އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތިފާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެޕާޓީގެ ޗެއާޕާސަން ކަން ކުރައްވައިފައިވާ މޫސާ މަނިކު (ރީކޯ) އެމްޑީޕީއަށް ގޮވާލައިފިއެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައި މިކަމަށް ގޮވައިލެއްވީ އެމްޑީޕީގެެ އަސާސީ ގަވާއިދުގައި ބުނެފައިވާ އެއްބައިވަންތަ ކަމާއި ހަމަތަކުން ބޭރުވެ ހަސަން ލަތީފް ޕާޓީއަށް ގެއްލުން ދެއްވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ޕާޓީގެ އެއްބައިވަންތަކަމާއި ޑިމޮކްރަޓިކް ހުރިހާ ހަމަތަކުން ބޭރުވެ، ޕާޓީއަށް ގެއްލުންދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ، ކުރީގެ ޗެއާޕާސަން ހަސަންލަތީފަށް ފިޔަވަޅު އެޅުމަށް އެމްޑީޕީއަށް ގޮވާލަން،" މޫސަ ވިދާޅުވެފައިވެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީޕާޓީއާއެކު ރައީސް ނަޝީދުގެ ފެކްޝަނުން މެނިފެސްޓޯއެއް އެކުލަވާލުމަށް އެއްބަސްވި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ހަސަން ލަތީފެއެވެ. މި ބައްދަލުވުމާ ބެހޭ ގޮތުން މޫސަ ވިދާޅުވެފައިވަނީ "އެމްޑީޕީގެ ރަސްމީ އެއްވެސް ނިންމުމެއްނެތި އެޕާޓީގެ ބަޔަކު ގެންގޮސްގެން ޖޭޕީގެ ވެރީން އެމްޑީޕީ ރޫޅާލުމުގެ މަސައްކަތްތަކަށް ހިތްވަރު ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާވެސް ޚިލާފު އަދި ވަރަށް ނުކިއްސަރު އަމަލެއް" ކަމަށެވެ.