ރޭޕާއި ޖިންސީ އެކި ކަހަލަ އަނިޔާ ލިބޭ އަންހެނުން އިތުރުވާން ފަށައިފިއެވެ. އޭގެ ސަބަބުން ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓީ މުސްތަގުބަލް ގެއްލޭ އަންހެނުން މުޅި ދުނިޔޭގައި ވެސް އަންނަނީ އިތުރުވަމުންނެވެ. އާއިލީ ހަމަނުޖެހުންތަކުގެތެރެއިން އަނިޔާ ލިބޭ އަންހެނުން މަދެއް ނޫނެވެ. ފިރިމީހާގެ ފަރާތުން ލިބޭ ގެވެށި އަނިޔާގެ ގަދަފަދަ ވޭން އުފުލާ އަންހެނުން ވެސްމަދެއް ނޫނެވެ.

އޭގެ ސަބަބުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލި ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި އުޅޭ އަންހެނުންގެ އަދަދުވެސް މަދެއް ނޫނެވެ. އެއިން ސަލާމަތްވާ ކުރާ މަސައްކަތުގެތެރެއިން ބައެއް ފަހަރު މަގުއޮޅިގެންދެއެވެ. ނުބައި މަގުތައް އިޚްތިޔާރު ކުރެވި މުޅި މުސްތަގުބަލް ބަނަވެ ދިރިއުޅުން އެއްކޮށް ހަލާކުވެގެންދެއެވެ. އަނިޔާވެރިކަމުގެ ވާހަކަ ދައްކާއިރު އަނިޔާވެރިންގެ ގޮތުގައި ސިއްކަ ޖެހިފައިވާ އަންހެނުންވެސް މަދެއް ނޫނެވެ. އޭގެ ސަބަބުން މުޅިއުމުރަށް ހިތާމަ ކުރަން ޖެހިދެއެވެ. ނަތީޖާއަކީ މުޅިއުމުރަށް ނަފުސާނީ ބޭސް ކާންޖެހުމެވެ. މިއީ ކުޑަކުޑަ ދިވެހި ރާއްޖޭގައި ހިނގާ ކަންކަމެވެ. ތިލަވެގެން އަންނަނީ މަދު ކަންކަމެވެ. ގިނަކަންކަން ހުންނަނީ ފަސްއެޅި ފޮރުވިފައެވެ.

މިފަދަ ކަންކަމުގައި ވެސް ޒިންމާ ނަގަންޖެހޭ ބަޔަކު އުޅެންވާނެއެވެ. އަމިއްލަ މީހާއެވެ. މައިންބަފައިންނެވެ. ފިރީންނެވެ. ސަރުކާރެވެ. މުޅި މުޖުތަމައެވެ. މިފަދަ ކަންކަން ދެނެތިބީންނެވެ. ވާނުވާ ސާފުނުކޮށް މިފަދަ ކަންކަންމަށް ނޭދެވޭ ބަސް ބުނުމަކުން ކަންކަން ހަމައަކަށް އެޅުނީއެއް ނޫނެވެ. ޒިންމާ އަދާކުރެވުނީއެއް ނޫނެވެ.

ޒިންމާ އަދަކުރުމަކީ މާފުޅާ ދާއިރާއެއްގައި އޮންނަ ކަމަކެކެވެ. އަންހެނަކު މަސްތުވާތަކެތީގެ ތެރެއަށް ގެނބިގެން ގޮސްފި ކަމަށްވާނަމަ އޭނާ އެކަމުން މިންޖުރުމުގެ ބަދަލުގައި ނާޖާއިޒު ފައިދާ ނަގާ މީހުން މަދެއް ނޫނެވެ. އަންހެންދަރިފުޅު މިނުބައި މަގުން ހިނގައިގަނެވި އެކަމުގެ ނޭދެވޭ އިހުސާސް ކުރެވެން ފެށުމުން އާއިލާގެ އެހީއަށް އެދުމުން އެހީއާއި ހަމްދަރުދީގެ އަތެއް ދިއްކޮށްލުމުގެ ބަދަލުގައި ގެއިން ނެރެ، ގުޅުން ކަނޑާފައި ތިބި އާއިލާތައް ވެސް މަދެއް ނޫނެވެ.

އެކިވަރުގެ އެކިކަހަލަ ކުށްކުށުގައި ހައްޔަރު ކުރެވި އެކަން ސާބިތުވާއިރު އިހުމާލު އޮންނަނީ އެހެން ދިމާއެއްގައެވެ. އެހެންނަމަވެސް އިހުމާލުވާ ފަރާތަކަށް އަދަބެއް ނުލިބެއެވެ. އޭނާ ހުންނަނީ މާދުރުގައެވެ. އަންހެންދަރިއަށް ފިރިމީހާ ޖިންސީގޯނާ ކުރުމުން އަންހެން ދަރި ގޯސްކުރާ މައިންބަފައިންވެސް އެބައުޅެއެވެ. ފިރިމީހާގެ ބަސް ގަބޫލު ކުރެވެއެވެ. ހުދު ތިމާއަކީ އަންހެނެއްކަން އެފަދަ މައިންނަށް އިހުސާސް ނުކުރެވޭ ކަހަލައެވެ.

މިގޮތަށް ކަންތައް ވަނީ ހަގީގީ ބޮޑުމަންޒަރު ނުފެންނާތީއެވެ. ފެންނަ މަންޒަރާއި އިވޭ އަޑުތަކަށް ރިއާޔަތް ކޮށް "ހުކުމް" އިއްވާތީއެވެ. މިއީ ދުނިޔޭގެ ހަގީގަތެވެ. ނުވިސްނައިއަމަލުކުރާކަމަށްވާނަމަ ބަދަލެއް ނުވާނޭ ކަންކަމެވެ. އެހެންކަމުން ހުކުމް އިއްވުމުގެ ކުރިން ހަގީގަތަށް ވާސިލްވާން ޖެހެއެވެ. އަދުލުވެރި ނިންމުމެއް ނިންމޭނީ އޭރުންނެވެ. އެންހެނުންގެ ދުވަހެއް އިއްޔެ ނިމިގެން ދިޔައީއެވެ. މިފަދަ ކަންކަމާމެދު ވިސްނާލީ ކިތައް މީހުން ހެއްޔެވެ؟

މަލާމަލުގެ ހުވަންދުން ވެދުންކޮށް ރީތިހާ ހަދިޔާތަކާއި މީރުހާ ކެއުންދީ ވަގުތީ ހިތްހަމަޖެހުމެއް އެމީހުންނަށް ދިނުމުގެ ބަދަލުގައި ދާއިމީ އުފަލެއް އެމީހުންނަށް ތަނަވަސްކޮށްދެވުނު ކަމުގެ އިހުސާސް މިއަދު އެބަކުރެވޭ ހެއްޔެވެ؟ އެކަން އެގޮތަށް ކުރިނަމަ ކުރިބަޔަކަށް ޝުކުރު ހުއްޓެވެ. ސަވާބާއި ދަރުމަ ހުއްޓެވެ. އަންހެނުންގެ ހިތުގައި އެބަޔަކަށް ނުވަތަ އެމީހަކަށް ގަދަރާއި އިއްޒަތް ހުއްޓެވެ.އަންހެނުންގެ މައްސަލަތަކަށް ވިސްނަންވީ އަންހެނުންގެ ދުވަހަކު އެކަންޏެއް ނޫނެވެ. އަބަދުވެސް އެކަމާ ފިކުރުކޮށް އެމީހުންނަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހެއެވެ. ލިބޭ އަނިޔާތައް ފޮރުވައިގެން އެއަށް ކެތްކޮށްގެން ތިބެންޖެހޭ ޒަމާން މިއަދު މާޒީވީއެވެ. ގެވެށި އަނިޔާއާއި އެހެނިހެން އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރުން ވަނީ މުއައްސަސާތަކެއް ކަނޑައަޅައިފައެވެ.

ސަރުކާރުގެ ތާއީދާއެކު އަމިއްލަ ފަރާތްތަކުން ޖަމިއްޔާ ޖަމާއަތްތައް ހިންގައެވެ. އެހެންވީމާ އަނިޔާ ލިބޭ އަންހެނުން އިހެކޭ އެއްގޮތަށް ގޭ ކޮޓަރީގެ ކަނަށް ވަދެ ތިބިތިބުން ނިމުމަކަށް ގެންނަން ވެއްޖެއެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވާން ވެއްޖެއެވެ. ދިފާއުގައި ވަކާލާތު ކުރަން ވެއްޖެއެވެ. އަނިޔާވެރިކަން ނައްތައި މީހުންނަށް އިސްލާހު ކުރަން ވެއްޖެއެވެ.

އަނިޔާ ލިބުނަސް ހިތްވަރު ކުރަންވީ އަނިޔާތަކަށް ކެތްކުރާކަމަށް ނޫނެވެ. ހިތްވަރުކުރރަންވީ އަނިޔާތަކުން ސަލާމަތް ވާށެވެ. އަނިޔާ ލިބޭ ވަގުތު އެލިބޭ ވޭނެއް ފިޔަވައި އިތުރު ވޭނެއް އަނިޔާއެއް ލިބިގަތުމަށް ފިޔަމަޅައިގެން ތިބެން ނުޖެހެއެވެ. ތެދުވާށެވެ. އިންސާފު ހޯދަން މަސައްކަތްކުރާށެވެ. ދަރިންނަށްޓަކައި ވެސް މެއެވެ. އަނިޔާވެރީން އަނިޔާ ކުރުން ހުއްޓާލާށެވެ. އަނިޔާ ލިބިގަތުން މަނާ ވެގަންނާށެވެ. ކަމާ ބެހޭފަރާތްތަކަށް ރިޕޯޓުކުރާށެވެ. އަނިޔާވެރިކަމާ ދެކޮޅަށް އެންމެން ތެދުވާށެވެ.