ބަތްޕެނޭ ބުނީމަ ގަޔާނުވާ ކުދިން ތިބޭނެއެވެ. މިޒަމާނުގެ ބައެއް ކުދިންނަށް ކަމުނުދާ އެއްޗަކަށް ވާތީއެވެ. އެކަމަކު ކުރިއަށް ރޯދަމަހުގެ ބަދަލެއް ނާންނަ އެއް އެކުވެރިޔަކީ ބަތްޕެނެވެ. އަނެއް ބައިވެރިއަކީ ދޮންކޭލާއި ފިހުނުމަހެވެ. މިތިން ބާވަތުގެ އިތުރަށް ދެކުނުގެ ރަށްތަކުގައި ވަރަށް އާންމު އެކައްޗަކީ ކިރުކެޔޮ ނުވަތަ ކެޔޮ، ފުފޫ ކަންޖެވެ. ކަދުރުގެ ވާހަކަ ބާއްވަމާތޯއެވެ. އެއީ ހުރިހާ ގޮތަކުންވެސް ހުންނަން ޖެހޭ ހުންނާނެ އެއްޗަކަށް ވާތީއެވެ.
ރޯދަމަހުގެ ރޭގަނޑުގެ ކެއުން ވީހާވެސް ކުޅި މަޑުކޮށް އަދި ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. ތަފާތު އެކި ބާވަތްތަކުގެ ކެއުން އާންމުވަމުން އައި ނަމަވެސް އަދިވެސް ދިވެހިންނަށް އެންމެ ކަމުދާ ލިސްޓުގައި ހިމެނެނީ ކަނޑުކުކުޅާއި ފިހުނު މަހާއި ގަރުދިޔައާއި ދޮންކެޔޮ ނޫނީ މުގުރިހައާއި ކިރުގަރުދިޔައެވެ. މައިގަނޑަކީ ގަރުދިޔައެވެ. އެކި ކަހަލަ ސޫޕާއި އެކި ކަހަލަ ޑިޝްތައް ހެދުނަސް އަސްލަކީ މި ބުނާ ގަރުދިޔައެވެ.
މިހުރިހާ ބާވަތަަކާއެކު އާންމުކޮށް ހުރިހާ ގޭގެއެއްގެ ސުފުރާމަތި ފަޅުފިލުވައިލާ އެކައްޗަކީ ބަތްޕެނެވެ. މިއީ ސަބަބެއް ނެތި ދިގުލައިގެން އަންނަ އާދަކާދައެއް ނޫނެވެ. ބަތްޕެނަކީ އަނެއް ދުވަހު، ރޯދައަށް ހުންނައިރު، މީހާ ތާޒާކޮށް ގަދަފަދައަށް ބަހައްޓައިދިނުމަށް އެހީތެރިވާ ހެޔޮ އެކުވެރިއެކެވެ. ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދެއެވެ.
ބަތްޕެނުގައި ހުންނަ ބަތް ހުންނަނީ މަޑުގިނީގައި ގިނައިރު ކައްކާފައެވެ. ދެން މިއަށް އަޅަނީ ކުޑަކާށިކިރު ފޮދެކެވެ. ދެބައި އެކުވެ ނިއުޓްރިޝަންސްގެ މުއްސަނދިކަމުން ހަށިގަނޑަށް އެތައް ކެލޮރީސްއަކާއެކު ފެން ލިއްބައިދެއެވެ. ހަޖަމު ކުރާ ނިޒާމަށް ލުއިކޮށްދެއެވެ. ހަޖަމު ކުރުން މެއަށް ފިނި ވުމުން މަސައްކަތް އަވަހަށް އޮމާންކޮށް ނިމެއެވެ. ބަތަކީ ފައިބަރު ގިނަ އެއްޗެކެވެ. ކާށިކިރުގައިވެސް ފައިބަރު ހުރެއެވެ. ވިޓަމިންސާއި މިނެރަލްސް އިން މުއްސަންޖެވެ. ބަތުގައި ހުންނަ ފައިބަރާއި ކެލޮރީސް މީހާގެ ގައިގައި ހަކަތަ އިތުރުކޮށް ކިޑްނީއަށް ފައިދާކޮށްދެއެވެ.
ބަތްޕެނަށް މާމުއި ފޮދެއް އެޅުމުން އިތުރު ކެލޮރީސް އެކުވުމުން މެއަށް އިތުރަށް ފިނިކޮށްދެއެވެ. މިހުރިހާ ކަމަކަށްވުރެ ހާއްސަ މަސައްކަތެއް ބަތްޕެން ކޮށްދެއެވެ. ރޯދަމަހަކީ އާންމުގޮތެއްގައި އެންމެނަށްވެސް ކޮންސްޓިޕޭޓް ނުވަތަ ބަނޑުހަރުވުމާއި ފާހާނާއަށް ދިއުމުގައި (ބޮޑުކަމުދިއުމުގައި)ވާ ދަތިވެއެއެވެ. މިކަމަށް ބަތްޕެނަކީ އެއްވަނައިގެ ހައްލެކެވެ. ބަތްޕެނުން ފަސޭހަކޮށް ވައިގެ މައްސަލައަށްވެސް މިއީ އެއްވަނައިގެ ހައްލެކެވެ.
ޑޮކްޓަރ އައިޝާ ވިދާޅުވި ގޮތުގައި ބަތްޕެނަކީ ހާރުކެއުމަށްފަހު ބޭނުން ކޮށްލަން ވަރަށްވެސް ރަނގަޅު ފައިދާ ހުރި ބުއިމެކެވެ. މޭގައި ރިއްސުމާއި މެއިން ދިލަ ނެގުން ފަދަ ކަންތައްތަކަށް ހާރުގެ ފަހުން ބޯލާ ބަތްޕެން ފޮދު މޮޅު ގޭސްޓްރިކް ބޭހާއި އިންޖެކްޝަނަށްވުރެ މާ ރަނގަޅުކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ކުރިންވެސް ބުނި ގޮތަށް ކެލޮރީސް ނިއުޓްރިޝަންސް ވިޓަމިންސާއި މިނެރަލްސް އަދި ފައިބަރ ހިމެނޭކަމަށް ޑޮކްޓަރ ވަނީ ވިދާޅުވިއެވެ.