ފަރެސްމާތޮޑާ އެއަރޕޯޓާ އެކު، މިހާރުވެސް އެރަށަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވައި ދެއްވުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަަމުންނެވެ.

"އެންމެ ހެޔޮ ބަދަލެއް އައީ ކަރަންޓުގެ ޚިދުމަތަށް. އެއަރޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ގާއިމުކޮށް، ކަރަންޓް ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިއްޖެ. ބާ ކޭބަލްތަކުގެ ބަދަލުގައި މުޅިން އައު ކޭބަލް މިހާރުވަނީ އަޅައި ނިމިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފެށީ، ކޯވިޑް-19ގެ ބަލިމަޑުކަން އެންމެ ހަލުވިކޮށް ފެތުރެމުން ދިޔަ ދުވަސްވަރު ކަމަށެވެ. އެހެންކަމުން އޭރު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އޮތީ ހުއްޓި، އެތައް ބައެއްގެ ވަޒީފާ ގެއްލިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އެންމެ އަވަހަށް މި ރަށަށް އަންނާނެ އެއް ބަދަލަކީ، އެއަރޕޯޓާ ގުޅުވައިދޭ ދާއިމީ ކޯޒްވޭ. އެ މަސައްކަތް ނިމުމާއެކު، ބަނދަރު ސަރަހައްދުން އެއާޕޯޓަށް ގެންގޮސްދޭނެ ތާރުމަގުގެ މަސައްކަތް ވެސް މާލަސްތަކެއް ނުވެ ފެށިގެން ދާނެ. މި އެއާޕޯޓްގެ ލުއިފަސޭހަކަން ފުރިހަމައަށް ލިބެން ފަށާނީ އޭރުން،"
ރައީސް ސާލިހް

ރައީސް ވިދާޅުވީ ފަރެސްމާތޮޑާގެ ނަރުދަމާގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފައި ކަމަށެވެ. އެކަމުގެ ލުއިފަސޭހަކަން ވެސް މާގިނަ ދުވަސްތަކެއް ނުވެ ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ވެސް އަސާސީ ޚިދުމަތްތަކާ އެކު އުފެދިގެން އަންނަ އިތުރު ވަޒީފާތަކެއް ކަމަށް އެމަނިކުފާނުު ވިދާޅުވިއެވެ.

"ދެން އެންމެ އަވަހަށް މި ރަށަށް އަންނާނެ އެއް ބަދަލަކީ، އެއަރޕޯޓާ ގުޅުވައިދޭ ދާއިމީ ކޯޒްވޭ. އެ މަސައްކަތް ނިމުމާއެކު، ބަނދަރު ސަރަހައްދުން އެއާޕޯޓަށް ގެންގޮސްދޭނެ ތާރުމަގުގެ މަސައްކަތް ވެސް މާލަސްތަކެއް ނުވެ ފެށިގެން ދާނެ. މި އެއާޕޯޓްގެ ލުއިފަސޭހަކަން ފުރިހަމައަށް ލިބެން ފަށާނީ އޭރުން،"
ރައީސް ސާލިހު

ރައީސް ވިދާޅުވީ ވާދޫ ރައްޔިތުން މީގެ ކުރިން ކުރަމުން އައި އެއް ގަޑިއިރުގެ ދަތުރު ފަރެސްމާތޮޑާއެއާޕޓުގެ ސަބަބުން އެންމެ 15 މިނިޓަށް ކުރުވެއްޖެ ކަމަށެވެ. ފިޔޯރީ މީހުންގެ 50 މިނިޓްގެ ދަތުރު 10 މިނިޓަށް ވަނީ ކުރުވެފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރަތަފަންދޫ މީހުން 45 މިނިޓުން ކުރި ދަތުރު 20 މިނިޓަށް މިހާރުވަނީ ކުރުވެފައި ކަމަށް ވެސް ވިދާޅުވިއެވެ. "މި ރަށުގެ ރައްޔިތުން، އެއް ގަޑިއިރުން ކުރި ދަތުރު، ނިސްބަތުން ބަލާނަމަ އެ ކުރުވީ، ގާތްގަނޑަކަށް ގެއާއި ބަދިގެއާ ދެމެދުގެ ދުރުމިނަކަށްް،" ރައީސް ވިދާޅުވިއެވެ.

"އެހެން އަތޮޅުތައް ވެސް މި ދެންނެވި މިންގަނޑަށް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ފައްތާނަން. އުތުރުގެ ދެ އަތޮޅެއްގަޔާއި، ދެކުނުގެ ދެ އަތޮޅެއްގައި ހަތަރު ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް، އެމް.ޓީ.ސީ.ސީ.އިން ވަރަށް ހަލުވިކަމާއެކު މިހާރުވެސް ކުރިއަށް އެބަގެންދޭ،" ރައީސް ވިދާޅުވިއެވެ.