"ރިހި އައްސޭރި 2023" ޓޭބަލްޓޮޕް އެކްސަސައިޒް ކުރިއަށްގެންގޮސްފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއީ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރު.ޕީ) އަށް ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސް އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިމަހު 12 އިން 13 އަށް މާލެ ސަރަހައްދުގައި ބޭއްވި މި އެކްސަސައިޒަކީ ޓެރަރިޒަމްގެ ޙާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އީޖާބަ ޓެސްޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ.

މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެން.ޓީ.އާރު.ޕީ. ގައި އަލިއަޅުވާލާ ކުއްލި ޙާލަތްތަކުގައި އީޖާބަދޭ ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮންނަ މުވާސަލާތީކަންކަމާއި ވިލަރެސްކުރުން ޓެސްޓުކޮށް، މިފަދަ ޙާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤާބިލުކަން ހަރުދަނާކުރުމެވެ. އަދި މި މަޤްސަދު ހާސިލުކުރުމަށް އިދާރާތަކަށް ބޭނުންވާނެ ތަމްރީނާއި އެކްސަސައިޒްތައް ދެނެގަނެ އިޖާބީ ޙަރަކާތްތައް އިތުރަށް ފުރިހަމަކުރުމެވެ.

އެކްސަސައިޒް "ރިހި އައްސޭރި 2023" އަކީ އެން.ޓީ.އާރު.ޕީ. އަށް ޢަމަލުކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ހިންގަމުންދާ ޙަރަކާތްތަކުގެ ތެރެއިން އެންމެފަހުގެ ޙަރަކާތެވެ.

މި އެކްސަސައިޒްގައި ސަރުކާރުގެ 11 އިދާރާއެއްގެ އޮފިޝަލުން އެއްތަންވެ މަސައްކަތްކޮށްފައިވެއެވެ.