އެތައް ގިނަ މަރުތަކެއްގެ ހަނދާން އާކުރުވި ދުވަހެކެވެ. ހިތުގައި އެޅި ވޭނާއި ސިކުނޑިއަށް ކުރި ބާރު އެކަކަށްވެސް ބުނެދޭކަށް ފަސޭހައެއް ނޫނެވެ. މިއަދުގެ ތާރީހުގައި ޕީޖީއިން މާރާމާރީތަކުގެ މައުލޫމާތު ދިންއިރު އިއްތިފާގުން ކަން ދިމާކުރި ގޮތުން މިއަދުގެ ތާރީހުގައި އަޒްލީނާގެ ގާތިލު ޒުހެއިރު މަރުވި ހަބަރު ފެތުރިގެން ދިޔައެެވެ.

ނޫސް ކޮންފަރެންސް ބަލަން އިންއިރުވެސް ހިތަށް އެތައް އަސަރެއް ކުރުވިއެވެ. މިފަދަ ކޮންމެ ނޫސް ކޮންފަރެންސަކީ އަދި ތަޅައިފޮޅުމާއި މާރާމާރީތައް އާންމުވާ ކޮންމެ ދުވަސްކޮޅަކީ އަހަރެންގެ ހިތަށް ދެގުނަ ތިން ގުނަ އަސަރު ބޮޑުވާ ކަމެކެވެ. އާދައިގެ ދުވަސްތަކުގައިވެސް ހަމަޖެހިގެން ދިރިއުޅެވޭތޯ މަސައްކަތް ކުރާ އަހަރެންގެ ހިތުގައި ފޮރުވާފައި ވަނީ ނަގައި އުފުލާލެވޭވަރަށްވުރެން މާބޮޑު ބުރައެކެވެ.

އަޒްލީނާގެ ގާތިލު ޒުހެއިރު މަރުވެފައި އޮއްވާ ފެނިއްޖެ، މިހަބަރާއެކު ދެފައިން ވަރު ދޫވެގެން އިންދިމާލުން ބިމަށް ތިރިވެވުނީއެވެ. ދެކުދިންގެ ތެރެއިން ހަގު އަންހެންދަރިފުޅު އޭނާގެ ޤުރުއާން މުބާރާތަށް ފިލާވަޅު ފަރިތަ ކުރާ އަޑު އިވެމުންދިޔައީ މާދުރުންހެން ހީވާން ފެށިއެވެ. ދޮށީ ފިރިހެން ދަރިފުޅަށް އަހަރެންގެ ހާލު ފެނިދާނެތީ ހިތްވަރުކޮށްލާފައި ތެދުވެ ދެފައި ދަމަމުން ގޮސް އެނދުގައި އިށީނީމެވެ.

މީގެ އަހަރުތަކެއް ކުރިން އަށްމަހުގެ ބޮޑު ބަނޑަކާއެކު އަހަރެން އުޅުނު ބިކަ ހާލު އަނެއްކާވެސް ހަނދާންވެއްޖެއެވެ. ކޮންމެ މިފަދަ ހާދިސާއެއްގެ އަޑާއެކު އަހަރެންގެ ލަގޮނޑީގައި ރިއްސަނީ ކީއްވެގެން ކަމަށް ހެއްޔެވެ. އެވޭނާއި އެހިތި އަސަރު އާވެ އާލާވާތީއެވެ. އަހަރެން މިދެކުދިން ގޮވައިގެން އަމިއްލަ އުފަން ބިމާ މާ ދުރުގައި އަމިއްލަ ވަޒަނަށްވެސް އަލްވަދާއު ކިޔާފައި އައިސް މިހުރީ އެފަދަ އަނިޔާވެރި މަންޒަރުތައް ފެނިދާނެތީއެވެ. އަހަރެންގެ ދަރިންނަށް އެއަޑުތައް އިވިދާނެތީއެވެ.

ފިރުޒާނަކީ އަހަރެންގެ ދެކުދިންގެ ބައްޕައެވެ. ދެމީހުން ބައްދަލުވީ އަހަރެންގެ އުމުރުން ބާވީސް އަހަރުގައި އޭނާގެ އުމުރުން އެންމެ އަށާރަ އަހަރުގައެވެ. އުމުރު ހަގުކަމެއް ނޭނގޭނެތާއެެވެ. އެއަށްވުރެ ފިރުޒާންގެ އިސްކޮޅާއި ރޫފަ ރަނގަޅެވެ. ބިޔަ ހަށިގަނޑަކާއި ސްމާޓް ބަސްތަކަކުން ވަރަށް ފަސޭހައިން އަހަރެން އެދިމާއަށް އެނބުރިއްޖެއެެވެ. މާގިނަ ދުވަހު މެސެޖު ފޮނުވައި މަލުގެ ގުލްދަސްތާ ބަދަލުކޮށް ހަދިޔާ ބަދަލު ކުރާކަށް ބޭނުމެއް ނުވިއެވެ.

އަހަރެމެންގެ ކައިވެންޏަށް ދެކޮޅު ހަދަންވެސް ރުހެންވެސް ހުރީ އަހަރެންގެ މުސްކުޅި މާމައެވެ. މާ މަދިން ނަސޭހަތަކީ އަހަންނަށް ކަމުދަންޏާ އަހަރެން ގޮތް ނިންމާށޭ އެކަމަކު ތިމާ ދިރިއުޅެން ފަށަނީ ކާކާއެކީތޯ ދެނެގަތުން ރަނގަޅު ކަމުގައެވެ. އިތުރަށް އެނގެން އޮންނާނީ ކޯޗެއް ހެއްޔެވެ. މާލެއަށް އުފަން ހަތަރުކަށިމަތި މާލޭ ނުވިޔަސް މާލޭ މީހަކަށްވުރެ ވަކިން ދެރައެއްނޫނެވެ. ފައިސާއާއި މުދާ އެހާ ޅައުމުރުގައިވެސް ހުއްޓެވެ. ހިތާމައަކީ އެއީ އެހާ އުމުރުން ހަގު އަތޮޅުތެރޭގެ ރަށަކުން މާލޭ ގެއަކަށް ކިޔަވަން ފޭބި ފިރިހެން ކުއްޖެއްގެ މިލްކުގައި ކިހިނެއް ހުރި ކޮންފަދަ ފައިސާއެއްތޯ ނުވަތަ މުދަލެއްތޯ ނުބެލުނު ކަމެވެ.

ކައިވެނީގެ ކުރީކޮޅު ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ހަމަޖެހޭ އުފާވެރި ގޮތަކަށެވެ. ލޯބިން ނުކޮށްދޭ އެއްވެސް ކަމެއް ނެތެވެ. އަހަރަކާ ގާތްވީއިރު އަހަރުމެންގެ އަލަތު ދަރިފުޅު އަންނަން އުޅޭކަމުގެ އުފާވެރި ހަބަރާއެކު ގިނަގުނަ ހަރަދުތަކެއް ކުރެވުނެވެ. ފިރިމީހާއަކި އޭނާގެ ބޮސްގެ އެންމެ ގާތް ހާއްސަ މީހާއެވެ. ފިރިމީހާގެ އެ ޒުވާން ބޮސްވެސް އަހަންނާ ބައްދަލުކުރަން އައެވެ. ހޮސްޕިޓަލުގައި ފުރަތަމަ ދަރިފުޅު ވިހައިގެން އޮތް ދުވަސްތަކުގެ ތެރެއިން ދެފަހަރު އެ ބޮޑު މީހާ ފެނުނެވެ. އެހެންނަމަވެސް އެއީ ކިހިނެއްވާ ކާކުކަމެއް ނޭނގެއެވެ.

އެނގޭނީވެސް ކޯޗެއް ހެއްޔެވެ. ކައިވެނީގެ ކުރިންވެސް އަހަންނަކީ މާ ރައްޓެހިންނާއި ދަންނަ މީހުން ގިނަ މީހެއް ނޫނެވެ. އަމުދުން ކައިވެންޏަށް ފަހު އަހަރެނެ ބޭރަށް ނުކުންނާކަށް ނުޖެހެއެެވ. ދެކޮޓަރީގެ ގޭގައި އަހަންނަށް ބޭނުން ހުރިހާ ކަމެއް ހުންނަނީ ފުރިހަމައަށް ލިބޭނޭ މަގު ތަނަވަސްކޮށެވެ.

ތޫފާނުގެ ރޯޅި ގަދަވެ، ބިންހެލުމަކާއެކު ގިނިހިލަތައް ފައިބައިގަތީ ފުރަތަމަ ދަރިފުޅަށް ތިން އަހަރުގައި ދެވަނަ ދަރިފުޅަކަށް ބަލިވެ އިނދެ ވިހެއުމަކާ ގާތްވެފައި ހުއްޓައެވެ. ތެދަށް ބުނަންޏާ ވޭންވަރުގައި ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮއްވައެެވެ. ފިރިމީހާ ރޭގައި އުޅުނީ ވަރަށް އަވަދިނެތި ކަމަކާ ހާސްވެ ކަންބޮޑުވުމެއްގެ ތެރޭގައި ކަމުން އަހަރެން ހޮސްޕިޓަލަށް ގެނައީވެސް އޭނާގެ މަސައްކަތު މީހެކެވެ. އެއީ ބިދޭސީ ސޮރެކެވެ. އެސޮރު ފޮނުވަމުން އަހަންނަށް މެސެޖުކޮށްފައި ފިރިމީހާ ބުނީ މިރޭ ވަރަށް މަސަައްކަތް ބޮޑު ކަަމަށާއި ކޮންޓެއިނަރު ހުސްކުރަން ކަސްޓަމުގައި ތާށިވެފައި ކަމަށެވެ. ދުނިޔެއަށް މާބޮޑަށް ލޯހުޅުވިފައި ނެތް އަހަރެން ގަބޫލު ކުރީމެވެ. އަދި އަނެއް ދުވަހު އޭނާ ހޮސްޕިޓަލަށް އަންނާނެ ކަމުގެ އުންމީދާއެކު ހިތްހަމަޖައްސާލީ އަހަރެމެންނަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން ކުރާ މަސައްކަތް ހިތަށް އަރާފައި ލިބުނު ހިތްހަމަޖެހުމާއެކުގައިވެސްމެއެވެ.

ވިހެއުމަށް ވެއްދި އިރު ފުލުހުން ހޮސްޕިޓަލުގެ ލޭބާރ ރޫމް ގާތުގައި އެނބުރޭ ތަން ފެނުމުން ނަރުހެއް ގާތު އެހުމުން އެކުއްޖާގެ ޖަވާބަަކަށްވީ އެވާނީ ކޮންމެވެސް ބޮޑު މީހެއްގެ ދަރިއަކު ގެންނަނީ ކަމަށޭ ނުވަތަ އެމީހުންގެ މީހަކު ވިހަނީކަމަށެވެ. ވިއްސާ ކޮޓަރީގައި ދަރިފުޅު ގެނެސް އަހަންނަށް ދައްކާފައި ނަރުހުން ކުއްޖާ ސާފުކުރަން ދިޔައިރުވެސް ފިރިމީހާގެ ހަބަރެއް ނެތެވެ. ވިހެއުމުގެ ބަލިކަށިކަމުގައި ދެލޯ ހުޅުވާލާނެ ހަކަތަ ނެތިފައި އޮއްވާ ނަރުހުން އަހަރެން ސާފުކޮށްގެން ވޯޑަށް ނެރުނު ވަގުތަކީ ދިރިއުޅުމުގެ އެ ބޮޑު ސިއްރު އަހަރެންގެ ކުރިމައްޗަށް ފާޅުވެގެން ދިޔަ ވަގުތެވެ.

ފުލުހުންގެ ޓީމު އަހަންނަށް ވިސްނައިދިނެވެ. ދޮގު ނުހެދުމަށާއި އެނގިހުރި ހުރިހާ އެއްޗެއް ކިޔައިދިނުމަށެވެ. ކާކާ ބެހޭ ގޮތުންކަމަށްތޯއެވެ. އަހަރެންގެ ދެކުދިންގެ ބައްޕައާ ބެހޭ ގޮތުންނެވެ. ކީއްވެގެން ކަމަށްތޯއެވެ. އަންހެންކުއްޖަކަށް އިހާނެތިކޮށް ހިތައި އަބުރާއި އިއްފަތް ލޫޓުވައި މިފަދަ ކިތަންމެ ކަމެއްގެ ތެރެއިން ބިރުދެއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އެންމެ ފަހުން ގޮސް ފުލުހުން ބަލަމުންދާ ވަރުގަދަ ތިން މައްސަލައަކާ ގުޅުން ހުރުމުން ހޯދަނީކަަމަށެވެ.

ދެން ހަނދާންވީ އެތައް ކަމެއް އެއްފަހަރާއެވެ. ކޮންތާކުން ގެންނަހާ ބައިވަރު ފައިސާ ތަކެއްހެއްޔެވެ. މޮޅު ފޭރާމާއި ކާނާއާއި ކާރާއި ހިފާ ގެންގުޅޭ އަގުބޮޑު ތަކެއްޗެވެ. ހީކުރި ގޮތަށް ނޫނީ އެނގިފައި އޮތް ގޮތަށް އޭނާގެ އަތުގައި ޕަޑީގެ ސެޓްފިކެޓެއް އޮތުމުން އެއީ ޑައިވަރެއް ނޫނެވެ. ޑައިވް ކުރަނީ މުޅިން އެހެން ބޭނުންތަކުގައެެވެ. ހަތިޔާރު ރައްކާކުރުމަށެވެ. އަނިޔާތަށް ފޮހެލުމަށެވެ.

ފުލުހުންނަށް ބަޔާން ދިނީމެވެ. އިވުނު އަޑުތަކަށް ހިތާއިސިކުނޑީން ގަބޫލުކުރާ ވަރުގެ ހެކިތައް ފެންނަން ހުއްޓެވެ. އިވިފައިވާ އެތައް އަނިޔާވެރި ކަންކަމަކާއި ފާފަވެރި ވިޔަފާރިތަކާއި އޭނާ އާ ގުޅުން ހުއްޓެވެ.

ވިސްނާކަށް ނުހަދަމެވެ. ފުލުހުންގެ ހައްޔަރަށް އޭނާ ދިޔުމުގެ ކުރިން އަހަރެން ދެކުދިން ގޮވައިގެން އަހަރެންގެ މުސްކުޅި މާމަ ދުނިޔޭގައި ދިރިއުޅެމުންދާ ކުޑަކުޑަ ގެގަނޑަށް ބަދަލުވާން އެރަށުން ފުރައިގެން އައިސްފީމެވެ. އުޅޭނެ މަގު ހޯދުމަށް މަސައްކަތް ފެށުމުގެ ކުރިން ޖަލު ހުކުމަށް ފޮނުވާލުމުގެ ތައްޔާރީތައް ކުރުމަށް ބަންދުގައި ބަހައްޓާފައި ހުރި ވަގުތީ ހައްޔަރުން ކޯޓަށް ހާޒިރު ކުރުވައި އަބަދަށް ވައްސަލާމް ކިޔުމަށް ކޯޓށް ދިޔައީމެވެ. ގާޒީގެ އެހީގައި މިނިވަންވެގަތީމެވެ. އަނބުރާ ބެލުމެއްވެސް ނެތި އަހަރެން ކޯޓުން ނުކުތީ ހަމަޖެހިފައި ހުރެއެވެ.

އަހަރުތަކެއްފަހުން ތުނބުޅިލައި ސުންނަތަށް އުޅެން ފެށީކަމުގެ ކޯލުތަކެއް އައެވެ. ފަރުވާލެއް ނެތެވެ. ބަލާކަށް ވެސް ބޭނުމެއް ނޫނެވެ. ދެކުދިން ދުނިޔޭގައި ތިބެ ފުރާވަރަށް އަރައި ވިސްނޭ ވަރު ވުމުން ކިޔައިދެވިދާނެއެވެ. އެކަމަކު ޖަލަކަށް ބައްދަލު ކުރާކަށް ނުފޮނުވާނަމެވެ. ކުދިންގެ ޙަޟާނާ އޮތީ އަހަރެންގެ އަތުގައެވެ. ދުނިޔޭގެ ކަންތަކަށް މިހާރު ލޯ ހުޅުވައިގެން ހުރި އަހަންނަށް ފަސޭހަކޮށް އެއްވެސް މީހަކަށް ދެނެއް އޮޅުވައިލާ ހައްދައެއް ނުލެވޭނެއެވެ. އެއަށްވުރެ އަހަރެންގެ ހިތާއި ނަފުސު ވަރުގަދަވެއްޖެކަން ގައިމެވެ.

މިއަދު އަނެއްކާވެސް ޒަހަމްތަކުގައި ލޮނުމިރުސް ލެވިއްޖެއެވެ. ހިތުގައި ޖެހި ގިސްލެވިއްޖެއެވެ. އެކަމަކު މިހާރު އޭގެ ފަހުން އެތައް އެތައް އަހަރެއްވެ އަހަރެންގެ ދަރިން ބޮޑެތިވެ ކައިވެނިކުރުމަށް ތައްޔާރުވަނީއެވެ. އެކުދިންގެ ބައްޕަ އަހަރެންގެ މާފަށް އެދިއެދި ދުނިޔެއިން ވަކިވެ ދިޔަތާވެސް ދެތިން އަހަރުވެއްޖެއެވެ. އެހެންވިޔަސް ހަގީގަތަކީ އަދިވެސް އަހަރެންގެ ހިތުގައި ލާފައިވާ ޒަހަމްތަކަށް ފަރުވާއެއް ނުލިބޭ ކަމެވެ. މިގޮތަށް ކުރުކޮށް ކިޔައިދިނަސް ބިރުން ދެކުދިން ގައިތެރެއަށް ލައިގެން ކުރުސިކިޔާލަކިޔާލާ އިން ރޭތަކެއްވެސް ދިޔައެވެ. އަހަންނަކީ އޭނާގެ އަންހެނުންކަމާއި ދަރިންގެ މަންމަކަން އެނގުމުން އަހަރުތަކެއް ވަންދެން ނުދަންނަ މީހުންގެ ތުރާލާއި އުނދަގޫ ޖެހުނެވެ. އުފަންރަށާއި ވަަޒަން ދޫކޮށް މާލޭގައި ދިރިއުޅޭން ފެށުމުގެ ކުރިން ބިރާއި ސިހުން ގެނުވި ކިތަންމެ ދުވަހެއް ވޭތުވިއެވެ.