ރިޔާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު އިދިކޮޅު ލީޑަރު އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތު މިސަރުކާރުން ނުދީ ވަނީ ހިފަހައްޓާފައި ކަމަށް ޕްރޮގްރެސިވް ކްންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެޗުއާރުސީއެމް މެމްބަރުންނާ މިއަދު ބައްދަލު ކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިހާރު ޖަލު ބަންދެއްގައި ހުންނެވި ރައީސް ޔާމީނަކީ ޕީޕީއެމްގެ ލީޑަރު އަދި ކޯލިޝަންގެ ވެސް ލީޑަރު ކަމަށެވެ. އޭގެ އިތުރު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު ޕާޓީއާއި ކޯލިޝަންގެ ލީޑަރާ ބައްދަލުވިޔަ ނުދީ މިސަރުކާރުން ވަނީ ހިފަހައްޓާފައި. އެހެންވީމާ ސަރުކާރުގެ ޚުދުމުޚުތާރުކަން މިއޮތީ ވަރަށް ބޮޑަށްފެންނަނަން. އެހެންވީމާ އެކަން އެހެންއޮތުމުން އެޗުއާރުސީއެމްގެ ދައުރަކީ ކޮބައިތޯ އާއި އެދައުރު އަދާކުރަނީ ކިހާވަރަކަށްތޯއާއި، އެ ބޭފުޅުންތިބީ ސަރުކާރުގެ މުށުތެރޭގައި ކިހާވަރަކަށް ފިތިފައިވާތޯ، މިވަހަކަތައް ދައްކަން އެބޭފުޅުންނާ މިއަދު ބައްދަލުކުރީ،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނާމެދު ސަރުކާރުން އަމަލު ކުރައްވާގޮތް އެޗުއާރުސީއެމުން ވަރަށް ރަނގަޅަށް ބައްލަވަންޖެހޭނޭ ކަމަށެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވުމުގެ ސަބަބުން ގެއްލިގެންދަނީ ހަމައެކަނި އެމަނިކުފާނުގެ ހައްގެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެއްލައްކައަށްވުރެ ގިނަ މީހުންގެ ހައްގު ރައީސް ޔާމީނަށް ލިބިގެންދާ ގެއްލުމުގައި ޝާމިލްވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޯލިޝަނުން މިހާރު ސިލްސިލާކޮށް ބާއްވަމުމް ގެންދާ މުޒާހަރާތަކުގައި ކަމާބެހޭ ފަރާތްތަކުން އަމަލުކުރައްވާ ގޮތްތަކާމެދުވެސް އަބްދުއްރަހީމް ހުންނެވީ ނުރުހުންތެރިވެފައެވެ. އޭނާ ވިދާޅުވީ އެކަންކަން ވެސް އެޗުއާރުސީއެމުން ވަރަށް ރަނގަޅަށް ބައްލަވަންވާނޭ ކަމަށެވެ.
މި މިމުޒާހަރާތަކީވެސް ރައިސް ޔާމީން ވަގުތުން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކެކެވެ.