ލިޔުއްވީ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އެ ދުވަސްވަރަކީ މާލޭގެ މަގުތައް މިހާރު މި އޮތް ގޮތަށް ހަދައިފައި އޮތް ދުވަސްވަރެއް ނޫނެވެ. ބޯކޮށް ވާރޭވެހިއްޖެއްޔާ ބައެއް މަގުމަގުގައި ކަކުލާ ހިސާބަށް ވެސް ފެންގަނޑު ހެދިފައި އޮވެއެވެ. ދުވަސްވަރަކީ ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އަޅުގަނޑު އެ ދުވަސްވަރު އުޅުނީ ސަރުކާރުގެ ކުޅިވަރާ ބެހޭ އޮފީހުގައެވެ. އެއީ އަށްޑިހައިގެ އަހަރުތަކުގެ ފަހު ކޮޅެވެ.

ޢާއްމު ގޮތެއްގައި އަޅުގަނޑަށް ހެނދުނު ހޭލެވޭއިރު ހުންނަނީ ހަތެއްޖަހައިފައެވެ. ފާޚާނާކޮށް ނިމިގެން، ސައިބޮއިގެން އޮފީހަށް ދާން ނުކުމެވޭއިރު ހުންނަނީ ހަތްގަޑިބައިވާން ކައިރިވެފައެވެ. އެހެންވީމާ ވަރަށް ބާރަށް ބައިސްކަލުގައި ދިޔައިއްޔާ ނޫނީ އޮންނަނީ ގަޑިޖެހިފައެވެ. ނަސީބަކުން ގެހުންނަނީ އޮފީހާ ވަރަށް ކައިރީގައެވެ.

އެހެންނޫންނަމަ އެއް ދުވަހު ވެސް ގަޑިނުޖެހި އޮފީހަށް ދެވޭނޭހެންނެއް ހިއެއްނުވެއެވެ.އެއް ދުވަހު އަޅުގަނޑަށް ހޭލެވުނު އިރު ހަތްގަޑި ފަނަރަ ހިނގައިފި އެވެ.

އަވަހަށް ތެދުވެގެން ދުވެފައި ގޮސް ފާޚާނާއަށް ވަދެއްޖައީމެވެ. ވަނީ ގަޑި ކަނޑައަޅައިގެންނެވެ. ކޮންމެ ކަމަކަށް ވަކި ވަގުތެކެވެ. ދެކަމު ހާޖަތަށް ދެމިނިޓު، ދަތް އުނގުޅަން އެއް މިނިޓު، މޫނު ދޮންނާން އެއް މިނިޓު މި ކަހަލަ ގޮތަކަށެވެ. އެހެންވީމާ އެ ގަޑިއަށް ހުރިހައި ކަމެއް ގަދަކަމުން ފެއްތީ އެވެ. ހަމަޖެއްސި ގޮތަށް ދެކަމު ހާޖަތަށް ދިޔައީ ވެސް ބަރާބަރު ދެމިނިޓުންނެވެ.

އެތެރޭގައި ހުރި އެއްޗެއް އެތެރޭގައި، ބޭރު ވީ އެއްޗެއް ބޭރުގައި ބަހައްޓައިފައި ނިންމައިލީ އެވެ. ފާޚާނާއިން ނުކުމެ ސައިބޯކަށް ނޫޅެމެވެ. އޮފީހަށް ގޮސް ސޮއިކޮށްލައިފައި ސައިބޯން ގެއަށް އަންނަ ގޮތަށް ކަނޑައެޅީއެވެ.

އަވަހަށް ހެދުންއަޅައި، ޓައީއަޅައި، ބޫޓަށް އަރައި ތައްޔާރުވެގެން ބައިސްކަލުގައި އޮފީހަށް ދާން ނުކުމެއްޖައީމެވެ. އޭރު ހަތްގަޑި ފަންސަވީސް ހިނގައިފިއެވެ.

އަޅުގަނޑު މަގުމައްޗަށް ނުކުތްއިރު މަގުމަތި ވަރަށް އަމާނެވެ. ދުރުން ބައިސްކަލެއްގައި މީހަކު އަންނާތީ ފެނެއެވެ. އަދި އަތްގާޑިޔަލެއް ވެސް އާދެއެވެ. މަގުމަތީގައި އޮތީ ތަނބިކަށްޓާ ހަމައަށް ފެންހެދިފައެވެ. ހިކި އެންމެ ތަންކޮޅެއް ވެސް ފެންނާކަށް ނެތެވެ. އެހެން އޮންނަ އިރު ވަރަށް ނުރައްކާތެރި ކަންތައްތަކާ ވެސް ދިމާވެއެވެ.

އެހެންވީމާ ބިސްމި ކިޔައިފައި ބައިސްކަލަށް އަރައި، އޮފީހާ ދިމާއަށް ދުއްވައިލައިފީމެވެ. މަގުގެ މެދާ ހަމައަށް ދެވުނު ތަނާ ދުރުން އައި ބައިސްކަލު އަޅުގަނޑާ އަރައި ހަމަކޮށްފި އެވެ. ބައިސްކަލުގައި އިނީ އަޅުގަނޑު ދަންނަމީހެކެވެ. އެއީ މާލޭގައި ހުންނަ ރިސޯޓު އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަކީ ފަޓުލޫނު ލާ މީހެއް ނޫނެވެ. އަންނާނީ މުންޑެވެ. އޭނާ އައިސް އަޅުގަނޑާ އަރައި ހަމަވީ އިރު، އެއްކަލަ އަތްގާޑިޔާ ވެސްއައިސް އަޅުގަނޑާ އަރައި ހަމަވީ އެވެ. އަޅުގަނޑަށް ހުރެވުނީ އަތްގާޑިޔަލާއި، އޭނާޔާ ދޭތެރޭގައެވެ. މެދުގައެވެ.

ކުއްލިއަކަށް …… ވީ ގޮތެއް ނޭނގުނެވެ.

އެއްކަލަ ބައިސްކަލުގައި އައިމީހާ އަޅުގަނޑާ ދިމާއަށް އެބަ އަރިއަޅައިލި އެވެ. އަޅުގަނޑަކަށް ވެސް ހިފެހެއްޓޭ ގޮތެއްނުވި އެވެ. އަރިއަޅައިލައިގެން ގޮސް އަތްގާޑިޔަލުގެ މަތީގައި މަޑުމަޑުން އޮށޯވެވިއްޖެ އެވެ. ސްލޯ މޯޝަނުގައި ކަހަލަ ގޮތަކަށެވެ. ގާޑިޔާ ދަމާ މީހާ ހީކުރީ ކިސަޑުގަނޑެއްގައި ގާޑިޔާހަރުލީކަމަށެވެ. އެހެންވީމާ ބާރަށް ދަމަންފެށީ އެވެ.

އަޅުގަނޑު ރަސްމީ ހެދުމުގައި އޮފީހަށް ދާން ނުކުތް މީހާ މިއޮތީ އަތްގާޑިޔަލެއްގެ މަތީގައެވެ. އަދި މި ވަރުން ފުދުނީއެއް ނޫނެވެ. އަޅުގަނޑުގެ ގައިމައްޗަށް ވެއްޓުނު މީހާއަށް ފެނުނު ގޮތުގައި ކުށްވެރިވަނީ އަޅުގަނޑެވެ. އެހެންވީމާ އޭނާ ދިޔައީ އަނގަޔަށް އައިހައި އެއްޗެއް އަޅުގަނޑާ ދިމާއަށް ކިޔައިފައެވެ. އަޅުގަނޑު ގަތް ލަދުން އެހެން މީހަކަށް އެ މަންޒަރު ފެނުނުތޯ ބަލައިލާން ވެގެން މަގުގެ ދެކޮޅު ހޯދައި ބަލައިލީމެވެ. ނަސީބަކުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަޅުގަނޑަށް ޖެހުނީ ފެންގަނޑު ތެރެއަށް ފައިބާށެވެ. އޮފީހަށް ދެވުނު އިރު ކަކުލުން ތިރީ އޮތީ ކިލާ ފެނުން ތަތް ތެޅިފައެވެ.

(ނޯޓް: http://liyuntherin.org އިން ނަގާފައި)