ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ "ވެށި ޕްރައިވެޓް" ކުންފުނީގެ ބަދަލުގައި އެޗްޑީސީން އަމިއްލައަށް އެކަން ކުރަން 136 މުވައްޒަފުން ނަގަން މިއަދު އިއުލާންކޮށްފި އެވެ.
މިއަދު އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުންނާއި ސަޕޯޓް ސްޓާފުން ނަގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޗްޑީސީ އިން ނަގަން ހަމަޖެހިފައިވާ މަގާމުތަކާއި އަދަދުތައްވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެޗްޑީސީން ސެކިއުރިޓީ އެސިސްޓެންޓް ގޮތުގައި 88 މުވައްޒަަފުން ނަގަން ނިންމާފައި ވާއިރު ސަޕޯޓު ސްޓާފުންގެ ގޮތުގައި 48 މުވައްޒަފުން ނަގާނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޖުމްލަ 136 މުވައްޒަފުންގެ މަހުގެ މުސާރައަކީ، 10،500ރުފިޔާ ކަމަށްވާއިރު އެއީ މަހަކަށް 1.4 މިލިއަން ރުފިޔާއެވެ.
އެޗްޑީސީން މިއަދު ވަނީ ހިޔާގެ ސެކިއުރިޓީ ބަލަހަޓަން މުވައްޒަފުން ހޯދަން އިއުލާނެއްވެސް ކޮށްފައެވެ. މި މުވައްޒަފުން ނަގަނީ މި މަހު 10ގައި އެޗްޑިސީން ބާއްވާ އޯޕަން ޑޭގައި ކަމަށް ބުނެފައިވެއެވެ. އެޗްޑީސީގެ އޯޕަންޑޭ އޮންނީ ފޭސް2 ކާމިލުދީދީ ސުކޫލުގައި ހަވީރު 4 އިން އިރުއޮއްސި 6 އެއް ޖެހުމާ ދެމެދުގެ ވަގުތުގައެވެ.
މި ހަރަކާތުގައި އެ މަގާމުތަކަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ބޭފުޅަކު ވެސް އައިޑީ ކާޑްގެ ކޮޕީ، ތައުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.އެހެންކަމަށް ވުމުން ވަޒީފާ ބޭނުންވެގެން އުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެޗްޑީސީން މިވަނީ މަގުފަހިކޮށްދީފައެވެ.
މިގޮތަށް ކަންތައް ކުރުމުގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ހިމެނުން ކަމަށްވެސް އެ ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީގައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލުކުރީ "ވަށި ޕްރައިވެޓް ލިމިޓެޑަށެވެ". އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖެނުއަރީއަށް ވަނީ ހަމަވެފައެވެ. އެހެންކަމުން އެއްބަސްވުން އާ ކުރުމުގެ ބަދަލުގައި އެޗްޑީސީގެ ވިސްނުމަކީ އެ ކުންފުނިން އަމިއްލައަށް އެކަން ކުރުމަށެވެ.