގެންވާ ރަނގަޅު ގޮތެއްގައި އަދާ ކުރުމުން އެންމެންނަށްވެސް އޭގެ ހެޔޮ ނަތީޖާ ފެންނާނެކަން ގައިމެވެ.