އިންތިގާލީ އިންސާފުގެ ގާނޫނުން، ފުރަތަމަ ދައުވާ އުފުލަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ އެމްޑީޕީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނަކީ ބަދަލު ހިފުމުގެ ރޫހު ނެތިކޮށް އެކުވެރި މުޖުތަމައުއެއް ގާއިމް ކުރުމަށް އުފައްދާފައިވާ ގާނޫނެއް ކަމަށެވެ. އަދި މި ގާނޫނުން ބެލޭ މައްސަލަތަކުގައި ކޮށްފައިވާ ކުށްތަކަށް އަމިއްލަޔަށް މަޢާފަށް ނޭދިއްޖެނަމަ ދައުވާ ކުރެވިގެންދާނޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދެއްކެވި ވާހަތަކާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ޤާޒީއަކު ވަގަން ނަންގަވައި، އިންސާނީ ބޮޑު ޖަރީމާއެއް ހިންގަވާފައިވާ ބޭފުޅެއްކަމަށެވެ. މިމައްސަލަ ބެލޭ ގޮތަށް މިއަދު އަމިއްލަ ފުޅަށް މަޖިލީހުގައި އިންވައި ފާސްކޮށްފައިވާ ބިލުން ފުރަތަމަ ދައުވާ އުފުލަންވީ ރައީސް ނަޝީދަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަހުގީގުކޮށް، ޙަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.