ސްޕެޝަލް އަދި ބިޒްނެސް ވިސާގައި ތިބޭ ބިދޭސީންނަށް ވޯކް ވިސާ ދޫކުރަން ނިންމައިފިއެެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ވަނީ ކޮވިޑް-19އާ ގުޅިގެން ފުރައިގެން ނުދެވިފައި ތިބި ބިދޭސީންނަށް އެމްޕްލޯއީމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

މިގޮތަށް ވިސާ ދޫކުރާނީ ބިޒްނެސް އަދި ސްޕެޝަލް ވިސާގައި ރާއްޖެ އައިސް ފުރައިގެން ނުދެެވި ތިބި ބިދޭސީންނަށް އެެކަނި ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވޯކް ވިސާ ދޫކުރާނީ މިހާރު އޮތް ވިސާގެ މުއްދަތު ހަމަނުވާ ނަމަ އެކަންޏެެވެ.

އިމިގްރޭޝަނުން ބުނީ މި ވިސާ ދޫކުރެވޭނީ މި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީންނަށާއި، ސްޕެޝަލް ވިސާގެެ ދަށުން އެތެރެވެ ވަޒީފާއެއް އަދާކުރަމުން އަންނަ ފަރާތްތަކަށް ކަމަށެވެ. މީގެ ތެރޭގައި ކްލަބް، އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ބިދޭސީން ހިމެނެެއެެވެ.

އަދި ބިޒްނެސް ވިސާ އަދި ސްޕެޝަލް ވިސާ އޮތް ބިދޭސީންގެެ ތެރެއިން ވޯކް ވިސާ އަށް ބަދަލު ކުރުމަށް އެެދޭ ފަރާތްތަކުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ ކުރިން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރުމަށް އިމިގްރޭޝަނުން ވަނީ އެެދިފައެވެ.