މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ރޯދަމަހުގެ ބަރަކާތާއި ދަރުމަ ހޯދުމަށް މުސްލިމުން ދަނީ މިންނެތް މަސައްކަތް ކުރަމުންނެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައިވެސް މިއާދަކާދަ އޮވެއެވެ. ދުރާލައި ތައްޔާރުވެ، އަޅުކަމަށް ވަގުތު ހުސްކުރުމަށް މަސައްކަތްތައްވެސް ތާވަލުކޮށް ނިންމައެވެ. ރޯދައަށް ކަންތައްތައް ލުއިކޮށް ކުރެވޭ ގޮތަށް ކަންތައް ކުރެއެވެ. ބޭނުމަކީ ރޯދަ މަހުގެ ތެރޭގައި ބުރަ އަދި ބަރު މަސައްކަތެއް ނުކޮށް ރޯދައިގެ އަޅުކަމަށް ރޯދަމަސް ޚާއްޞަ ކުރުމުގެ ބޭނުމުގައެވެ. އަދި ހިތްފަސޭހަ، ކަންކަން ފުރިހަމަ، ސާފުތާހިރު މާޙައުލެއްގައި ރޯދަމަހުގެ ދުވަސްތައް ހޭދަކުރުމުގެ ބޭނުމުގައެވެ.

ދިވެހިންގެ ތެރޭގައި މިކަންތައް އޮންނަނީ ކުރީގައި އޮތް ގޮތާއި މިހާރު އތް ގޮތް ތަގާތެވެ. މީގެ ކުރިން އެކިކަހަލަ އަޅުކަންތަކަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަންތައްތައް ދުރާލައި ރޭވުންތައް ރޭވުމާއި ތާވަލު ކުރުން މިވަނީ ބަދަލުވެފައެވެ. އޭގެ ބަދަލުގައި މިހާރު ރޯދަމަސް ފެށުމުގެ ކުރިން މި 30 ދުވަހު ކުޅޭނެ ކުޅިވަރުތަކާއި މުނިފޫހިިލުވުމުގެ އެކި ޕްރޮގްރާމްތައް ވަނީ ތައްުޔާރުކޮށް ނިންމާފައެވެ.

ފަހަކަށް އައިސް ރޯދައިގެ ބޭނުން ރަނގަަޅަށް ހިފާ މީހުން ތިބިކަމުގައި ވިޔަސް، ދިވެހިންގެ ތެެރޭގައި ކުޅިވަރާއި ސަކަރާތަށް އަދި އިސްރާފަށް މާބޮޑަށް ސަމާލުކަންދޭ ކަން ފާހަގަ ކުރެވެއެވެ. ވަގުތާއި ކާބޯތަކެތިންވެސް އިސްރާފު ކުރާތަން އާންމުކޮށް ފެނެއެވެ. ރޯދަމަހު ތިން ހަތަރު ގޮތަކަށް މާލެތެރެއިންވެސް މީހުން ފެނެއެވެ. އެއްބައިމީހުނަށް މިއީ ރޭގަނޑު ހޭލާ ތިބެފައި ފަތިސްވުމުން ނިދާލުމަށްފަހު އަސުރުން ފޭބީމާ ހޭލައިގެން ކަންކަން ނޫނީ ފިނިބުރަށް ނުކުންނަ ގޮތަށް ރޭވިފައި އޮންނަ ދުވަސްތަކެކެވެ.

އަނެއް ބައި މީހުންނަށް މިއީ ހަމައެކަނި ނަމާދު ގަޑިއަށް ހޭލާފައި ނަމާދުކޮށްގެން އަނެއްކާވެސް ނިދާލާފައި ހަވީރު ފިންޏަށް ތެދުވެ ރޯދަވީއްލާ ގަޑިއަށް ތައްޔާރުވުން އޮންނަ މަހެކެވެ. ރޭގަނޑު ކުޅިވަރަށް ދުވާލު ނިދުމާއި ވަރުބަލިކަން ފިލުވައިލާ ކެއްކުމާއި ކެއުމަށް ތައްޔާރުކޮށްލައި އެންމެން އެކުގައި އެކިކަހަލަ ކެއުންތަކުން ރޭގެ ރޯދަވީއްލުމުން ރޯދަމަސް ފުރިހަމަވީކަމަށް ދެކޭ މީހުންވެސް މަދެއްނޫނެވެ.

މިކުޑަކުޑަ އެހެނަސް ނުހަނު މީހުން ގިނަ މާލޭގެ އެކި ގޭގެއަށް ދާން ޖެހޭ ކަހަލަ މަސައްކަތަކާ ހަވާލުވެގެން ހުރި ފަހަަރަކަށްވީތީ މިދިޔަ އަހަރު ރޯދަމަހު މާލޭގެ ވަރަށް ގިނަ ގޭގެއަށް ޒިޔާރަތް ކުރެވުނެވެ. ގާތްއެކުވެރިންނާއި ނުދަންނަ މީހުންގެ ގޭގެ އަށްވެސް ގޮސް ގިނަ އިރުތަކެއް އިންނަން ޖެހުނެވެ. ރޯދަމަސް ކަމުން ކަމުން ކިޔަވައިދިނުމުގައި ބޮޑަށް ބެލީ ރޯދައާ ގުޅުން ހުރި ފިލާވަޅުތަކަށެވެ. ހީވެސް ނުކުރާކަހަލަ ކަންތައްތަކާ ދިމާވިއެވެ.

ކުޑަކުދިންނަށް ނަމޫނާ ވާން ޖެހޭ ބެލެނިވެރިން، ގޭގައި އުޅޭ ބޮޑެތި މީހުން ކުދިންގެ ކުރިމަތީގައި ރޯދައަށް އެއްވެސް ގަދަރެއް އިހުތިރާމެއް ނުދިނުމުން ވާނެ ގޮތް އެނގޭނެކަން ޔަގީނެެވެ. މިއީ ގަބޫލުކުރަން ބޭނުން ނުވިޔަސް ބައެއް އާއިލާތަކުގައި ކަން އޮތްގޮތެވެ. ނަމާދެއް ޤުރުއާނެއް ޒިކުރެއް ނުކުރެއެވެ. އެކަމަކު މައުރިބް ބަންގިއަށް ސުފުރާ ތައްޔާރު ކުރެއެވެ. ދެން އޮންނަނީ ކުޅިވަރާއި ސަކަރާތްޖެހުމެވެ.

މިފަދަ ކަންތައްތަކުން ސަލާމަތްވާން އެބަޖެހެއެވެ. މިއީ ހަޔާތުގައި އަންނާނޭ ކިތައް ވަނަ ރޯދަމަސް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. މި ވަގުތު އަނބުރައެއް ނާންނާނެއެވެ. އުފާވެސް ކުރަން ވާނެއެވެ. މަޖަލާއި ސަމާސާ ކުރުންވެސް އޮންަން ޖެހޭނެއެވެ، އެހެންނަމަވެސް ހައްދެއްގެ ތެރެއިންނެވެ، ކަނޑައެޅިފައިވާ އިމުގެ ތެރެއިންނެވެ. ރޯދައިގެ ސަވާބާއި ދަރުމަ ހޯދުމަށް އަވަހަށް އަވަސް ކުރަމާތޯއެވެ. މިއީ އިސްރާފުގެ މަހަކަށް ނުހަދައި މިއީ ބޭނުންތެރި މަހަކަށް ހަދަމާތޯއެވެ. ކާމިޔާބާއި ފަލާޙު އޮތީ ﷲތަޢާލާ އަންގަވާފައިވާ ގޮތަށް މިމަހުގެ ބޭނުން ހިފުމުހައިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މި ރޯދަމަހަކީ އިސްރާފާއި ސަކަރާތުން ފުރިފައިވާ މަހަކަށް ނުހެދުމަށް އަޒުމު ކަނޑައަޅައިގެން ކުރިއަށް ދަމާތޯއެވެ.