އަމިއްލަ ބޯހިޔާވަހިކަން ނުލިބޭ ދިވެއްސަކު ހުރެގެން ނުވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު ވިދާޅުވީ ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނޭ ގޮތް ހަމަޖެއްސުމަކީ އޭރު އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ.

ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި އޭގެ ސަބަބުން ބައެއްފަހަރު އާއިލާތައް ރޫޅޭގޮތްވެސްވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރުގެ އެންމެބޮޑު އެއް ވިސްނުމަކަށްވާންވާނީ ރަނގަޅު ޕްލޭނެއްގެ ދަށުން އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މާލޭސަރަހައްދުގައި އުޅޭ މީހުންނަށް އެކަންޏެއްނޫން މި މައްސަލަ ދިމާވެފައިވަނި. ރަށްރަށުގައި އުޅޭ މީހުންނަށް ވެސް މިމައްސަލަވަނީ ދިމާވެފައި. ބައެއް މީހުން ފުލެޓު ބޭނުންވޭ. އަނެއްބައި މީހުން ބޭނުންވަނީ ގޯތި. މި ދެކަމަށްވެސް ސަރުކާރުން ވިސްނުން ބަހައްޓައިގެން އެންމެނަށް ބޯހިޔާވަހިކަން އަވަހަށް ކަށަވަރުކޮށްދެވޭނޭ ގޮތެއް ހެއްދެވުންވުން ވަރަށް މުހިންމު. ޚާއްސަކޮށް އަމިއަލަ ދިރިއުޅުން ފަށައިފައިވާ މީހުންނާއި ފަށަން އުޅޭ މީހުންނަށް މި ފުރުސަތު އަވަސްކަމާއެކު ތަނަވަސް ކޮށްދޭންޖެހޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް އަވަހަށް ފަސޭހައިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރަަނގަޅު ޕްލޭނެއް ތައްޔާރުކުރާނޭ ކަމަށެވެ. ހަމައެއާއެކު އެ ޕްލޭން ތަންފީޒުކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޕްލޭން ތައްޔާރުކުރާނީ ސަރުކާރުން ބަލަންވާ ހުރިހާކަމެއް ބަލައި މައްސަލަތައް ދެނެގަތުމަށްފަހު ކަމަށް އުމަރު ވިދާޅުވިއެވެ. ދިރާއެއް ނުހަދައި ބޯހިޔާވަހިކަން އަވަހަށް ފޯރުކޮށްދޭން ވައުދުވިޔަސް އެއަކަށް އަމަލެއް ނުކުރެވޭނޭ ކަމަށް ވެސް އޭނާ ވިދާޅވިއެވެ. އެހެން ކަމުން ދިރާސާއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށް އުމަރު ވިދާޅުވިއެވެ.