އިސްތިޢާޛާގެ މާނަ

ޢަރަބި ބަހުގައި الاِسْتِعَاذَة ގެ މާނައަކީ: ރައްކާތެރިކަމަށް އެދުމެވެ.

މި ތަނުގައި الاِسْتِعَاذَة ގެ މުރާދަކީ ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން أَعُوْذُ بِاللهِ مِنَ الشّيطَانِ الرَّجِيْمِ މިފަދައިން ކިޔުމެވެ.

މާނައަކީ: ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲގެ ރައްކާތެރިކަމަށް އެދި މިއަޅާ ދަންނަވަމެވެ.

ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން أَعُوْذُ بِاللهِ مِنَ الشّيطَانِ الرَّجِيْمِ ކިޔަނީ: ކީރިތި ޤުރުއާން ކިޔަވައި އޭގެ މާނައާ މެދު ވިސްނައި އަދި އެއަށް އަމަލުކުރުމުން އެއްކިބާ ކުރަން ޝައިޠާނާ މަސައްކަތް ކުރާތީ، އޭނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ.

އިސްތިޢާޛާ ކިޔުން ޝަރުޢުކުރައްވާފައިވާކަމުގެ ދަލީލު

ކީރިތި ޤުރުއާން ފެށުމުގެ ކުރިން އިސްތިޢާޛާ ކިޔުމަކީ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ﴾ [سورة النحل ٩٨]

މާނައީ: “ފަހެ ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲގެ ރައްކާތެރިކަމަށް އެދި ދަންނަވާށެވެ.”

އިސްތިޢާޛާގެ ޞީޣާ

  • އިސްތިޣާޛާގެ މާނަ ދޭހަވާ ޞީޣާތަކެއް އެކި ޤާރީން ޛިކުރުކުރައްވައެވެ.
  • އިސްތިޢާޛާ ކިޔުމަށް ކީރިތި ޤުރުއާނުގައި އައިސްފައިވާ އަމުރުފުޅާ އެންމެ ގާތް ޞީޣާއަކީ:
  • أَعُوْذُ بِاللهِ مِنَ الشّيطَانِ الرَّجِيْمِ އެވެ.

އިސްތިޢާޛާގެ ޙުކުމް

ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އިސްތިޢާޛާ ކިޔުމަކީ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މުސްތަޙައްބު ކަމެކެވެ.