ޞިއްޙީ ވުޒާރާއިން މިއަދު "މޯލްޑިވްސް ހެލްތު ރީސާރޗް ބުލެޓިން ވޮލިއުމް 10" އާންމުކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގައި ކުރެވިފައިވާ ޞިއްޙީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސްހިސާބު ހިމެނޭގޮތަށް ކޮންމެ އަހަރަކު އެ ވުޒާރާއިން ނެރޭ ޝާއިޢުކުރުމެކެވެ. މި ބުލެޓިން ޝާއިޢުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހެދޭ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުން ހޯދުނު މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، ރާއްޖޭގައި ޞިއްޙީ ދިރާސާ ކުރުމުގެ ރޫހު އާލާކޮށް، ދިރާސާ ކުރާ ފަރާތްތަކުގެ މަސައްކަތްތައް އަގުވަޒަންކުރުމެވެ.

މިއަހަރުގެ ބުލެޓިންގައި ރާއްޖޭގައި ހެދިފައިވާ ޞިއްޙީ ދިރާސާތަކުގެ 7 އެބްސްޓްރެކްޓް ހިމެނިފައިވެއެވެ. މީގެ ތެރޭގައި މައިންނާއި ކުޑަކުދިންގެ ޞިއްޙަތު، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުން، ނަފްސާނީ ޞިއްޙަތު، އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި އާންމު ޞިއްޙަތާ ގުޅުން ހުރި މަޢުލޫމާތު ހިމެނެއެވެ.

މީގެއިތުރުން، ނެޝަނަލް ހެލްތު ރިސާރޗް ކައުންސިލްއާ ގުޅުންހުރި މަޢުލޫމާތާއި، ޞިއްޙީ ދިރާސާކުރުމަށް ހުއްދަ ދިނުމުގެ މަރުޙަލާތަކާއި، 2022-2025 އަށް ރާއްޖޭގައި ޞިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތައްވެސް މި ބުލެޓިންގައި ހިމެނިފައިވެއެވެ.

މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ޞިއްޙީ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ޞިއްޙީ ދިރާސާކުރުމަށް މަގުފަހިވާފަދަ ވެއްޓެއް ގާއިމްކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބެލެވެއެވެ.