ގޭގައި ތިބެގެން ދިރިއުޅުން ކުރިއަށް ގެންގޮސް ތަރައްގީކުރުމަށް މަސައްކަތް ކުރާ އަންހެނުންނަކީ ވަރަށްވެސް ހިތްވަރުގަދަ ބައެކެވެ. އާއިލާ ބަލަހައްޓަމުން އަދި ވިޔަފާރިއެއް ކުރިއަށް ގެންދިއުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ޒިންމާގެ މައްޗަށް ޒިންމާއެވެ. އަމުދުން އެއް މަސައްކަތަށް ވުރެ ގިނަ މަސައްކަތް ކުރަމުން އާއިލާ ކުރިއަށް ގެންދާ އަންހެނުންނަކީ ޔަގީނުންވެސް ހިތްވަރުގަދަ ސާބަސްދޭވަރުގެ ބައެކެވެ.

34 އަހަރުގެ ފާތުމަތު ލީޝާއަކީ މާލޭގެ ހަރަދުބޮޑު ދިރިއުޅުން ފަސޭހަ ކުރުމަށް އޭނާގެ ފިރިމީހާއަށް އެކަނި އެ ބުރަ ނުޖައްސައި ދިރިއުޅުން ތަރައްގީ ކުރުމަށް ހިތްވަރު ކުރާ މަސައްކަތްތެރިއެކެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ކިތަންމެ ބުރަވެފައި ގިނަވިޔަސް ލީޝާ އަށް އެކަމުން ލިބެނީ ހިތްހަމަޖެހުމެވެ. ށ މިލަންދޫ އަށް އުފަން ލީޝާ އޮންލައިން ކޮށް ކުރާ ވިޔަފާރިއަށް އޭނާ ދީފައިވާ ނަމަކީ 3ލީ އެވެ. އެކަމަކު އޭނާއަކީ 3 އަށްވުރެ ގިނަ ކަންތައް ކުރާ އަންހެނެކެވެ.

ކިޔަވާ، ވަޒީފާ އަދާ ކުރާ ފަރާތްތައް، ތިން އިރުގެ ކެއުމާއެކު ބޭތިއްބުމުގެ ހިދުމަތް ލީޝާ ފެށީ މީގެ ހަތް ވަރަކަށް އަހަރު ކުރިންނެވެ. މިއީ ބުނެލަން ފަސޭހަ ކަމަކަށް ވިޔަސް ބެލެހެއްޓުން ބޮޑު ޒިންމާއެކެވެ. ގޭގައި އުޅެން އަންނަ ކޮންމެ ފަރާތެއްގެ ރެކޯޑު ވަކިވަކިން ލީޝާ ބަލަހައްޓައެވެ. އަންހެން ފިރިހެން ދެޖިންސުގެ ކުދިން ގެންގުޅޭއިރު ބަލަން ޖެހޭ އެތައް ކަމެއް ހުރެއެވެ. ކިޔަވާ ކުދިންނާއި ވަޒީފާ އަދާ ކުރަމުން ކިޔަވާ ކުދިންނާއި ހަމައެކަނި ވަޒީފާ އަދާ ކުރާ ފަރާތްތައްވެސް ލީޝާގެ ގޭގައި އުޅެއެވެ. ގަވާއިދުން ކެއްކުމާއި ބަދިގޭގެ ކަންތައް ކުރުމުގެ ތެރެއިން ލީޝާގެ އަނެއް ވަޒީފާއަކަށްވެފައި ވަނީ ތަފާތު ކާނާ ތައްޔާރު ކުރުމެވެ. ދިވެހިވަންތަ ކާތަކެތި ތައްޔާރުކޮށް ވިއްކުމުގެ ބުރަ މަސައްކަތުގެ ތެރެއަށް ޑެލިވަރީގެ ހިދުމަތްވެސް އޮންނަނީ އިތުރުވެފައެވެ.

އެކި ވައްތަރުގެ ދިވެހި އުފެއްދުންތައް ތައްޔާރު ކުރާ ލީޝާގެ ހާއްސަ މާހެފުމަކީ ރަހަނުބަަލައި ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ނުހަނު ބިޒީ ދިރިއުޅުންތަކުގައި މާހެފުމަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުމަށް ވަގުތު ނުދެވޭނެތީ ހާސްވާކަށް ނުޖެހޭނެއެވެ. ލީޝާގެ ބަދިގެ މިކަމަށް ހޭވައްލާ ތައްޔާރެވެ. ހަމައެންމެ ކޯލަކުން އެތައް ވައްތަރެއް ލިބޭނެއެވެ. ޖީބަށް ބަރުވުމެއް ނެތެވެ. ވަހާއި ރަހަ ތާޒާވެފައި މީރެވެ. އެތައް ވައްތަރެކެވެ. ތަފާތު އެކި އަތްތަކުގެ ރަހައެއް ނޫނެވެ. އެއް އަތަކުން އެއްވަރަކަށް ހެޔޮވަރުކޮށްފައިވާ އެއް ގޮތް މީރުރަހަތަކެކެވެ.

  • 7319339 އަށް ގުޅައިގެން އޯޑަރު ދެއްވުމުން ހަމަ ވަރަށް އަވަހަށް އެ އޯޑަރު ޑެލިވަރީ ކޮށްދޭ!

މާހެފުން ރޯދައަށް ހަނދުފެންނަން ދެން ކުރިއަށް ގެންދާނެކަމަށް "ހަލި"ނޫހަށް މައުލޫމާތު ދެމުން ލީޝާ ބުންޏެވެ. ކިތަންމެ ބުރަ ކަމަކަށްވިޔަސް ނުހަނު އޯގާތެރި ހެޔޮލަފާ ފިރިމީހާގެ އިހުލާސްތެރިކަމަކީ ލީޝާގެ ހެޔޮނަސީބެވެ. ހުރިހާކަމެއްގައި ބަރާބަރަށް ވަގުތު ލަސްވުމެއް ނެތި ލީޝާގެ ފިރިމީހާ އޭނާއަށް އެހީތެރިވެއެވެ. މިއަދު އެތައް ކަމެއް އެއްފަހަރާ، އެއްވެސް ދައްޗަކާ ނުލައި ކުރަމުން، ލީޝާގެ 3ލީ މާޓްގެ އޮންލައިން ވިޔަފާރި ނުހަނު ބޮޑު ކާމިޔާބީއަކާ ހަމައަށް ދަތުރުކުރުމުގެ ހަގީގީ ސިއްރަކީ އޭނާގެ ފިރިމީހާގެ އެހީތެރިކަމާއި އެއްބާރުލުމެވެ. ފުރާވަރަށް އަރަމުން އަންނަ ބަސްއަހާ ލޯބިލޯބި ދެކުދިންނާއެކު ލީޝާގެ ކާމިޔާބު ދިރިއުޅުމުގެ ހަގީގީ މި އެހީތެރިޔާއަށް އޭނާ ފަށްފަށުން ޝުކުރުއަދާކުރެއެވެ.

ލީޝާއަކީ ނަމޫނާ އަންހެނެކެވެ. ހިތްވަރާއެކު ސާބިތުވެ ކެރިހުރެ ކުރިއަށްދާ ހިންގުންތެރިއެކެެވެ. ދިރިއުޅުން ކާމިޔާބުކޮށް ކުރިއަށް ގެންދިއުމަށް ރެއާދުވާލު މަސައްކަތް ކުރާ ހީވާގި ފަރާތެކެވެ. ފިރިމީހާއަށް އާއިލާގެ ހުރިހާ ޒިންމާއެއް ނުޖެއްސުމުގައި ލީޝާ ކުރާ މިންނެތް މަސައްކަތުގައި، އޭނާގެ ފިރިމީހާއަކީ ބަރާބަރު ހިއްސާދާރެވެ. ދިރިއުޅުމަކީ ދެމަފިރިން ހުރިހާ ގޮތަކުންވެސް ހަމަހަމަ ވާނޭ، ވެވޭނޭ އެއްޗެއްކަން ލީޝާގެ ދިރިއުޅުމުން ދޭހަކޮށްދެއެވެ. އަދި އެހަމަހަމަ ވުމުން އޮތީ އުފާވެރިކަމާއި ފާގަތި ހިތްހަމަޖެހުންކަން ޔަގީނެވެ.