މާލެހިޔާގައި ދެމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ޚިދުމަތް، ކުރިން އެންސްޕާ ހިންގި އިމާރާތަށް ބަދަލުކޮށް, އެއިމާރާތް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުކަމަށެވެ

. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އާއި ފުލުހުންގެ އެގެޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ ކުރިން އެންސްޕާ ހިންގި އިމާރާތް ގަަލޮޅު ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖެއްސީ މާލެހިޔާގައި ހިންގަމުން ދިޔަ ގަލޮޅު ޕޮލިސް އިމާރާތް ވަރަށް ބޮޑަށް ބައުވެ، އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ، ގަަލޮޅު ޕޮލިސް ހިންގުމަށް މާލެއިން އެކަށީގެންވާ އިމާރާތެއް ހޯދުމަށް އިއުލާނުކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކަމަަށެވެ.

މި އިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަށެވެ.

މި އިމާރާތުގައި ފުލުހުންގެ ޚިދުމަތްދޭން ފެށުމުން ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބަރހުޑް އޮފިސަރުން އެެއް އިމާރާތަކުން މަސައްކަތްކުރަންވަނީ ފަށާފައެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވިއެވެ

މީގެ ކުރިން މާފަންނު ޕޮލިސްވެސް ވާނީ މި މޮޑެލްއަށް ބަދަލުކޮށް، މަސައްކަތްކުރަމުން ދިޔަ އިމާރާތް މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ހުރި އިމާރާތަށް ބަދަލުކޮށްފައެވެ.