''ފަހިރާސްތާ'' ޕްރޮގްރާމް މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ މަގުތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމާއި މަގުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފުލުހުން ވިދާޅުވީ ރަމަޟާންމަހާ ދިމާކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ރޯޑް ޕޮލިސް އަދި އަވައްޓެރި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ އިއްޔެއާއި މިއަދު މާލެ، ބާޒާރުމަތި ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދުވާރު މައްޗާއި ޕާކިން ޒޯނުގައި ކާބޯތަކެތި ދޮވެ ސާފުނުކުރުމަށާއި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި މުދާ އަރުވައި ބޭލުމަށް ހާއްސަ ޒޯނުތަކަކީ ކޮބައިކަން ބުނެދިނުމާއި އެކަމަށް ހާއްސަ ކޮށްފައިވާ ޒޯނު ބޭނުންކުރުމަށް އިރުޝާދުވެސް ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން، ނޯތު ހާބަރު ގޭޓުން ފެށިގެން މުޙައްމަދު އިސްމާޢީލްދީދީ ގޯޅިއާ ހަމައަށް ތޮށިގަނޑާވީ ފަރާތުގައި ޑަބަލް ޕާކިންގއަށް ނުވާގޮތަށް މުދާ އަރުވަން މަޑުކޮށްލެވިދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

އަދި ބޯޓަށް މުދާ އަރުވައި ބޭލުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ބާޒާރުމަތި ބޭނުންކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން ކަނޑު އުޅަނދަކުން މުދާ ބާލާއިރު މުދަލާ ހަވާލުވާނެ ފަރާތެއް ހުރިކަން ކަށަވަރު ކުރުމަށާއި މުދާ އަރުވައި ބޭލުމަށްފަހު ވީއެންމެ އަވަހަކަށް އުޅަނދު ނަގަން އިލްތިމާސްކޮށްފައިވެއެވެ. އަދި ބޯޓަށް އަރުވަން ގެންނަ މުދާ ވީއެންމެ އަވަހަކަށް ބޯޓަށް އެރުވުމަށާއި މުދާ އެރުވުމަށް އުޅަނދު މަޑުކޮށްގެން އޮންނައިރު މަގަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި މުދާ ގެންނަ އުޅަނދު ހުސްކޮށް މަގުމަތި އަމާންކުރުމަށް ފުލުހުންނަށް އެހީތެރިވުމަށް މުދާ އަރުވާ ފަރާތްތަކުގެ ކިބައިން ފުލުހުން އެދިފައިވެއެވެ.

އޭގެއިތުރުން، ރަމަޟާންމަހު ބާޒާރުމަތީ ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތާ އަދި މަގުމަތީގައި ދުއްވާ އުޅަނދުތަކަށް ދަތިވެ ބާރުބޮޑުވާ ވަގުތުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޓްރޯލީ ފަދަ އުޅަނދުގައި މުދާ އުފުލާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފުލުހުން ފޯރުކޮށްދިން މައުލޫމާތުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ހަނދާންކޮށްދީ އަދި ހިއްސާކުރި މައުލޫމާތުތައް ހިމެނޭ ލީފްލެޓު، ބާޒާރުމަތި ސަރަހައްދުގައި އުޅޭ ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ