ޅ ނައިފަރު މިސްކިތުގައި ކުޑަ ދެކުއްޖަކު މިއަހަރު ތަރާވީހު ނަމާދު ކުރާ ވާހަކަ މިވަގުތު ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އެއް ވާހަކައަކަށް މިވަނީ ވެފައެވެ. އެރަށު މަސްޖިދުއްތަޤުވާގައި ހިފުޒުކޮށް ތަރާވީހު ނަމާދު މި 1444 ވަނަ އަހަރު ރޯދަމަހުގެ ރޭތަކުގައި ކުރާ ގޮތަށް ހަމަޖެހިފައިވަނީ އެރަށު ސުކޫލުގައި ކިޔަވަމުންދާ ދެދަރިވަރެކެވެ.

ގްރޭޑް އަށެއްގެ އަބްދުﷲ ހަޔާން ހަމީޒާއި އާސިރު ޔޫސުފު ޔޫނުސްއެވެ. ދެކުދިން ވަނީ މިދިޔަ އަހަރުވެސް އެރަށު މިސްކިތްތަކުގައި އިމާމުވެ ދަމުނަމާދު ކޮށްދީފައެވެ. ދެކުދިންނަކީވެސް ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގާ ހިފުޒު ކުލާހެއްގެ ދެ ދަރިވަރުންނެވެ. މިކުދިންނަށް މިފުރުސަތު ދީފައިވަނީ މިކުދިންގެ ގާބިލު ކަމާމެދު ޝައިހުންގެ އިތުބާރާއި ޔަގީންކަން ލިބުމަށް ފަހުގައެވެ.

ތަގުވާ މިސްކިތުގައި ކުޑަކުދިން އިމާމުވެ ތަރާވީހު ކުރިއަސް އަނެއް ދެމިސްކިތުގެ އިމާމުންނަކީ ބޮޑެތި މީހުންނެވެ. ނަމަވެސް ދަމު ނަމާދު ހުރިހާ މިސްކިތެއްގައިވެސް ކުޑަކުދިންލައްވައި ކުރުވުމަށް މިހާރު ހަތް ކުއްޖަކު ފަރިތަކުރަމުން އެބަދެއެވެ. ނުހަނު ރީތިކޮށް މަހުރަޖުން ތަޖުވީދުގެ ހަމަތަކުން ކީރިތި ޤުރުއާން ކިޔަވާ ކުދިންގެ ފަހަތުގައި ނަމާދުކުރުމަށް އެރަށު މީހުން އުފާވެއެވެ. މިއީ ވޭތުވި ދެއަހަރުގެ ތަޖުރިބާއަށް ބަލާފައި ރަށު ކައުންސިލާއި ރައްޔިތުން ނިންމި ގޮތެވެ.

ނައިފަރު ތަޤުވާ މިސްކިތުގައި ނަމާދު ކުރާ ދެކުދިންގެ ތެރެއިން އާސިރު ޔޫސުފު ޔޫނުސް އާއި އާސިރުގެ މަންމައަށް "ހަލި" ނޫހުން ގުޅާލުމުން ދެމައިންގެ ފަރާތުންވެސް އިވުނީ ނުހަނު ބޮޑަށް އުފާވެފައިވާ ހިތްފުރޭވަރުގެ ހިތްހަމަޖެހުމުގެ ބަސްތަކެއްގެއަޑެވެ.

"ވަރަށް އުފާވޭ އެހާ ބައިވަރު މީހުންގެ އިމާމަކަށް ހުރެ ތަރާވީހު ކުރެވޭތީ. އަޅުގަނޑު ހަތަރު ރަކުޢަތް ކުރީމަ އަނެއް ހަތަރު ރަކުއަތް ހަޔާން ކުރާނީ. ނޫނީ ފުރަތަމަ 4 ރަކުއަތް ހަޔާން ކޮށްފިއްޔާ އަޅުގަނޑު އަނެއް 4 އެއް ކުރާނީ. ވިތުރި ކުރާނީ އެރެއެއްގައި ފަހު 4 ރަކުއަތް ކުރާ ކުއްޖާ." ހަލި ނޫހުން ކޮށްލި ސުވާލަށް ޖަވާބު ދެމުން އާސިރު ބުންޏެވެ. މިއީ ޔަގީނުންވެސް މަންމައަކަށްޓަކައި ކުޑަ އުފަލެއް ނޫނެވެ. އާސިރަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅަށްވިޔަސް އާސިރުގެ މަންމައަކީ ވަރަށްވެސް ބޮޑު ޒިންމާއެއް އަދާކުރަމުން ދަރިފުޅަށް މިތަމްރީނު ދީ ބަލަހައްޓައޮ ގެންގުޅުމަށް ހުރިހާ ވަގުތެއްހެން ހުސްކޮށްގެން އިންނަ އަންހެނެކެވެ.

"މިއީ ބުނަން ފަސޭހަޔަސް ވަރަށް ބޮޑުކަމެއް. އަޅުގަނޑަކީ މުދައްރިސެއްވީމަ ވަރަށް ބުރަކޮށް އުޅޭން ޖެހެނީ. އެކަމަކުވެސް ދަރިފުޅަށް ހުރިހާ ވަގުތެއް ދީގެން އަޅުގަނޑު އެނައަށް އުނގަންނައިދީ ބުނެދެނީ." އާސިރުގެ މަންމަ ކިޔައިދިނެވެ. "މިދިޔަ އަހަރު ދަމު ނަމާދުވެސް ކުރި އާސިރު. އޭގެ ކުރީ އަހަރު އެކަނި ކުރީވެސް. މިދިޔަ އަހަރު ހަޔާންއާ ދެކުދިން ދަމު ނަމާދު ކުރިއަށް ގެންދިޔައީ."

އާސިރު ބުނީ އޭނާއަށް މިކަން ކުރެވޭތީ ވަރަށް އުފާވާކަމަށެވެ. ތަރާވީހު ނަމާދު ކަހަލަ ހާއްސަ ނަމާދެއް އިމާމުވެ ކުރަން ލިބުމަކީ ވަރަށް ހާއްސަ ކަމެކެވެ. ﷲ ތައާލާގެ ހަޒުރަތުގައި މިއީ ލޮބުވެތި މަސައްކަތެކެވެ.

"ވަރަށް ބަސްއަހާ ކުއްޖެއް އާސިރަކީ. އާސިރު އަމިއްލައަށް ހޯދައިގެން ބަލައިގެން ކުރިއަށް ގެންދަން ޝައުގު އުފެދިގެން ފެށީ.." އާސިރުގެ މަންމަ ޒާހިރާ ޔޫސުފް ކިޔައިދިނެވެ. ފުރަތަމަ އަހަރު، 1442ގައި އުސްތާޒުގެ އެހީ ވަރަށް ބޮޑަށް ލިބުނު ކަމަށް އާސިރު ބުންޏެވެ.

ކޮންމެއަކަސް އެއްއަހަރަށްވުރެ އަނެއް އަހަރު އަތޮޅުތެރޭގެ ރަށްތަކުގައި ކުޑަކުދިން އިމާމުވެ ނަމާދު ކުރުމާއި ތަރާވީހު، ދަމު ނަމާދު ކުރުންފަދަ ކަންތައް ދަނީ އިތުރުވަމުންނެވެ. މިއީ ޔަގީނުންވެސް އުފާވެރި މަންޒަރެކެވެ. ހިތްހަމަޖެހުމަށްވުރެ އިތުރަށް އަމިއްލަ ދިވެހި ކުދިންގެ މިހިތްވަރަށްޓަކައި ފަހުރާއެކު ސާބަސްދޭވަރުވެއެވެ. އާސިރާއި ހަޔާންއާ ދެކުދިންނަށް ހަލި ނޫހުން މަރުހަބާ ކިޔަމެވެ. ކުދިން ކުރިއަށް ގެންގޮސް އެކުދިން ކާމިޔާބު ބަޔަކަށް ހެދުމަށް ޒާހިރާ ފަދަ އަންހެނުން ކުރާ މަސައްކަތަށް އިތުރު ފުރިހަމަކާމިޔާބީއަށް އެދެމެވެ.