ބަސްމަލާގެ މާނަ
- ޢަރަބި ބަހުގައި البَسْمَلَة ގެ މާނައަކީ: ﷲ ގެ އިސްމުފުޅުން ފެށުމެވެ.
މި ލިޔުމުގައި البَسْمَلَة ގެ މުރާދަކީ ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން بِاسْمِ اللهِ الرَّحْمٰنِ الرَّحِيْم މިފަދައިން ކިޔުމެވެ.
މާނައަކީ: ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
- ސޫރަތެއްގެ މެދުތެރޭގައި ބިސްމި ވާރިދުވެފައިވަނީ ނަމްލު ސޫރަތުގައެވެ.
އެއީ ނަމްލު ސޫރަތުގެ އަންނަނިވި އާޔަތެވެ.
﴿إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ﴾ [سورة النمل ٣٠]
މާނައީ: “އެއީ ހަމަކަށަވަރުން ސުލައިމާނުގެފާނުގެ އަރިހުން އައި ސިޓީފުޅެކެވެ. އަދި ހަމަކަށަވަރުން އޭގައި އަންގަވާފައިވަނީ باسـم اللَّه الرّحمـن الرّحيـم އެވެ. (އެބަހީ: ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.)”
- ތައުބާ ސޫރަތް ފިޔަވާ އެހެން ހުރިހާ ސޫރަތެއް ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ ވާޖިބެކެވެ.
- ތައުބާ ސޫރަތް ފަށާއިރު ބިސްމި ކިޔަން ނުޖެހެއެވެ. އަދި މުޞްޙަފުގައިވެސް ތައުބާ ސޫރަތް ފަށާއިރު ބިސްމި ލިޔެފައި ނުވެއެވެ.
ބިސްމީގެ ޞީޣާ
ކީރިތި ޤުރުއާނު ތިލަވާވަތުކުރުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ބިސްމީގެ ޞީޣާއަކީ: بِاسْمِ اللهِ الرَّحْمٰنِ الرَّحِيْم އެވެ.