މާލެއިން ތުލުސްދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެއޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމަހު 12 ވަނަ ދުވަހުގެ ރޭ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 31 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށާއި އެ ބަލައިފަސްކުރުމުގެ ތެރެއިން، އޭނާ ގެންގުޅުނު ފޮށިގަނޑެއް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.