ގދ ފިޔޯރީއިން މިއަހަރުގެ ރޯދައަށްވެސް އެރަށު އެގްރޯނެޓް ދަނޑުވެރިން ގޮވާން ކަނޑައި ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އެބަދެއެވެ.

ރޯދައަށް ތައްޔާރުވުމުގައި ކޮންމެ ބަޔަކުވެސް އެބައެއްގެ ދާއިރާއިން ކުރަން ޖެހޭ ކަންތައްކޮށް ނިމެމުންދާ މަންޒަރު މިހާރު ފެންނަން ފަށައިފިއެވެ. އަތޮޅުތެރޭގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލާއިރު ގދ ފިޔޯރީއަކީ ފަދަ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބައެއް އުޅޭ ރަށެކެވެ. ފިޔޯރީގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވަނީ ކަރާ ، ބަޓަރނަޓް ، ހަނީ މެލަން ބާޒާރަށް ނެރުމަށް ތައްޔާރުކޮށްފައެވެ. މިއީ މުޅީންވެސް ދިވެހި ދަނޑުވެރިންގެ ހީވާގި މަސައްކަތުން ދިވެހިންގެ މި ބިމުގައި ހައްދާފައިވާ ބާވަތްތަކެކެވެ.

15 މާރޗް 2023 ވަނަ ދުވަހު، ގދ.ފިޔޯރީ އިން 2357 ކިލޯ ކަރާ، 670 ކިލޯ މެލަން އަދި 190 ކިލޯ ބަޓަރނަޓް އެކުލެވޭހެން ޖުމްލަ 3217 ކިލޯ ދަނޑުތަކުން ވަނީ ކަނޑާފައެވެ. މިދިޔަ އަހަރު ގދ.ފިޔޯރީ ދަނޑުވެރިން ގާތްގަނޑަކަށް 26 ޓަނުގެ ބަޓަރނަޓް، ކަރާ އަދި ހަނީމެލަން ބާޒާރަށް ނެރެފައިވެއެވެ.

ފިޔޯރީ އިން މިއަހަރުގެ ރޯދައަށްވެސް މިވަނީ ދުރާކލާ ތައްޔާރުވެފައެވެ. އެގޮތުން ދަނޑުވެރިކަމާއި ބެހޭ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުގެމަތިން ބޭހާއި ގަސްކާނާ ހުންނަން ޖެހޭ މިންގަނޑުތަކަށް ބޭނުންކޮށްގެން ހައްދާފައިވާ އެގްރޯނެޓްގެ ބާވަތްތައް ރޯދައިގެ ކުރިން ބާޒާރަށް ނެރުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.