އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއީ ފޮރ ދަ އޯޝަން، ޕީޓަރ ތޮމްސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް،ޞަބްރާ އިބްރާހީމް ނޫރައްދީންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކަނޑުތައް ހިމާޔަތްކުރުމާއި ކަނޑުގެ ދިރުންތަކާބެހޭ ގޮތުންނާއި އަދި ގްލޯބަލް ޓްރީޓީ އޮން ޕްލާސްޓިކް ޕޮލިއުޝަން، ހައި ސީސް ޓްރީޓީ އަދި ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ހޯދިފައިވާ އެންމެފަހުގެ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުތަކާ އޮންނަ ގުޅުމުގެ މައްޗަށް ވެސް ދެބޭފުޅުންގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަން އެންވޯއީ ފޮރ ދަ އޯޝަން، ރާއްޖެވަޑައިގެން އުޅުއްވަނީ ހޮޓެލް ޖެންގައި މި މާރިޗު މަހުގެ ބާރަގައި ކުރިޔަށްގެންދިޔަ "ސަސްޓެއިނަބަލް އޯޝަން މެނޭޖްމަންޓް އިން ދަ މޯލްޑިވްސް އެންޑް ދަ އިންޑިއަން އޯޝަން" ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްވެސް ވިދާޅުވިއެވެ.

މި ކޮންފަރެންސަކީ ސަސަކާވާ ޕީސް ފައުންޑޭޝަންގެ އޯޝަން ޕޮލިސީ ރިސަރޗް އިންސްޓިޓިއުޓް (އޯ.ޕީ.އާރު.އައި)އާއި، ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމުގައިވާ ވިމެން އިން ޑިމޮކްރަސީ ގުޅިގެން ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް،ޞަބްރާ އިބްރާހިމް ނޫރައްދީން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކުރުމާއި ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމުގައި ބައިވެރިވުން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ކޮންފަރެންސްގައި ނޫ އިޤްތިޞާދަށާއި ކަނޑުތަކާ ގުޅޭ ދެމެހެއްޓެނިވި ގޮތްތަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖެއާ އިރުމަތީ އިންޑިއާ ކަނޑުތަކަށް ކުރިމަގުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެއެވެ.