މިއަދުގެ އެންމެ ހޫނު އެއްވާހަކައަކަށް ސޯޝަލް މީޑިޔާގައި ދެކެވެމުންދަނީ އަމީނިއްޔާ ސުކޫލުގެ ދަރިވަރުންތަކެއްގެ ސުކޫލު ކޮންސެޓުގައި ދައްކާފައިވާ ހަރަކާތްތަކެއްގެ ވާހަކައެވެ،
އަމީނިއްޔާ ސުކޫލުގެ ގްރޭޑް 1-5 ދަރިވަރުން ހުށަހަޅައިދިން ކޮންސެޓުގައި ކުޅެފައިވާ މި މަންޒަރުތަކަކީ ދަރިވަރުން އެހެން ދުނިޔެއެއްގެ އުފަލާއި ހިތާމަ އާއި މަޖަލާއި ޖާދޫ، އަދި އިބުރަތްތެރި ކަންތައްތަކެއް ތަޖުރިބާ ކުރާތަނެކެވެ. ރޮބަޓެއް އުޅޭއިރު ސުނާމީގެ މަންޒަރުތައް ވެސް ފެނެއެވެ. އެކި ހުނަރުތައް ބޭނުންކޮށްގެން ދަރިވަރުން ހުށަހަޅާފައިވާ މި ކޮންސެޓުން ސޯޝަލްމީޑިޔާގައި އެކިއެކި ހިޔާލުފާޅުކޮށް ފާޑުކިޔަމުން ދާ މި ބިރުވެރި މަންޒަރަކީ ރޮބަޓް ގެންދާ ލެބޯޓަރީއަކުން ނުބައި ކެމިކަލެއް ލީކުވެ، ދިމާވާ ކަންތައްގަނޑެކެވެ. އެކި އިހުސާސްތައް ބުނެދޭގޮތަށް ކުރިއަށް ދިޔަ ކޮންސެޓުގެ މިމަންޒަރުގެ އިހުސާސަކީ "ބިރު" ކަމަށްވެއެވެ. ސުކޫލުގައި ތިބޭ ހާއްސައެހީއަށް ބޭނުންވާ ކުދިން މީގަ މުހިންމު ރޯލުތަކެއް އަދާކޮށްފައިވާ ކަމަށްވެއެވެ. ކުދިންގެ ތަފާތު މޮޅު ހުނަރަށް ފުރިހަމަކަން ގެނެސްދެނީ 'ލައިޓިން'ގެ މޮޅުކަމުންނެވެ.
ކޮންމެއަކަސް ކޮންސެޓުގެ ތެެރެއިން މިބުނާ ބިރުވެރި މަންޒަރުގައި ދެކުއްޖަކު ވާގަނޑަކުން މައްޗަށް އަރާ ތިރިވާތަން ފޮޓޯއެއް ނަގާ އެފޮޓޯ ސޯޝަލްމީޑިޔާއަށް ދޫކޮށްލި ފަރާތުން ވަނީ ކިހިނެއްވާ ކޮން ކަމެއްކަން ނޭނގޭ މީހަކަށް އޮޅުން އަރާފަދަ ގޮތަކަށް ފާޑުކިޔާފައި އެފޮޓޯ ދޫކޮށްލާފައެވެ. ފިނިސިކުނޑިއަކުން ހަމަޖެހޭ ވިސްނުމަކުން ވިސްނާލަމާ ހިނގާށެވެ. ގްރޭޑު އެކަކުން ފަހަކާ ދެމެދުގެ ދަރިވަރުންނެވެ. މާނައަކީ 6 އަހަރާއި 10، 11 ވަރަކަށް އަހަރާ ދެމެދުގެ ދަރިވަރުންތަކެކެވެ. ކުދިންގެ ސިކުނޑިއަށް މިއީ ކިހިނެއްވާ މަންޒަރެއްކަން ބުނެދީގެން ބެލެނިވެރިންނާއި މުދައްރިސުންގެ ހާޒިރުގައި ތައްޔާރުވެ ޕްރެކްޓިސް ކޮށްފައި ބޭއްވުނު ކޮންސަރޓެކެވެ. އެހެންކަމަށްވަންޏާ މީގައި ކުދިން ބިރުން އަޑުގަދަކޮށް ރޮއި ހެދިކަމަށް ދެކެވޭ އެވާހަކައިގެ ތެދުދޮގާމެދު ވިސްނާލަން ޖެެހެއެވެ.
ކުދިންގެ ހުނަރުވެރިކަން ތަރައްގީ ކުރުމުގައި ތަފާތު ކަންތަކަށް ކުދިން ހޭލުންތެރިކުރުމުގައި އޮންނަން ޖެހޭ އުސޫލުން ކަންތައް ކުރުމަކީ މައްސަލައެއް ނޫނެވެ. ދުނިޔޭގައި ބިރާއި އުފަލާއި ހިތާމައާއި ރުޅިއާއި މިހެން ގޮސް އެތައް އެތައް އިހުސާސްތަކެއް ވެއެވެ. ކުދިންނާ އެކަށީގެންވާ އުސޫލުން މިއިހުސާސްތައް ބުނެދިނުމަކީ މައްސަލައެއް ނޫނެވެ. ބައެއް ފަހަރު ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަ ދެއްކީމައި ކުދިން ހަލާކުވާނެއޭ ކިޔާ އެފަދަވާހަކަ ކުދިންނަށް ބުނެދިނުމަކީވެސް ވިޔާނުދާ ގޯސް ކަމެއްކަމަށް ބުނާ ފަރާތްތައް އެބަތިއްބެވެ. އެހެންނަމަވެސް ހަގީގަތުގައި ބިރަކީ އޮންނަ އެއްޗެއް ކަމާއި ކިހިނެއްވާ އެއްޗެއްކަން ބުނެދީ ކުދިންނަށް އެއާ ކުރިމަތިލާން ދަސްކޮށްދިނުމަކީ އެއްވެސް ހާލެއްގައި މައްސަލައެއް ނޫނެެވެ.
ދުނިޔޭގައި ހިނގާ ކަންތައްތަކާއި ދުނިޔޭގައި އޮންނަ އުސޫލާއި ކަންތައްތައް ވަމުންދާ ގޮތާއި ވަށައިގެންވާ މާހައުލާއި ދިމާވެދާނެ އެކިކަހަލަ ކަންތައްތަކުގެ އިހުސާސްތައް ބުނެދޭއިރު ބިރަކީވެސް އެއް އިހުސާސެވެ. ބިރާ ކުރިމަތިލައި ބިރަށްވުރެ ގަދަފަދަ ވާނެކަން ބުނެދިނުމާއި ބިރުގަންނަން ޖެހޭ ހަގީގީ ފަރާތަކީ ހަމައެކަނި ﷲ ތައާލާކަން ބުނެދިނުމަކީ ކުދިންގެ ދެދުނިޔެ އުޖާލާ ވާނެ ކަމެކެވެ. މި ކޮންސެޓު ބަލާލާފައި އަޅުގަނޑަކަށް މީހުން ދައްކާފައިވާ ވާހަކަތަކުގައި އޮތް ކަހަލަ ކަމެއް ފާހަގަ ނުކުރެވުނެވެ. އަދި ކޮންސެޓުގައި ހަރަކާތްތެރިވި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންގެ ހިޔާލަށް ބަލާލުމުން އެކުދިން މި ކޮންސެޓާމެދު އުފާވެ ފަހުރުވެރިވެފައިވާ ވަރު އެނގުމުން މީގެ ނިޔަތަކީ ރަނގަޅު ނިޔަތެއްކަން އެނގުނެވެ.
މި ކޮންސެޓު ރޭވުމުގައި ހަރަކާތްތެރިވެފައިވާ ބެލެނިވެރިންނާއި މުދައްރިސުންގެ ހިޔާލާއި ކޮންސެޓު ބެލި ފަރާތްތަކުގެ ހިޔާލަށް ޖުމްލަ ގޮތެއްގައި ބަލާލާއިރު ބުނެވޭނީ މީގައި މަދުބަޔަކު އެފާޅު ކުރި "ނުރަނގަޅު" ހިޔާލަކީ ހަމަ އާދައިގެ ފާޑުކިޔުމެކޭ އެވެ. އަދި އެތައް އަހަރުތަކެއް ކިޔަވައިދިނުމާއި މިއުމުރުގެ ކުދިންނާއެކު އުޅެވިފައި ހުރުމާއި އަދިވެސް މިހާރުވެސް ކިޔަވައިދިނުމުގެ ތެރޭގައި އުޅޭ މުދައްރިސެއްގެ ހައިސިއްޔަތުން އަޅުގަނޑު މިކޮންސެޓަށް 100، "ސައްތައިން ސައްތަ ޕާފޮމަންސެއް" މާކްސްދެމެވެ.