ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ޤަޠަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

‎އެގޮތުން އެމަނިކުފާނުގެ ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގެންފައިވަނީ ޤަޠަރުގެ ވެރިރަށް ދޯހާއަށެވެ. އަދި އެމަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފައެވެ. މި ކޮންފަރެންސްގެ ހަވާސާގައި ރައީސް ޞާލިޙް ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ.

‎މީގެއިތުރުން ރައީސް ވަނީ ސޭޝެލްސްގެ ރައީސް އާއި، ފަލަސްޠީނުގެ ރައީސް އާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސްއާއި، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސްގެ އިތުރުން އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި އެޤައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ޤައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

‎އެމަނިކުފާނުގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އެމަނިކުފާނު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވާފައެވެ.

‎މި ދަތުރުފުޅުގައި ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސްގެއަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ، މި ދަތުރުފުޅުގެ އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަރުމަނުގެ ރައީސް އާ ބައްދަލުކުރައްވާފައެވެ.