މިއަދަކީ، ހިޖްރީ 1444 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 14 ވަނަ ދުވަހެވެ. މިރެޔަކީ، ޝަޢުބާން މަހުގެ ފަނަރަ ވިލޭރެޔެވެ. ކުރިން ރާއްޖޭގައި ކިޔަމުން އައި ގޮތުގައި ނަމަ، ހިޔަރަކާތް ވިލޭރެޔެވެ. ހިޔަ އަކީ 96 އެވެ. ހިޔަރަކާތަކީ، 96 ރަކްޢަތެވެ. އެ ބުނެވެނީ މިރެޔަކީ 96 ރަކްޢަތުގެ ނަމާދެއް ކުރާ ރެޔެކޭ އެވެ.
އެހެންނަމަވެސް، 96 ރަކްޢަތުގެ ނަމާދެއްގެ ވާހަކައެއް ކީރިތި ޤުރްއާނަކު ނެތެވެ. މާތް ނަބިއްޔާގެ ސުންނަތަކުވެސް ނެތެވެ. އަޅުކަމަކީ، އިންސާނުންގެ ސިކުނޑިއަށް އީޖާދު ކުރެވޭނެ ކަމެއް ނޫނެވެ. އަޅުކަމެއް ސާބިތުވާންޖެހޭނީ، ޤުރްއާނުން ނުވަތަ ސުންނަތުންނެވެ. އެނޫން ގޮތަކުން އަޅުކަމެއް ސާބިތެއް ނުވާނެއެވެ.
މިކަން މިހެން އޮތްނަމަވެސް، ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ ވާހަކަ ކުރީގެ ވަރަށް ގިނަ ފޮތްތަކުގައި އެބަހުއްޓެވެ. އެރޭގެ މާތް ކަމުގެ ވާހަކައެވެ. އެރެޔަކީ، އަޅުތަކުންގެ ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް އުފުލޭ ރޭ ކަމަށާއި، އެ ރެޔަކީ، އަޅުތަކުންގެ ފާފަ ފުއްސަވާ ރޭ ކަމަށާއި، އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވާ ރޭ ކަމަށްވެސް ވާހަކަ ދެކެވެއެވެ. މިއީ، ޝަރްޢީ ގޮތުން ބަލާއިރު އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫނެވެ. އެކަމަށް ދަލީލުކޮށްދޭ އާޔަތެއްވެސް، ޞައްހަ ޙަދީސެއްވެސް ނެތެވެ. އަދި، މިރޭ ކުރާނެ ވަކި ޚާއްޞަ ނަމާދެއް ނުވަތަ ކިޔާނެ ވަކި ޚާއްޞަ ދުޢާއެއްވެސް ޞައްޙަ މަގަކުން ވާރިދު ވެފައެއް ނެތެވެ.
މި މައްސަލައިގައި ޢިލްމުވެރިންގެ މުޙައްޤިޤުން ވިދާޅުވަނީ، ޝަޢުބާން މަހުގެ ފަނަރަ ވިލޭރެޔަކީ ޚާއްޞަ ރެޔަކަށް ވީ ވަރަށް މުހިންމު އެހެން ސަބަބަކާހުރެ ކަމަށެވެ. އެއީ، ޤިބްލަ ބަދަލުކުރެއްވުމެވެ. ނަމާދު ކުރާއިރު، ބައިތުލް މަޤްދިސްއަށް ކުރިމަތިލުމުގެ ބަދަލުގައި ކަޢުބަތު ﷲ ގެފުޅަށް ކުރިމަތިލާން އެންގެވުމެވެ.
ޤިބްލައަށް ކުރިމަތިލުމަކީ، ނަމާދު ޞައްޙަ ވުމުގެ ޝަރްޠެކެވެ. މުސްލިމަކު ނަމާދުކުރާއިރު، އޭނާހުރީ ކޮންމެ ތަނެއްގައި ކަމުގައިވިޔަސް، ހުންނަންވާނީ ޤިބްލައަށް ކުރިމަތިލައިގެންނެވެ. އެންމެހާ މުސްލިމުން ނަމާދުކުރާއިރު އެއް މިސްރާބަކަށް ކުރިމަތިލައިގެން ތިބުމަކީ، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދައްކައިދޭ ކަމެކެވެ.
އިސްލާމްދީނުގެ ކުރީކޮޅުގައި، ޤިބްލައެއް ކަމުގައި ކަނޑައަޅުއްވާފައި އޮތީ، ބައިތުލް މަޤްދިސް އެވެ. އެތަނަކީ، އެތާނގެ ވަށައިގެން މާތް ﷲ ބަރަކާތް ލައްވާފައިވާ ތަނެއްކަމުގައި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ތަނެކެވެ. އަދި އެތަނަކީ، ޔަހޫދީންނާއި ނަޞާރާއިންވެސް ޙުރްމަތްތެރިކޮށް ހިތަމުންދާ ތަނެކެވެ.
رسول الله صلّى الله عليه وسلّم މައްކާއިން މަދީނާއަށް ހިޖްރަކުރެއްވިތާ 16 މަސްދުވަސް ނުވަތަ 17 މަސްދުވަސް ފަހުން ޤިބްލަ ބަދަލު ކުރައްވައިފިއެވެ. ޤިބްލަ ބަދަލު ކުރެއްވީ كعبة الله ގެފުޅަށެވެ.
މިކަން ބަޔާންކުރައްވައި، މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿ قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَىٰهَا ۚ ؛ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْـحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّواْ وُجُوهَكُمْ شَطْرَهُۥۗ ؛ وَإِنَّ ٱلَّذِينَ أُوتُواْ ٱلْكِتَــٰـبَ لَيَعْلَمُونَ أَنَّهُ ٱلْـحَقُّ مِن رَّبِّـهِمْ ۗ ؛ وَمَا ٱللَّهُ بِغَــٰــفِلٍ عَمَّا يَعْمَلُونَ ﴾ (البقرة: 144) މާނައީ: [އުޑާދިމާއަށް މަތިބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވަޑައި ގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة الله ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ! އަދި ހަމަކަށަވަރުން އެއީ (އެބަހީ: قبلة އާދެމެދު ބާވައިލެއްވި މި ބާވައިލެއްވުމަކީ) އެއުރެންގެ ވެރިރަސްކަލާނގެ حضرةން އެންގެވި حقّ ގޮތްކަން ފޮތް ލިބުނު މީހުން ދަންނާނެކަން ކަށަވަރެވެ. އަދި އެއުރެންކުރާ عمل ތަކާމެދު، غافل ވެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންނުވެއެވެ.]
މުސްލިމުން ބައިތުލް މަޤްދިސްއަށް ކުރިމަތިލައިގެން ނަމާދު ކުރަމުން ދިޔުމަށްފަހު، އެކުރިމަތިލުން كعبة الله ގެފުޅަށް ބަދަލުކުރެއްވުމާ ގުޅިގެން، މަދީނާގައިތިބި ޔަހޫދީން މުސްލިމުންނަށް މަލާމާތްކޮށް ވާހަކަދައްކައި ހެދިއެވެ. އެބައިމީހުންގެ މިނުބައި ޢަމަލު ކުށްވެރިކުރައްވައި، އަދި ޤިބްލަ ބަދަލު ކުރެއްވުމުގެ ސަބަބު ބަޔާން ކުރައްވައި، މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. [މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި قبلة ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! مشرق އާއި مغرب މިލްކުވެވޮޑިގެންވަނީ الله އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ.]
މިކައުނާއި ކައުނުގައިވާހާތަނެއް މިލްކުވެވޮޑިގެންވަނީ الله سبحـانـه وتعـالى އަށެވެ. އެކިތަންތަނާއި އެދިދުވަސްތަކާއި ރޭތައް މާތްކުރެއްވުމަކީވެސް، ހަމައެކަނި އެކަލާނގެއަށް މިލްކުވެވޮޑިގެންވާ ކަމެކެވެ. އެކަލާނގެ އަޅުތަކުންނަށްއޮތީ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ. އެއިން އެއްވެސް ކަމަކަށް ފާޑުކިޔުމަކީ، އެއްވެސް އިންސާނަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.
ނަމާދުކުރާއިރު މުސްލިމުން ކުރިމަތިލާންވީ ފަރާތެއް ކަނޑައެޅުއްވުމަކީވެސް، ހަމައެކަނި މާތް ﷲ އަށް ލިބިވޮޑިގެންވާ ޙައްޤެކެވެ. މުސްލިމުން ނަމާދުކުރާއިރު އެންމެން އެއްފަރާތަކަށް ކުރިމަތިލުމާއި، އިމާމުގެ ފަހަތުގައި ސަފުހަދައިގެން ތިބުމާއި، އެންމެން އެއްފަހަރާ ركوع އަށް ދިއުމާއި، ސަޖިދަ ޖެހުމާއި، އައްތަޙިއްޔާތަށް ތިބުމާއި، މިނޫން ނަމާދުގެ އެހެން ކަންތައްތައް އެންމެން އެކުގައި ވަކި ނިޒާމެއްގެ މަތިން ކުރުމަކީ، މުޅި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދައްކައިދޭ ކަމެއްކަން ކަށަވަރެވެ.
ޤިބްލަ ބަދަލު ކުރެއްވީ، ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގެ ތެރޭގައި ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި، އެކަން ހިނގީ، އެ އަހަރުގެ ޝަޢުބާން މަހުގެ ފަނަރަ ވިލޭރެޔެވެ.