މާލޭގައި ހިންގާ މަޝްހޫރު "ކުކިސް" ބާނީ މައްޗަން ގޮޅީ ހައިވަކަރުގޭ އައިޝަތު ވިލިނީގެ ކުކީސް ތަކުގެ ރަހަ އަރުތެރެއިން ފިލައިނުދެއެވެ. އޭގެ މީރުކަން އަނގައިގައި ހަރުލައިފިއެވެ. އެއްފަހަރު ކައިގެން ހިތްހަމަ ޖައްސާލުމަށް ވުރެ އޭގެ ރަހަ މީރީއެވެ.

ވިލިނީ އަކީ ރާއްޖޭގައި ފުރަތަމަ ކުކީސް އުފައްދައި އޭގެ ވިޔަފާރި އުފެއްދުންތެރިޔާއެވެ. އެ މަސައްކަތް ފެށި ގޮތަށް އޭނާ ވަނީ އެންމެންގެ އިތުބާރާއި ލޯބި ހޯދައިފައެވެ. އޭނާ އެމަސައްކަތް ކުރާތާ މިހާރު ސަތާރަ އަހަރު ވެއްޖެއެވެ. ރަހައަކަށް ކުލައަކަށް ބަދަލެއް ނާދެއެވެ. އެއީ އަދިވެސް ރާއްޖޭގެ އެއްވަނައެވެ.

ކުކީސްގެ ވިޔަފާރީ ފެށުމުގެ ކުރީން އޭނާ ކޮންމެވެސް ވަރަކަށް އަތްތެރި މަސައްކަތްކުރިއެވެ. އެހެންނަމަވެސް މިހާރު އޭނާގެ ގިނަ ވަގުތު ހޭދަކުރަނީ ކުކީސްގެ ވިޔަފާރީގައެވެ. ވިލީގެ "ކުކިސް" އަކީ އޭނާގެ ބްރޭންޑެވެ. އޭނާގެ ޝަހުސިއްޔަތު ބުނެދޭ ރަމްޒެވެ. އައިޑެންޓިޓީއެވެ. ކުކިސް އުފެދުނީ ކިހިނެއްހެއްޔެވެ؟ އެއީ ދަރިފުޅާއެކު ކުޅެން އުޅެމުން ތައްޔާރުކޮށްލެވުނު ކުކީސް އަކުން ވުޖޫދުވި ވިޔަފާރިއެކެވެ. ދަރިފުޅާއެކު އެއްދުވަހަކު ކުޅެން އުޅެމުން ކުކީސް އެއް ތައްޔާރުކޮށްލިއެވެ. އޭރު އެއީ މަޝްހޫރު ވިޔަފާރިއަކަށް ވެދާނޭ ކަމަށް އޭނާގެ ހިތަށް ވެސް ނާރައެވެ.

މިއަދުގެ ކާމިޔާބީގެ ފެށުން ކަމަށް އިހުސާސްވެސް ނުވެއެވެ. އޭނާގެ ވިޔަފާރިއަށް ދީފައިވާ ނަމަކީ ކުކިސް އެވެ. އެއީ އޭނާގެ ލޯބިވާ ދަރިފުޅަށް ކުކީއެއް ދޭއިރު ދޮނެއް ދެމުން ކިޔުނު "ކުކިސް" އެކެވެ. މި ވިޔަފާރި ފެށުމަށްފަހު މިހާރު ވިލީ ކޮންމެ ދުވަހެއްގެ ވެސް ހަތަރުބައިކުޅަ ތިންބައި މި މަސައްކަތަށް ހުސްކުރެއެވެ. ނުވަތަ މަސައްކަތުގައި އަމަލީ ގޮތުން އުޅެއެވެ. ވަރަށް ކުޑަ ގޮތަކަށް މިކަން ފެށި ނަމަވެސް މިއަދު ވިލީއަކީ މިކަން ރާއްޖެއަށް ތައާރަފުކުރި ޒުވާނާއެވެ.

މިހާރު އޭނާއަކީ އެތައް ބައެއްގެ އެދުރެކެވެ. އެތައް ބަޔަކަށް މިމަސައްކަތް އޭނާ ވަނީ ދަސްކޮށްދީފައެވެ. ވިލީގެ "ކުކިސް" އުފައްދާ ކުކީތައް މާކެޓަށް ނެރުމުގެ ކުރިން އޭގެ ރަހަބަލައި ރަހަ ހެޔޮވަރުކޮށްދޭ ޓީމެއް ވެސް އޮވެއެވެ. އެއީ ވިލީގެ އިތުބާރު ހިފޭ އާއިލާއެވެ. އާއިލާއިން ރަހަ ހެޔޮވަރުކޮށްފައި ސައްތައިން ސައްތަ ދިނީމަ އެ ކުކީއެއް މާކެޓަށް ނެރެނީއެވެ. ދުނިޔެއަށް ދިމާވި އާލަމީ ވަބާ ކޮވިޑު ރާއްޖެއައުމުގެ ކުރީން ވިލީގެ މި ވިޔަފާރި ދިޔައީ ވަރަށް އޮމާންކޮށް ސަޅިކޮށްނެވެ. މާބޮޑު ގޮންޖެހުންތަކެއް ދިމާނުވެއެވެ. އޭރު މިދާއިރާގައި ވިލީ ނޫންމީހަކު ވެސް ނެތީއެވެ.

ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ވިލީ ވަނީ މި މަސައްކަތް އެހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ފަށައިފައެވެ. އޭނާ ތަމްރީން ކޮށްފައިވާ ބައެއް ކުދީން މިހާރު ގެންދަނީ މި ވިޔަފާރީގައި ހަރަކާތްތެރި ވަމުންނެވެ. މި ދާއިރާގައި އޭނާގެ ދަރިވަރުން މަސައްކަތް ކުރުމަކީ ވިލީ އަށް ލިބޭ އުފަލެކެވެ. ހިތްހަމަޖެހުމެކެވެ. ހަމައެއާއެކު އޭނާގެ ޚާއްސަ ކަސްޓަމަރުން އަދިވެސް އެބަތިއްބެވެ. ވިލީގެ ކުކީސް އަށް އޮންނަ އިތުބާރެއް އެހެން މީހުން އުފައްދާ ކުކީސް ނުކުރާ ކަސްޓަމަރުން ވެސް މަދެއް ނޫނެވެ.

"ކުކިސްގެ ކުކީ ހަމަ ވަރަށް މީރު. ފެމިލީ އީވްތަކުގައާއި ބައެއްކަހަލަ އޮފީސް ކޮފީތަކަށް މި ކުކީ ވަރެއް ނެތޭ ބުނެވޭނީ،" ވިލީގެ ކުކީތައް ގަވައިދުން ގަންނަ އޭނާގެ ކަސްޓަމަރަކު ބުންޏެވެ. "އެންމެ ހިތްހަމަ ޖެހޭ ކަމަކީ އަބަދުވެސް އެއްމިނެއްގައި ރަހަތައް ހުންނާތީ. އެއްވެސް ވަރަކަށް ރަހައަކަށް ބަދަލެއް ނާދޭ،" ވިލީގެ ކުކީސް ތަކަށް ތައުރީފް ކުރަމުން އޭނާ ބުންޏެވެ.

ވިލީގެ "ކުކިސް" އިން 70 އަށްވުރެ ގިނަ ވައްތަރުގެ ކުކީސް ލިބެން ހުރެއެވެ. އޭގެ ތެރޭގައި އެންމެ ކުދި ކުކީއިން ފެށިގެން އެންމެ ބޮޑެތި ކުކީ ހިމެނެއެވެ. ވިލީގެ ކުކީސްތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނެވެ. އެސްއެމްއީ ފުޑް ހަބްގެ ކިއޮސްކް އިންނެވެ. ވަރަށް މީރެވެ.

ކިއޮސްކް ހިންގުމުގައި ވިލީ އުޅެމުންދަނީ ވަރަށް ބުރަކޮށްނެވެ. އޭނާގެ ވިޔަފާރީގެ އެކައުންޓުތަކާއި އެހެނިހެން ޑިޖިޓަލް މަސައްކަތް ބަލަހައްޓަނީ އޭނާގެ ލޯބިވާ ދަރިފުޅެވެ. ކުކީއަކުން ވިލީގެ މިމަސައްކަތްތައް ނިންމާލަކަށް އޭނާ ގަސްތެއް ނުކުރެއެވެ. ކާމިޔާބު މި ވިޔަފާރިއަށްފަހު ވެސް އޭނާގެ އުންމީދުތައް ހުރީ މާއުހުގައެވެ. ކުރިއަށްދިޔުމުގެ އަޒުމުއޮތީ މާވަރުގަދަކޮށްނެވެ.

"އިތުރަށް ބިޒިނަސް ވައިޑް ކުރުމަށް އެސްއެމްއީ ފުޑްހަބަށް އެޕްލައިކޮށްފައި ވާނީ. ބޭނުންވަނީ މުޅި މާލެއަށް ކުކީސް ފޯރުކޮށްދިނުން. އަދި އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވަންވެސް ބޭނުންވޭ،" ވިލީ ބުންޏެވެ.

ވިލީގެ މި ކާމިޔާބު ކުކީސްގެ ވިޔަފާރީގެ ފަހަތުގައި އޮތީ އާއިލާއެވެ. އާއިލާގެ ތެރެއިން ވެސް އޭނާގެ ފިރިމީހާއަކީ މި ކާމިޔާބުގެ އެންމެ ބޮޑު އެހީތެރިޔާ ކަމަށް ވިލީ ބުންޏެވެ. ދެކުދިންނަކީ އެދުނު ކޮންމެ ވަގުތަކު މަންމައަށް އެހީތެރިވާ ހިތުން އެހީތެރިވާ ދެބެއިންނެވެ. ދާއިމީ އެހީތެރީންނެވެ. ދެފަރާތުގެ ދެ އާއިލާއަކީވެސް ވިލިނީގެ ކުރިއެރުމަށް ހިތްވަރުދޭ އެހީތެރިންނެވެ. އެހެންކަމުން އާއިލާގެ އެންމެންނަށް ފަށްފަށުން ހިތުގެ އަޑިން އޭނާ ޝުކުރުއަދާކުރިއެވެ. ދުވަހަކުވެސް ކުކީއާ ދުރަށް ދިއުމުގެ ވިސްނުމެއް ވިލިނީގެ ވިސްނުމަކު އަދި ނެތެވެ.

އެއީ އޭނާގެ ދިރިއުޅުމުގެ އެއްބައެވެ. މިފަދަ ކުދި ވިޔަފާރިތަކުން ކުރިއަރައިގެންދާން ބޭނުންވާ ފަރާތްތަކަށް ވިލީގެ ނަސޭހަތަކީ ހުއްޓާނުލައި ކުރިއަށްދިއުމެވެ. އޭނާގެ ބަހަކީ މިއީއެވެ. ތިމާ ކުރާ މަސައްކަތް ދެކެ ލޯބިވެ ކުރާހިތުން ކުރަންޏާ ދިމާވާ އަޑިގުޑަންތަކުން އަރައިގަންނާކަށް ދައްޗެއް ނުވާނެއެވެ. ވިލީއަކީ ހިތްވަރުގަދަ އަންހެނެކެވެ. ވިޔަފާރީގެ ދާއިރާގައި ސާބިތު ކަމާއެކު ކުރިއަށްދާން ހިންމަތްކުރާ އަންހެނެކެވެ. އޭނާގެ ހިންމަތާއި މިންނަތުން ކާމިޔާބީ އޮތީ އޭނާއާ ގާތުގައެވެ. އަދިވެސް ދެންވެސް ވިލީ ބޭނުންވަނީ ހިތްވަރުދޭން އޭނާގެ ފަހަތުގައި އޮތް އާއިލާގެ ތާއީދާއި އެއްބާރުލުމާއެކު ކުރިއަށްދާށެވެ. "ހަލި" ޓީމުން އެދެނީ ކުރިއެރުމެވެ. ތިޔަ ބުރަ މަސައްކަތުގެ މުސްތަގުބަލް އޮތީ ފޮނިކޮށްނެވެ. އުޖާލާކޮށްނެވެ. ކުރިއަށްދާށެވެ.